ޖިނާއީ އިޖްރާއާތުގެ ގާނޫނަށް ސަރުކާރުން ގިނަ އިސްލާހުތަކެއް ހުށަހަޅައިފި

ޖިނާއީ އިޖްރާއާތުގެ ގާނޫނަށް ގިނަ އިސްލާހުތަކެއް ގެނައުމަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.


މިދިޔަ އަހަރުގެ ޖުލައި މަހު އަމަލުކުރަން ފެށި ޖިނާއީ އިޖްރާއާތުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން އިސްލާހު ހުށަހެޅުއްވީ ފޭދޫ ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ އެވެ. އެ ބިލުގެ ފުރަތަމަ ކިޔުން މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ވަނީ އިއްވައިފަ އެވެ.

އެ ގާނޫނުގެ އެކި މާއްދާތަކަށް ހުށަހަޅާފައިވާ އިސްލާހުތަކަށް ބަލާއިރު އެންމެ ބޮޑު އިސްލާހެއް ހުށަހަޅާފައިވަނީ ބަންދުގައި ތިބޭ މީހުންނާއި ބަންދުން ދޫކޮށްލާފައިވާ މީހުންގެ މައްޗަށް ދައުވާ އުފުލުމާ ގުޅޭ މުއްދަތުތަކަށެވެ. މިހާރު ގާނޫނު އޮންނަ ގޮތުން ބަންދުގައި ހުރި މީހެއް ނަމަ އެ މީހެއްގެ މައްޗަށް 30 ދުވަސް ތެރޭގައި ދައުވާ ކުރަން ޖެހޭއިރު، ބަންދުން ދޫކޮށްލާފައިވާ މީހެއް ނަމަ 45 ދުވަސް ތެރޭގައި ދައުވާ ކުރަންޖެހެ އެވެ. އެކަމަކު އެ މުއްދަތުތައް ގުނަނީ ތަހުގީގު މަރުހަލާ އާއި ދައުވާ އުފުލުމުގެ މަރުހަލާ ވެސް ހިމެނޭ ގޮތުންނެވެ.

އެ ބިލުގައި އިސްލާހު ހުށަހަޅާފައިވަނީ ތަހުގީގު މަރުހަލާ އާއި ދައުވާ ކުރުމުގެ މަރުހަލާގެ މުއްދަތު ވަކިން ގުނާ ގޮތަށް ބަދަލު ކުރުމަށާއި މުއްދަތު އިތުރު ކުރުމަށެވެ. އެގޮތުން އިސްލާހު ހުށަހަޅާފައިވަނީ ބަންދުގައި ހުރި މީހެއް ނަމަ 30 ދުވަސް ތެރޭގައި ތަހުގީގު މަރުހަލާ ނިންމަންޖެހޭ ގޮތަށް އަދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮޮފީހަށް އެ މައްސަލަ ލިބޭ ދުވަހުން ފެށިގެން 15 ދުވަސް ތެރޭގައި ދައުވާ އުފުލަންޖެހޭ ގޮތަށެވެ. އަދި ބަންދުން ދޫކޮށްލާފައިވާ މީހެއް ނަމަ 45 ދުވަސް ތެރޭގައި ތަހުގީގު ނިންމުމަށާއި އަދި ޕީޖީ އޮފީހަށް މައްސަލަ ލިބޭ ދުވަހުން ފެށިގެން 15 ދުވަސް ތެރޭގައި ދައުވާ އުފުލަންޖެހޭ ގޮތަށް ވެސް އެ ބިލުގައި ވަނީ ހިމަނައިފަ އެވެ.

ޖިނާއީ ބޮޑެތި ކުށްތަކުގެ ގޮތުގައި އެ ގާނޫނު ބަލާ ކުށްތަކުގެ ލިސްޓަށް އިތުރު ކުށްތަކެއް އިތުރު ކުރުމަށް ވެސް އެ ބިލުގައިވަނީ އިސްލާހު ހުށަހަޅައިފަ އެވެ. އެގޮތުން ޓެކްސް ދެއްކުމުން އެއްކިބާ ވުމުގެ ކުށާއި ރިޝްވަތުގެ ކުށާއި ނުރައްކާތެރި ހަތިޔާރު ބޭނުން ކޮށްގެން މާރާމާރީ ހިންގުމުގެ ކުށާއި ރަޔަޓް ބޭނުން ކޮށްގެން ސަރުކާރު ވައްޓާލަން އުޅުމުގެ ކުށާއި ކުލީ ސިފައިން ހޯދުމުގެ ކުށަކީ ޖިނާއީ ބޮޑު ކުށެއްގެ ގޮތުގައި ހިމެނުމަށް އެ ބިލުގައި ހުށަހަޅައިފަ އެވެ.

