ސުވައިދީބު ހާދިސާ އަފީފު ކިޔައިދެއްވި ގޮތަށް، މިރޭ ނެރެނީ!

މީގެ 59 އަހަރު ކުރިން، އިނގިރޭސީން އަޑީގައި ތިބެގެން އުފެއްދި ދެކުނުގެ ދައުލަތުގައި އިސްކޮށް ހުންނެވި، އަބްދުﷲ އަފީފް ދެއްވި އިންޓަވިއުއެއްގެ މައްޗަށް، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަހްމަދު ޒާހިރު (ސީނާ ޒާހިރު) ލިޔުއްވި ފޮތް މިރޭ ނެރެން ނިންމައިފި އެވެ.


"ރައްޔިތު އަހުމަދު" ނަމުގައި ދުވަހު ނޫސް ހަވީރުގައި ކޮލަމް ލިޔުއްވި ޒާހިރުގެ އާ ފޮތަށް ދެއްވި ނަމަކީ "އައްޑޫ "ރަދުން"" އެވެ.

ފޮތުގައި ހިމެނޭ ބައިތައް ބިނާކުރައްވާފައި ވަނީ، ޒާހިރު ވިދާޅުވި ގޮތުގައި، 1980ގެ ކުރީކޮޅު އޭނާ ނެންގެވި އަފީފްގެ އިންޓަވިއުއަކަށެވެ. އެ އިންޓަވިއުގެ ސިލްސިލާތައް ޒާހިރު އޭރު ނެރުއްވި ނޫސް "ހަފްތާ" ގައި ޝާއިއުކުރި އެވެ. މިރޭ ނެރެނީ އެ ހުރިހާ ރިޕޯޓެއް އެއް ފޮތެއްގެ ގޮތުގަ އެވެ.

ޒާހިރު ވިދާޅުވި ގޮތުގައި އަފީފުގެ އިންޓަވިއު ނެންގެވީ ދެކުނު ބަގާވާތާ ގުޅޭ ގޮތުން އަފީފުގެ ވާހަކަތައް ރާއްޖޭގެ އެއްވެސް މީޑިއާއެއްގައި އެހާތަނަށް ގެނެސްދީފައި ނުވާތީ އެވެ. އަފީފުގެ ވާހަކަތަކުން އެނގެނީ، ޒާހިރު ވިދާޅުވި ގޮތުގައި، އޭނާ އަށް ގޯހެއް ހެއްދެވުނުކަމެވެ. އަދި ދެކުނުގައި ވަކި ދައުލަތެއް ހެއްދެވީ ކީއްވެގެންކަން އަފީފު ކިޔައިދެއްވި ކަމަށް ޒާހިރު ވިދާޅުވި އެވެ.

އޭރުގެ ފޮޓޯތަކާ އެކު ޗާޕްކޮށްފައިވާ ފޮތުގައި 175 ސޮފްހާ ހިމެނެ އެވެ.

"މީގައި އަޅުގަނޑުގެ ކޮމެންޓެއް ނޯންނާނެ. އަފީފު ވިދާޅުވި ގޮތަށް، ކަން ހިނގި ގޮތް ލިޔެފައި ވާނީ. މި ފޮތުން އެނގޭނެ އޭރުގެ ސަރުކާރު [އިބްރާހިމް ނާސިރުގެ ވެރިކަން]ގެ މައްސަލަތައް ހުރިކަން، މަޝްވަރާކޮށްގެން ހައްލުކުރެވޭނެ ކަންކަން ހައްލުނުކުރެވިގެން ދިމާވި ކަމެއްކަން،" ފޮތުގެ ހުލާސާއެއް ދެއްވަމުން ޒާހިރު ވިދާޅުވި އެވެ.

