ފާރިސްގެ ކިތާބީ ހެކިތަކަށް ފުރުސަތު ދީ، ޚުލާސާ ބަޔާން ފަސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް ކުރާ ޝަހްސު އޮޅުވައިލުމުގެ ދައުވާގެ ޝަރީއަތުގައި ފާރިސްގެ ފަރާތުން ދިފާއުގައި ހުށަހެޅި ކިތާބީ ހެކިތަކަށް ފުރުސަތު ދީ، އެ މައްސަލައިގެ ޚުލާސާ ބަޔާން ހުށަހެޅުން އަންނަ ހަފުތާ އަށް ފަސްކޮށްފި އެވެ.


ފާރިސްގެ މައްޗަށް ޝަހްސު އޮޅުވައިލުމުގެ ދައުވާ ކުރަނީ ޕީޕީއެމްގެ ދިދަ އާއި ލޯގޯ ގަވާއިދާ ޚިލާފަށް ބޭނުންކުރި ކަމަށް ބުނެ އެވެ. އެ މައްސަލައިގައި މިއަދު ބޭއްވި އަޑުއެހުމަކީ ޚުލާސާ ބަޔާން ހުށަހަޅައި، އަޑުއެހުންތައް އެއްކޮށް ނިންމާލުމަށް ބޭއްވި އަޑުއެހުމެކެވެ.

އެކަމަކު އަޑުއެހުން ފެށުމާ އެކު ފާރިސްގެ ވަކީލުން ވަނީ އެ މައްސަލައިގައި ފާރިސްގެ ފަރާތުން ދިފާއުގައި ހުށަހެޅި ކިތާބީ ހެކިތައް ޝަރީއަތުގެ މަޖިލީހުގައި ހުށަހެޅުމުގެ ފުރުސަތު ކުރިން ނުލިބޭ ކަމަށް ބުނެ އެކަން ފާހަގަކޮށްފަ އެވެ. ފާރިސްގެ ފަރާތުން ދިފާއުގައި 27 ކިތާބީ ހެއްކެއް ހުށަހަޅާފައިވާ އިރު، އެ ހެކިތައް ޝަރީއަތުގެ މަޖިލީހުގައި ހުށަހަޅައި، ވާހަކަ ދައްކަން ފުރުސަތު ނުލިބެނީސް ޚުލާސާ ބަޔާން ހުށަނޭޅޭނެ ކަމަށް ބުނެ، ވަކީލުން އެދުނީ އެ ފުރުސަތު ދިނުމަށެވެ.

އެކަމަށް ދައުލަތުން ވެސް ދެކޮޅު ނަހަދާތީ، މައްސަލަ ބައްލަވާ ގާޒީ އިބްރާހިމް އަލީ ނިންމެވީ އެ ފުރުސަތު ދެއްވުމަށެވެ. ކިތާބީ ހެކިތަކުގެ ގޮތުގައި ފާރިސްގެ ފަރާތުން ހުށަހަޅާފައިވަނީ އެ މައްސަލައިގެ ތަހުގީގުގެ ވީޑިއޯ ރެކޯޑިން އާއި އެ މައްސަލަ ބަލައިދޭން އެދި ޕީޕީއެމުން ފުލުހަށް ފޮނުވި ސިޓީ އާއި ފާރިސް ޕާޓީން ވަކިކުރުމާ ގުޅިގެން ޕީޕީއެމާއި އިލެކްޝަންސް ކޮމިޝަނުން އެކި ފަރާތްތަކަށް ފޮނުވާފައި ހުރި ސިޓީތަކުގެ އިތުރުން ފާރިސް ޕާޓީން ވަކިކުރި ފަހުން ވެސް މަޖިލީހުގައި އޭނާ ޕީޕީއެމް ތަމްސީލުކުރި ކަން އެނގޭނެ ލިޔުންތަކެކެވެ.

މީގެ އިތުރުން ފާރިސް ކުރީ ކުށެއް ނޫން ކަމާއި އެފަދަ ކަންކަން ކުރިން ވެސް އެހެން މީހުން ކޮށްފައިވާ ކަން ސާބިތުކޮށް ދިނުމަށްޓަކައި މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމާއި މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގްގެ ކެމްޕެއިން ފޮޓޯތަކެއް ވެސް ފާރިސްގެ ފަރާތުން ހުށަހެޅި އެވެ.

އަމިއްލަ މެމްބަރުންގެ ގޮތުގައި މަޖިލީހަށް ހޮވިވަޑައިގަތް އެ ދެ މެމްބަރުންގެ އެ ފޮޓޯތައް ފާރިސްގެ ފަރާތުން ހުށަހެޅީ އެ ދެ މެމްބަރުން މަޖިލީހަށް ހޮވުނުއިރު ޕީޕީއެމްގެ މެމްބަރުންތަކެއް ކަން ދޭހަވާ ގޮތަކަށް ކެމްޕެއިން ކުރިކަން ސާބިތު ކުރުމަށެވެ. އަދި މަޖިލިސް ބަހުސްގައި މެމްބަރު ސިޔާމް ދެއްކެވި ވާހަކަތަކެއްގެ ވީޑިއޯ ވެސް ފާރިސްގެ ފަރާތުން ހުށަހެޅި އެވެ. އެކަމަކު އެ ވީޑިއޯ ދިގުކަމުން ފާރިސްގެ ވަކީލުންގެ އެދުމުގެ މަތިން ގާޒީ ނިންމެވީ އެ ވީޑިއޯގައި ފާހަގަކުރާ ކަންކަން ވަކިން ހިމެނޭ ސީޑީއެއް އާދިއްތަ ދުވަހު ހުށަހެޅުމަށެވެ.