މީގެ އިތުރުން 20 އަހަރަށް ވުރެ ބޮޑު އަދަބެއް ކަނޑައެޅޭ ކޮންމެ ކުށަކާއި ގާނޫނުލް އުގޫބާތުގެ ދަށުން ޖިނާޔަތުގެ އެއް ވަނަ ދަރަޖަ އާއި ދެވަނަ ދަރަޖައިގެ ކުށްތަކަކީ ވެސް ޖިނާއީ ބޮޑު ކުށްތަކުގެ ގޮތުގައި ބެލުމަށް އެ ބިލުގައި ހިމަނާފައިވެ އެވެ.

ހަނު ހުރުމުގެ ހައްގުގެ ބޭނުން ކުރުމާ ގުޅޭގޮތުން އޮންނަ މާއްދާއަށް ވެސް އެ ބިލުގައިވަނީ އިސްލާހު ހުށަހަޅައިފަ އެވެ. އެގޮތުން ގައުމީ ސަލާމަތާ ގުޅޭ ކުށްތަކާއި މަރުގެ ކުށްތަކާއި ރަޔަޓް ބޭނުން ކޮށްގެން ސަރުކާރު ވައްޓާލަން އުޅުމުގެ ކުށް ނުވަތަ ކުލީ ސިފައިން ހޯދުމުގެ ކުށުގެ ތުހުމަތު ކުރެވޭ މީހަކާ ދެކޮޅަށް އެކަށީގެންވާ ހެކި ލިބިފައި ވަނިކޮށް އެފަދަ މީހަކު ހަނު ހުރުމުގެ ހައްގުގެ ބޭނުންކޮށްފި ނަމަ އެ ކުށަކާ އެ މީހަކާ ގުޅުންހުރީ ކަމަށް ބެލުމުގެ ބާރު ލިބޭ ގޮތަށް ވެސް އެ ބިލުގައިވަނީ ހިމަނައިފަ އެވެ.

ވަކީލުންގެ ހައްގު ބޭނުން ކުރުމާ ގުޅޭ އުސޫލުތަކަށް ވެސް އެ ބިލުގައި އިސްލާހުތަކެއް ހިމަނާފައިވެ އެވެ. މިހާރު ގާނޫނު އޮތްގޮތުން ބަންދުގައި ހުންނަ މީހަކު އައްޔަންކުރާ ވަކީލު ހާޒިރު ނުވެއްޖެ ނަމަ އެހެން ވަކީލަކު އައްޔަން ކުރަން ދެވެނީ ހަ ގަޑިއިރުގެ ވަގުތެއް ކަމަށް ވިޔަސް، އެ ބިލުގައި ހުށަހަޅާފައިވަނީ އެގޮތަށް ދޭ މުއްދަތު 24 ގަޑިއިރަށް އިތުރު ކުރުމަށެވެ. އަދި ތުހުމަތު ކުރެވޭ މީހާގެ ވަކީލުންގެ ގޮތުގައި އައްޔަން ކުރެވޭނެ މީހުންގެ އަދަދާއި ވަކީލުންނާ އެކު އެކަހެރިކޮށް ބައްދަލު ކުރެވޭނެ ވަގުތު ގަވާއިދުގައި ކަނޑައަޅަން ޖެހޭ ގޮތަށް ވެސް އެ ބިލުގައި ވަނީ ހިމަނައިފަ އެވެ.

މީގެ އިތުރުން ބަންދުގައި ތިބޭ މީހުން ބަލައި، ފާސް ކުރުމާއި ހަށިގަނޑުން ސާމަޕަލް ނެގުމާ ގުޅޭ މާއްދާތަކަށާއި ވެސް އެ ބިލުގައިވަނީ އިސްލާހު ހުށަހަޅައިފަ އެވެ. އަދި ކުށުގެ ތުހުމަތުގައިވާ މީހުންގެ ބަންދާ މެދު ނިންމާ ނިންމުން އިސްތިއުނާފް ކުރުމަށް 48 ގަޑިއިރުގެ މުއްދަތެއް ކަނޑައެޅުމާއި ދައުވާ އުފުލުމުގެ މަރުހަލާއާ ގުޅޭ ބައެއް ކަންކަމަށް ވެސް އެ ބިލުގައިވަނީ އިސްލާހުތަކެއް ހުށަހަޅައިފަ އެވެ.

ޖިނާއީ މައްސަލަތަކުގެ ތަހުގީގު މަރުހަލާ އާއި ދައުވާ ކުރުމުގެ މަރުހަލާގެ އިތުރުން ޝަރީއަތް ހިންގުމާ ބެހޭ އިޖްރައާތުތައް ތަފްސީލުކޮށް ލިޔެގެން ރާއްޖޭގައި ހެދި ފުރަތަމަ ގާނޫނު ކަމަށްވާ، ޖިނާއީ އިޖްރާއާތުގެ ގާނޫނަށް މިދިޔަ އަހަރު ވެސް ސަރުކާރުން އިސްލާހުތަކެއް ހުށަހެޅި އެވެ. އެކަމަކު މަޖިިލިސް މެމްބަރުންގެ ކަންބޮޑުވުންތަކާ ހެދި އެ ބިލް އޭރު ސަރުކާރުން އަނބުރާ ގެނައީ އެވެ.