ރާއްޖެ-އީޔޫގެ ބައްދަލުވުން ބްރަސަލްގައި ބާއްވައިފި

ދިވެހި ސަރުކާރުގެ އިސް ވަފުދާއި ޔޫރަޕިއަން ޔުނިއަން (އީޔޫ)ގެ އެކްސްޓާނަލް އެކްޝަން ސާވިސްގެ އޮފިޝަލުންނާ މިއަދު ބްރަސަލްގައި ބައްދަލުކޮށް ރާއްޖޭގެ ސިޔާސީ މަސްރަހާ ބެހޭ ގޮތުން މަޝްވަރާކޮށްފި އެވެ.


ޔޫރަޕިއަން ޔުނިއަން އެކްސްޓާނަލް އެކްޝަން ސާވިސް އިން މި ބައްދަލުވުމާ ބެހޭ ގޮތުން ނެރުނު ނޫސްބަޔާނުގައި ބުނީ ރާއްޖޭގެ ސިޔާސީ މަސްރަހު އިތުރަށް ގޯސްވަމުން ދާތީ ރާއްޖޭގެ ވަފުދަށް އެ ކަންބޮޑުވުންތައް ހިއްސާކޮށްފައި ވާނެ ކަމަށެވެ.

ރާއްޖޭގައި ސިޔާސީ އަދި އިންސާނީ ހައްގުތައް ހަނިކޮށް، މިނިވަން އިންސާފުވެރި އިންތިހާބަކަށް ހުރަސްއެޅޭ ގޮތަށް ސަރުކާރުން އަމަލުތައް ބަހައްޓާ ކަމަށް ބުނެ އެ ކަންކަން އިސްލާހުކުރުމަށް ގޮވާލައި އީޔޫގެ 28 ގައުމުން ފެބްރުއަރީ 26 ގައި ނިންމި ނިންމުމާ ބެހޭ ގޮތުން މި ބައްދަލުވުމުގައި މަޝްވަރާކުރި ކަމަށް ބަޔާނުގައިވެ އެވެ. އެއީ ރާއްޖޭގެ ހާލަތު ރަނގަޅު ނުވާ ނަމަ، ސަރުކާރުގެ އަދި ސަރުކާރާ ގުޅުން ހުރި ބައެއް މީހުންނާ ދެކޮޅަށް ފިޔަވަޅު އަޅަންޖެހިދާނެ ކަމުގެ އިންޒާރު ދީފައިވާ ގަރާރެކެވެ.

"އީޔޫ އިން ވަނީ ރައްޔިތުންގެ މަޖިލީހާއި ޖުޑީޝަރީ، ގާނޫނު އަސާސީގައި ކަނޑައަޅާފައިވާ އިމުގެ ތެރޭގައި ހިންގުމުގެ ފުރުސަތު ދިނުމާއި ޑިމޮކްރަސީގެ ހަމަތަކުގެ މަތިން ސިޔާސީ ޕާޓީތައް ހިންގުމުގެ މިނިވަންކަން ދިނުމުގެ މުހިންމުކަމުގެ ވާހަކަ ތަކުރާރުކޮށްފަ އެވެ. އަދި ހާއްސަ ގޮތެއްގައި، ދިވެހި ސަރުކާރާއި ސިޔާސީ ލީޑަރުން ޑިމޮކްރަސީއާ ގުޅުން ހުރި މައްސަލަތަކާ ބެހޭ ގޮތުން އިހްލާސްތެރިކަމާ އެކު މަޝްވަރާކުރުމުގެ މުހިންމުކަން މިފަހަރު ވެސް ފާހަގަކޮށްފައި ވާނެ އެވެ." ބަޔާނުގައިވެ އެވެ.

މި މަޝްވަރާތަކުގައި ރާއްޖޭގެ ފަރާތުން ބައިވެރިވެ ވަޑައިގެންނެވީ ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމާއި ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީ އަދި ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އާޒިމާ ޝަކޫރެވެ.

ރާއްޖޭގެ ހާލަތަށް ބަދަލެއް ނާންނާތީ އީޔޫ އިން ރާއްޖެއަށް މިފަހަރު ފިޔަވަޅު އަޅާނެ ކަމަށް އިދިކޮޅު ބައެއް ފަރާތްތަކުން އަންނަނީ ބުނަމުންނެވެ. ނަމަވެސް ރާއްޖެ އިން އީޔޫ އާއި ބެލްޖިއަމަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަހުމަދު ޝިއާން ވިދާޅުވެފައި ވަނީ މިއީ ކުރިން ވެސް ހަމަޖެހިފައި އޮތް ބައްދަލުވުމެއް ކަމަށާއި ފިޔަވަޅު އަޅަން ނޫޅޭ ކަމަށެވެ.