ނިހާންގެ އިސްލާހުގެ އަމާޒަކީ ޕްރޮފެސަރު އުގައިލް!

ރިޔާސީ އިންތިޚާބުގައި ރައީސް އަބްދުﷲ ޔާމީން ބަލިކުރަން، އިދިކޮޅުން ނެރެން އެންމެ ފުރުސަތު ބޮޑު، ގާބިލް ކެންޑިޑޭޓަކީ ޕްރޮފެސަރު ހަސަން އުގައިލް އެވެ؛ މިއީ، އިންތިޚާބަށް އިދިކޮޅުން އެއް ކެންޑިޑޭޓަކު ނެރުމުގެ ވާހަކަ ފެށުމާ އެކު، ފެތުރުނު އަޑެކެވެ.


މި ސަރުކާރުން، އިދިކޮޅު ސިޔާސީ ލީޑަރުން ތާށިކޮށްފައިވާ ވަރަށް ބަލާއިރު، ކެންޑިޑޭޓެއްގެ ގޮތުގައި އުގައިލް ނުކުންނަވާފާނެ ކަމަށް އުއްމީދުކުރި ބަޔަކު ވެސް ތިއްބެ އެވެ. އެކަމަކު އެ ލިސްޓުން އުގައިލްގެ ނަން ވެސް އުނިކޮށްލަން، ރިޔާސީ އިންތިޚާބާ ބެހޭ ގާނޫނަށް، ވެރިކަން ކުރާ ޕީޕީއެމުން މިވަނީ، ބިލެއް ހުށަހަޅައިފަ އެވެ.

ވިލިމާލެ ދާއިރާގެ މެމްބަރު، އަދި ވެރިކަންކުރާ ޕީޕީއެމް ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު އަހުމަދު ނިހާން، ރިޔާސީ އިންތިޚާބާ ބެހޭ ގާނޫނަށް ހުށަހެޅުއްވި އިސްލާހުގައި ބުނެފައި ވަނީ އެއްވެސް އިރެއްގައި ބޭރު ގައުމެއްގެ ރައްޔިތަކަށް ވެފައި ވާ ނަމަ އެފަދަ މީހަކަށް ރިޔާސީ އިންތިހާބަށް ކުރިމަތިލެވޭނީ އެމީހަކު ބޭރުގެ ރައްޔިތުކަން ދޫކޮށްލިތާ 10 އަހަރު ފަހުން ކަމަށެވެ. އެހެންކަމުން، މި ބިލުގެ އަމާޒަކީ މީގެ 15 އަހަރު ކުރިން، އިނގިރޭސިވިލާތުގެ ރައްޔިތަކަށް ވެވަޑައިގެންނެވި އުގައިލް ހެއްޔެވެ؟

އެގޮތަށް ބެލެވިދާނެ ސަބަބުތަކެއް އެބަ ހުއްޓެވެ. އެއް ކަމަކަށް، އިދިކޮޅުން އިންތިޚާބަށް ނެރެފާނެ ކަމަށް ބެލެވޭ ބޭފުޅުންގެ ތެރޭގައި، އުގައިލް ފިޔަވައި، ބޭރު ރަށްވެހިކަން ހޯއްދަވައިގެން ހުންނެވި ބޭފުޅަކު ނެތުމެވެ. އެއާއެކު، އިލްމީ ގޮތުން މައުލޫމާތު ފަތުރައްވަމުން ގެންދަވާ، އުގައިލް، ސިޔާސީ ގޮތުން ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުވިދާޅުވާން ފެއްޓެވުމަކީ ވެސް، ސަރުކާރަށް ކުރިމަތިވި ބިރެކެވެ.

ނިހާން ވިދާޅުވެފައިވާ ގޮތުން ނަމަ އެ އިސްލާހު ގެންނަން ނިންމީ ބޭރުގެ ގައުމެއްގެ ނުފޫޒުން ރާއްޖެ އެއްކިބާ ކުރުމަށެވެ. އަދި އެއީ ރާއްޖޭގެ މިނިވަންކަން ދަމަހައްޓަން ގެންނަ އިސްލާހެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަޅުގަނޑު އެއްގޮތަކަށް ވެސް ރާއްޖޭގެ ވެރިކަން ކުރަން ބޭނުންވެގެން ނޫޅޭން. ބޭނުންވަނީ ގައުމަށް ރަނގަޅު ބަދަލެއް ގެންނަން. އެގޮތަށް ބަލާއިރު، ގާނޫނަށް އިސްލާހު ގެނަޔަސް އެ މަސައްކަތުގައި އަޅުގަނޑަކަށް ހުރަހެއް ނެތް. --އުގައިލް

އެކަމަކު، އުގެއިލް ދެކެވަޑައިގަންނަވާ ގޮތުގައި، އެ އިސްލާހުގައި، ސަރުކާރުގެ ވިސްނުމަކީ، އަމާޒަކީ ސީދާ އޭނާ އެވެ. ސަބަބެއް ކަމަށް އޭނާ ވެސް ވިދާޅުވީ، ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަފާނެ ކަމަށް ކޮންމެވެސް ވަރަކަށް އަޑު ފެތުރުމެވެ.