މީގެ އިތުރުން މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު އެމްޑީޕީން ވަކި ކުރި ފަހުން ވެސް އެމްޑީޕީގެ ދަފްތަރުގައި އޭނާގެ ނަން އޮތް ކަމާއި އެމްޑީޕީގެެ މެމްބަރެއްގެ ގޮތުގައި އޭނާ އަށް މަޖިލީހުން ވަގުތު ދިން ކަން އެނގޭ ލިޔުންތަކެއް ވެސް ފާރިސްގެ ފަރާތުން ހުށަހެޅި އެވެ.

ކިތާބީ ހެކިތައް ހުށަހެޅުމަށް ފަހު ފާރިސްގެ ވަކީލުން ބުނީ ފާރިސްގެ ދިފާއީ ހެކިންގެ ގޮތުގައި ކުރީގެ އަޑުއެހުމުގައި ހެކިބަސް ދިން މީހުންގެ ބަޔާންތައް ދޭން ކޯޓުގައި އެދިފައިވާނެ ކަމަށާއި އެ ތަކެތި ނުލިބެނީސް ޚުލާސާ ބަޔާން ހުށަހަޅަން ދަތިވާނެ ކަމަށެވެ. އަދި ޚުލާސާ ބަޔާން ހުށަހެޅުމުގެ ކުރިން ހެކިންގެ ބަހާ ގުޅޭ ގޮތުން ވާހަކަ ދެއްކުމަށް އިތުރު ފުރުސަތު ބޭނުންވާ ކަމަށް ވެސް ވަކީލުން ބުންޏެވެ.

ގާޒީ އިބްރާހިމް ވިދާޅުވީ ހެކިންގެ ބަޔާންތައް ދޫނުކުރެވި އޮތީ ބަޔާންތަކުގައި ހެކިވެރިން ސޮއި ނުކޮށް އޮތުމުން ކަމަށާއި އެކަމަށް ކޯޓުން މަސައްކަތް ކުރުމުން ވެސް އެކަން އަދިވެސް ކާމިޔާބު ނުވާ ކަމަށެވެ. އެކަމަކު ބަޔާންތަކުގައި ހެކިވެރިން ސޮއި ކުރުމުން އެ ބަޔާންތައް ފާރިސްގެ ވަކީލުންނަށް ފޯރުކޮށް ދެއްވާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.

ގާޒީ ވިދާޅުވި ގޮތުގައި އެ ބަޔާންތައް ފޯރުކޮށް ދިނުމަށް ފަހު ޚުލާސާ ބަޔާން ހުށަހެޅުމަށްޓަކައި އިތުރު ފުރުސަތު ދެއްވުމުގެ ގޮތުން އަންނަ ހޯމަ ދުވަހު އަޑުއެހުމެއް ބާއްވާނެ އެވެ. އަދި ހެކިންގެ ބަހާ ގުޅޭ ގޮތުން ފާހަގަ ކުރަން ބޭނުންވާ ކަންކަން އެ ބަޔާނުގައި ހިމެނިދާނެ ކަމަށާއި އެކަމަކު ޚުލާސާ ބަޔާން ހުށަހަޅަން އިތުރު ފުރުސަތެއް އޭގެ ފަހުގައި ނުދެވޭނެ ކަމަށް ގާޒީ ވިދާޅުވި އެވެ.

ޚުލާސާ ބަޔާނަށް ފަހު، އިތުރު ކަމެއް ސާފުކުރަން ނުޖެހޭ ނަމަ ދެން އޮންނާނީ ހުކުމް އިއްވުމެވެ.

ފާރިސްގެ މައްޗަށް އެ ދައުވާ ސާބިތުވެއްޖެ ނަމަ މަދުވެގެން ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ. އެ ހުކުމް އަޔަސް މެމްބަރުކަމުގެ ގޮނޑިއެއް ނުގެއްލޭނެ އެވެ. އެކަމަކު ހުކުމުގެ މުއްދަތުގައި މަޖިލީހަށް ހާޒިރެއް ނުވެވޭނެ އެވެ.

ޝަހްސު އޮޅުވާލުމުގެ ދައުވާގެ އިތުރުން ޓެރަރިޒަމްގެ ދައުވާއަކާއި ރިޝްވަތު ދިނުމުގެ ދައުވާއެއް ވެސް ފާރިސްގެ މައްޗަށް ދައުލަތުން ކުރެ އެވެ. އެ ދެ މައްސަލަ ކުރިއަށް ގެންދަނީ ވަކިންނެވެ.

އަބްދުﷲ ޖާބިރު

3

ކާށިދޫ ދާއިރާ