މަޝްރޫއުތަކަށް ފާޑު ކިޔަނީ ވަޒީފާ ގެއްލުނީމައި ރުޅި އައިސްގެން: މުއިއްޒު

ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުތަކަށް ފާޑު ކިޔަނީ ވަޒީފާ ގެއްލުނީމަ، އެކަމުގެ ރުޅިވެރިކަމުގައި ކަމަށް ހައުސިން މިނިސްޓަރު ޑރ.މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.


ހައުސިން މިނިސްޓަރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މަޝްރޫއުތަކަށް ފާޑު ކިޔަނީ އެކަމުގެ ތައުލީމާއި ތެދު މައުލޫމާތެއް ނެތި ސަރުކާރާ މެދު ނުރުހިގެން ކަމަށެވެ.

މިނިސްޓަރު މުއިއްޒު މިއަދު ކުރެއްވި ޓުވީޓު.

މިނިސްޓަރުގެ ޓުވީޓުގައި އެ އިޝާރާތް ކުރައްވަނީ ގައުމީ ޔުނިވަސިޓީގެ ކުރީގެ ވައިސް ޗާންސެލަރު ޑރ. ހަސަން ހަމީދު އިއްޔެ ލިއުއްވި ލިއުމަކަށް ކަމަށް ބެލެވެ އެވެ. ހަސަން ހަމީދުގެ އަމިއްލަ ވެބްސައިޓުގައި ވަނީ ހައުސިން މިނިސްޓްރީން ކުރިއަށް ގެންދާ ބައެއް މަޝްރޫއުތަކަށް އިލްމީ ނަޒަރަކުން ފާޑު ވިދާޅުވެފަ އެވެ.

ސަރުކާރުން ރާވައި ހިންގާ މަޝްރޫއުތަކުގެ ފެންވަރާ މެދު ފަހަކަށް އައިސް ގިނަ އަދަދެއްގެ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.

މާލޭގެ ރަސްފަންނު ދޭތެރެ ދޭތެރެއިން ގިރައިގެން ދާތީ އެ ސަރަހައްދަށް ވެލި އަޅަ އެވެ. އަދި ރަސްފަންނު ސަރަހައްދުން ފެށިގެން ސުނާމީ ބިނާ މައިޒާނާ ހަމަ އަށް ހެދި ދުވާ ޓްރެކުގައި އެޅި ސިންތެޓިކް ރަބަރު ހަލާކުވާތީ އެކަމުގެ ޝަކުވާ ވެސް ބައެއް ފަރާތްތަކުން ދަނީ ކުރަމުންނެވެ.

މީގެ އިތުރުން، ސްޕީޑު ބްރޭކަރާއި ކަފިހި ހުރަހާއި ޕާކިން ޒޯންތައް ފަދަ ތަންތަން އަންގައިދިނުމަށް އެންމެ ކުރީއްސުރެ ލާފައި ހުންނަ ރީނދޫ ކުލަ ފުހެލައި އޭގެ މަތިން ހުދު ކުލައިގެ ދަވާދު ލާން ފެށުމުން ހުދު ކުލަ ދަނީ ފޮހެވެމުންނެވެ. އިސްލާމީ މަރުކަޒު މައިދާނުގައި ޖެހި ބައެއް މާބުލްތަކުގައި ވެސް ވަނީ ރެނދު ލާފަ އެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބިޔަ މަޝްރޫއުތައް ހިންގަމުން އެބަ ދެ އެވެ. ހާއްސަ ގޮތެއްގައި މާލެ އާއި ހުޅުލެއާ ދެމެދު އަޅާ ބްރިޖާއި އެއާޕޯޓުގެ އާ ރަންވޭ އެޅުމަށް ބިން ހިއްކުމުގެ މަސައްކަތް ފާހަގަކޮށްލެވެ އެވެ.