އެކަމަކު "އަޅުގަނޑު އެއްގޮތަކަށް ވެސް ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ޚިޔާލަކު ނޫން ހުރީކީ. އެކަމަކު އަޅުގަނޑު ނަން ކޮންމެވެސް ވަރަކަށް ފްލޯޓްވެފައި އޮތީ. އެހެންވެ އެ ފުރުސަތު ވެސް ބަންދުކުރުމުގެ ނިޔަތުގައި ސީދާ ވަކި މީހަކަށް، ނުވަތަ ވަކި ބަޔަކަށް ޓާގެޓްކޮށްފައި ހުށަހެޅި ބިލެއް ކަމަށް ލަފާކުރެވޭ،" އިނގިރޭސި ވިލާތުގައި ހުންނަވައި، ފޯނުން ދެއްވި އިންޓަވިއުއެއްގައި، އުގައިލް ވިދާޅުވި އެވެ.

ރާއްޖޭގެ ގާނޫނުއަސާސީގެ 109 ވަނަ މާއްދާގައިވާ ގޮތުން ބޭރު ގައުމެއްގެ ރައްޔިތަކަށް ރާއްޖޭގެ ރައީސްކަމުގެ މަގާމަށް ކުރިމައްޗެއް ނުލެވޭނެ އެވެ. އެކަމަކު ބޭރުގެ ރައްޔިތުކަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިހާބުގައި ބައިވެރިވެވޭނީ ވަކި މުއްދަތެއްގެ ފަހުން ކަމަކަށް ކަނޑައަޅާފައެއް ވެސް ނުވެ އެވެ.

އުގައިލް ވިދާޅުވި ގޮތުގައި ގާނޫނުތަކާއި ގަވާއިދުތަކަށް އިސްލާހު ގެންނައިރު، ވަކި މީހަކަށް ނުވަތަ ވަކި ބަޔަކަށް އަމާޒުކުރުމަކީ ހިތާމައެކެވެ.

އަޑު ފެތުރުނު ގޮތުގައި، ރިޔާސީ އިންތިޚާބުގައި އުގައިލް ވާދަކުރެއްވުމާ ގުޅޭ ގޮތުން ވާހަކަ ދެކެވުނީ، ޖުމްހޫރީ ޕާޓީއާ އެކުގަ އެވެ. އެކަމަކު އުގައިލް އެ ވާހަކަތައް ދޮގުކުރައްވަ އެވެ.

"އެއްވެސް ޕާޓީއަކާ އެކު އިންތިޚާބަށް ވާދަކުރުމާ ގުޅޭ ވާހަކައެއް ވެސް އަޅުގަނޑު ނުދައްކަން. އެހެން ނަމަވެސް އިސްލާހީ އެޖެންޑާގެ މަސައްކަތް ކުރިއަށް ގެންދެވި ބޭފުޅުންނާ އަޅުގަނޑު ވާހަކަދައްކައި މަޝްވަރާކޮށް ހެދިން ރަނގަޅު ބަދަލެއް ގެންނަން. އެއްގޮތަކަށް ވެސް އަޅުގަނޑުގެ ވިސްނުމަކު ނެތް، ދިވެހިރާއްޖޭގެ ވެރިކަން ކޮށްގެން އެ ބަދަލު ގެންނާކަށް،" އުގައިލް ވިދާޅުވި އެވެ.

ގައުމަށް ހެޔޮ ބަދަލު ގެނައުމަށް، އުގައިލް ވިދާޅުވި ގޮތުގައި، ރާއްޖޭގެ ވެރިކަން ކުރައްވާކަށް ކޮންމެހެން މަޖުބޫރެއް ނޫނެވެ.

އޭނާ އަށް ހުރަސްއަޅަން ގާނޫނަށް އިސްލާހު ގެނަޔަސް، ރާއްޖެ އަށް ބަދަލު ގެނައުމަށް އޭނާ ކުރައްވާ މަސައްކަތް ހުއްޓާ ނުލައްވާނެ ކަމަށް ވިދާޅުވި އެވެ.

"ގައުމަށް އިސްލާހު ގެންނަން މަސައްކަތްކުރާ މީހުން އެކަން ކުރާނެ ސިޔާސީ މަގާމެއް ނެތި ވެސް،" އުގައިލް ވިދާޅުވި އެވެ.