ޔޮޓް ޓުއާސްގެ އެކައުންޓްތައް ފްރީޒްކުރީ ގާނޫނާ އެއްގޮތަށް: ސިވިލް ކޯޓް

ޔޮޓް ޓުއާސް ކުންފުނީގެ އެކައުންޓްތައް މީރާގެ އެންގުމަކަށް ފްރީޒް ކުރުމަކީ ގާނޫނާ ޚިލާފަށް ކުރި ކަމެއް ނޫން ކަމަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.


ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރުގެ އާއިލީ މަސްލަހަތު އޮންނަ ޔޮޓް ޓުއާސްގެ އެކައުންޓްތައް މިދިޔަ އަހަރުގެ މާޗް މަހު މީރާގެ އެންގުމަކަށް ފްރީޒްކުރީ އެ ކުންފުންޏަށް ސަރުކާރުން ދޫކޮށްފައިވާ ހއ. އަލިދޫ ރިސޯޓާއި ހއ. ބީނާފުށީގެ އިތުރުން ކަނޑާލި ފިނޮޅުގެ ކުލި ނުދެއްކުމުންނެވެ. ޔޮޓް ޓުއާސް އިން ދައުވާކުރީ އެކައުންޓްތައް ފްރީޒް ކުރަން އެންގި އެންގުން ގާނޫނާ ޚިލާފް ކަމަށް ބުނެ އެވެ.

އެ މައްސަލަ ބެލުމަށް ފަހު އިއްޔެ ސިވިލް ކޯޓުން ކުރި ހުކުމުގައިވަނީ ޔޮޓް ޓުއާސްގެ އެކައުންޓްތައް ފްރީޒް ކޮށްފައިވަނީ އެ ތިން ރަށުގެ ކުލި އެއްބަސްވުންތަކާ އެއްގޮތަށް ދައުލަތަށް ނުދެއްކުމުން ކަން ސާބިތުވާ ކަމަށެވެ. އެހެންވެ، އެކައުންޓްތައް ފްރީޒް ކުރަން މީރާއިން އެންގި އެންގުމަކީ ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނާ ޚިލާފް ނިންމުމެއް ކަމަށް ކަނޑައަޅާނެ ގާނޫނީ ހަމައެއް ނެތް ކަމަށް ވެސް އެ ހުކުމުގައިވެ އެވެ.

އެކައުންޓްތައް ފްރީޒްކުރަން އެންގި އެންގުން ރަނގަޅު ކަމަށް ކޯޓުން ހުކުމް ކުރިއިރު، އަލިދޫ ރިސޯޓާއި ބީނާފުށީގެ އިތުރުން ކަނޑާލި ފިނޮޅުގެ ކުއްޔާއި ޖޫރިމަނާގެ ގޮތުގައި 29 މިލިއަން ޑޮލަރު (447 މިލިއަން ރުފިޔާ) ދައުލަތަށް ދައްކަން ޔޮޓް ޓުއާސްގެ މައްޗަށް ސިވިލް ކޯޓުން މިދިޔަ ހަފުތާގައި ވަނީ ހުކުމްކޮށްފަ އެވެ.