މީގެ 25 އަހަރު ކުރިން އަވަހާރަވި އަފީފުގެ އިންޓަވިއު ޒާހިރު ނެންގެވީ، ޓޫރިޒަމް އެންޑް ފޮރިން އިންވެސްޓްމަންޓްގެ އެސިސްޓެންޓް ޑިރެކްޓަރަކަށް ހުންނެވިއިރު ސީޝެލްސް އަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގެ ތެރެއިންނެވެ. ޒާހިރު ހުންނެވި ހޮޓަލުގައި ދެއްވި އެ އިންޓަވިއު ހަ ގަޑިއިރަށް ދިގުދެމިގެން ދިޔަ އެވެ.

"ޔޫއެންޑީޕީގެ ދަތުރެއްގައި އަޅުގަނޑު ސީޝެލްސްއަށް ދިޔައީ. ދެން އަޅުގަނޑު އިންޑިއާގައި ކިޔަވަން ހުރި ދުވަސްވަރު [1970ގެ އަހަރުތައް] ވެސް އަފީފާ ގުޅަން މަސައްކަތް ކުރިން. ސީޝެލްސްއަށް ގޮސް އަފީފުގެ ގެއަށް ވަޑައިގެން އަޅުގަނޑު އިންޓަވިއުއަކަށް އެދުމުން ފުރަތަމަ އެއްވެސް ޖަވާބެއް ނުދެއްވި. ފަހުން އަޅުގަނޑު ހޮޓަލަށް އައި ފަހުން ގުޅުއްވާފައި ވިދާޅުވީ އިންޓަވިއު ދޭން ތައްޔާރު ކަމަށް،" ސިޔާސީ އަދި އިޖުތިމާއީ ގޮތުން ގިނަ ކޮލަމްތަކެއް ލިޔުއްވި ޒާހިރު ވިދާޅުވި އެވެ.

އައްޑޫ ބަގާވާތަށް ފަހު އަފީފް އާއި މުޅި އާއިލާ އިނގިރޭސި ސަރުކާރުން ވަނީ ސީޝެލްސް އަށް ބަދަލުކޮށްފަ އެވެ. އޭނާގެ ބައެއް ބޭފުޅުން މިހާރު ގެންދަވަނީ އެ ގައުމުގެ އިސް ބައެއް މަގާމުތައް ވެސް ފުރުއްވަމުންނެވެ.

މީގެ 36 އަހަރު ކުރިން ހަފްތާ ނޫހުގައި އަފީފްގެ ރިޕޯޓްތައް ލިޔުއްވުމުން ޒާހިރަށް ކުރިމަތިވި ފާޑުކިޔުންތަކަށް "އައްޑޫ ރަދުން" ގައި އޭނާ ރައްދު ދެއްވާފައިވެ އެވެ.

"ޕްރޮމޯޓް ކުރަން އުޅެނީއެއް ނޫން. ނުބައި މީހަކަށް ވިޔަސް ޝަހުސިއްޔަތު ވާނީ ޝަހުސިއްޔަތަކަށް،" ޒާހިރު ވިދާޅުވި އެވެ.

ނެޝަނަލް އާޓް ގެލަރީގައި މިރޭ ބާއްވާ ހަފުލާގައި އެފޮތް ނެރޭ އިރު މާދަމާއިން ފެށިގެން އަޝްރަފީ ބުކްޝޮޕުން އެފޮތް ވިއްކަ އެވެ. ފޮތުގެ އަގަކީ 175 ރުފިޔާ އެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރުގަައި އިސް މަގާމުތަކެއް ފުރުއްވާފައިވާ ޒާހިރު މީގެ ކުރިން ވަނީ ދެ ފޮތެއް ނެރުއްވާފަ އެެވެ. އެއީ ސައުދީ އަރަބިއްޔާގެ މައުލޫމާތު ހިމެނޭ އަތްމަތީ ފޮތަކާއި ރައީސް މައުމޫންގެ ވެރިކަމާ ގުޅޭ ގޮތުން ލިޔުއްވި "ތިރީސް އަހަރު" އެވެ.