އައްޑޫގައި އެކްސިޑެންޓު ވި ދެ މީހުން ސީރިއަސް، ފަރުވާ އަށް މާލެ ފޮނުވާލަނީ

އައްޑޫ ފޭދޫގައި ދެ ސައިކަލް ޖެހިގެން ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ސީރިއަސް އަނިޔާތަކެއް ލިބިގެން ހިތަދޫ ރީޖަނަލް ހޮސްޕިޓަލް (އެޗްއާރްއެޗް) ގައި ފަރުދާ ދެމުން އަންނަ ދެ މީހުން އިތުރު ފަރުވާ އަށް މާލެ ފޮނުވައިލަން މަސައްކަތް ކުރަމުން އަންނަ ހޮސްޕިޓަލުން މިއަދު ބުނެފި އެވެ.


ރޭ ދަންވަރު 1:30 ހާއިރު ފޭދޫ ބޮޑުމަގުގައި ދެ ސައިކަލް ޖެހިގެން ހިނގި އެކްސިޑެންޓުގައި އަނިޔާވި ދެ މީހުންގެ ބޮލަށް ބޮޑެތި ޒަހަމްތަކެއް ލިބިފައި ވެ އެވެ. އޭގެ ތެރެއިން، އެކަކީ ފޭދޫ ހަވީރީ ނާޒް، މުހައްމަދު އަފްރާހް 25، އެވެ. އަނެއް މީހާ އަކީ ހިތަދޫ ކޮށާ ނޫރޫ، ހުސައިން އަލީ 35، އެވެ.

އެޗްއާރްއެޗް ހިންގުމާ ހަވާލުވެ ހުންނެވި ސީނިއާ ކޮމިއުނިޓީ ހެލްތު އޮފިސަރު މުހައްމަދު ނަޖީބް މިއަދު ވިދާޅުވީ، ދެ މީހުންނަށް ވެސް ފަރުވާ ދެމުން އަންނަނީ އައިސީޔޫގައި ކަމަށެވެ.

"އެކަކު އޮތީ ވެންޓިލޭޓަރުގައި. ވަރަށް ކްރިޓިކަލް ދެ މީހުން ވެސް. އަހަރެމެން މަސައްކަތް މި ކުރަނީ ފަރުވާ އަށް ދެ މީހުން ވެސް ވީހާ އަވަހަކަށް މާލެ ފޮނުވައިލެވޭތޯ،" އޭނާ ވިދާޅުވި އެވެ.

ވެންޓިލޭޓަރުގައި އޮތީ އަފްރާހެވެ.

މަންޒަރު ދުށް ބައެއް މީހުން ބުނި ގޮތުގައި ދެ ސައިކަލް އެކްސިޑެންޓްވާން މެދުވެރިވި މައިގަނޑު ސަބަބަކީ ބާރު ސްޕީޑްގައި ދުއްވުމެވެ. އަދި އޭގެ ތެރެއިން އެއް ސައިކަލް ދުއްވީ ވެސް ނުގަވައިދު ފަޅިން ކަމަށް ބުންޏެވެ.

ތާރު އަޅައިގެން ހަދާފައިވާ ފޭދޫ ބޮޑުމަގުގައި ނަރުދަމާ ހޮޅި ވަޅުލުމަށް މަގުގެ މެދުން ތާރުގަނޑު ކެނޑުމަށް ފަހު، އެ ތަނަށް ކޮންކްރިޓް އަޅާފައި އޮތް ނަމަވެސް މަގުގައި ދުއްވަން ދަތިތަކެއް ދިމާވެފައިވާ ކަން ފާހަގަކޮށްލެވެ އެވެ.