ދުއާ ކުރަނިކޮށް މަހުލޫފްގެ ބައްޕަ އާއި އިތުރު ބަޔަކު ހައްޔަރުކޮށްފި

މިއަދުގެ ހުކުރު ނަމާދަށް ފަހު ސަރުކާރާ ދެކޮޅަށް ދުއާ ކުރަމުން ދަނިކޮށް، އިދިކޮޅު މެމްބަރު އަހުމަދު މަހުލޫފްގެ ބައްޕަ އާއި އިތުރު ބަޔަކު ހައްޔަރުކޮށްފި އެވެ.


ފުލުހުންގެ ތަރުޖަމާނަކު ވިދާޅުވި ގޮތުގައި އިސްލާމީ މަރުކަޒު ސަރަހައްދުން ބަޔަކު ވަނީ ހައްޔަރުކޮށްފަ އެވެ. އެކަމަކު، އެއީ ކިތައް މީހުން ކަމެއް ފުލުހުން ނުބުނެ އެވެ.

އިދިކޮޅު ފަރާތްތަކުން މިއަދު ކުރި ދުއާ އަށް ފުލުހުން ހުރަސް އަޅައި ބަޔަކު ހައްޔަރު ކުރަނީ.-- ފޮޓޯ: އިބްރާހިމް ވަހީދު

މަންޒަރު ދުށް މީހަކު ބުނި ގޮތުގައި ޖަލަށް ލާފައިވާ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މަހުލޫފްގެ ބައްޕައާ އެކު ޖުމްލަ ހަތް މީހަކު ފުލުހުން ހައްޔަރު ކުރި އެވެ.

އިދިކޮޅު ފަރާތްތަކުން މިއަދު ކުރި ދުއާ އަށް ފުލުހުން ހުރަސް އަޅައި ބަޔަކު ހައްޔަރު ކުރަނީ.-- ފޮޓޯ: އިބްރާހިމް ވަހީދު

އިސްލާމީ މަރުކަޒު ސަރަހައްދުގައި ސަރުކާރާ ދެކޮޅު ފަރާތްތަކުން ދުއާ ކުރަން ފެށުމާ އެކު އެކަން ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ ފުލުހުން މިއަދު ވެސް ވަނީ ހުއްޓުވާފަ އެވެ. ފުލުހުން ބުނަނީ އެކަން ހުއްޓުވަނީ ސިޔާސީ ހަރަކާތެއް ވީމާ ކަމަށެވެ.

މިދިޔަ ހުކުރު ދުވަހު ވެސް ދުއާ ކުރަމުން ދަނިކޮށް، މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އަސްއަދު އަލީ (އަޑުބަރޭ) އާއި އިތުރު ދެ މީހަކު ހައްޔަރު ކުރި އެވެ. އެކަމަކު، އެ އެންމެން ވެސް ކޯޓުން ވަނީ ދޫކޮށްލާފަ އެވެ.

އިދިކޮޅު ފަރާތްތަކުން މިއަދު ކުރި ދުއާ އަށް ފުލުހުން ހުރަސް އަޅައި ބަޔަކު ހައްޔަރު ކުރަނީ.-- ފޮޓޯ: އިބްރާހިމް ވަހީދު

ހުކުރު ނަމާދަށް ފަހު އިސްލާމީ މަރުކަޒު ސަރަަހައްދުގައި ދުއާކުރަން ފެށީ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް 13 އަހަރުގެ ޖަލު ހުކުމެއް އިއްވި ފަހުންނެވެ. އޭގެ ފަހުން، ވެރިކަން ބަދަލުކޮށް ދެއްވުމަށް އެދި ކޮންމެ ހަފުތާ އަކު ވެސް ދުއާ ކުރެ އެވެ.