ފުލުހުންނާއި ސިފައިންނާ މެދު ނަފުރަތު އުފައްދައި ހަމަނުޖެހުން އުފައްދަން އުޅޭ ކަމަށް ބުނެ ސޯޝަލް މީޑިއާ އެކްޓިވިސްޓެއް ކަމަށްވާ ޝަމްއޫން ޖަލީލް (ލޫކަސް ޖަލީލް) މިރޭ ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ ތަރުޖަމާނަކު ވިދާޅުވި ގޮތުގައި ޝަމްއޫން ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން މިރޭ 10:00 ހާއިރު އެވެ. އޭނާ ހައްޔަރުކުރީ، ތަރުޖަމާނު ވިދާޅުވި ގޮތުގައި، އޭނާ އާއި އިތުރު ބަޔަކު ބައިވެރިވެގެން ރާއްޖޭގެ ދިފާއީ ބާރުތަކާ މެދު ރައްޔިތުންގެ ހިތްތަކުގައި ނަފުރަތު އުފެދޭ ގޮތަށް ވާހަކަ ދައްކައި މުޖުތަމައުގައި ހަމަނުޖެހުން އުފައްދަން އުޅޭ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގަ އެވެ.
އެކަމަކު، އެ މައްސަލައިގެ އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ.
އިދިކޮޅު އެމްޑީޕީގެ މެމްބަރެއް ކަމަށްވާ ޝަމްއޫނަކީ ޓުވިޓާ އާއި ފޭސްބުކުގައި ރައީސް އަބްދުﷲ ޔާމީނާއި ސަރުކާރަށް ވަރަށް ފާޅުގައި ފާޑުކިޔާ މީހެކެވެ. އަދި އިދިކޮޅު ފަރާތްތަކުން ބާއްވާ ހަރަކާތްތަކުގައި ވެސް އޭނާ ބައިވެރިވެ އެވެ.
ޝަމްއޫން ހައްޔަރު ކުރިއިރު، ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެން ކުރެއްވި ޓުވީޓަކާ ގުޅޭ މައްސަލައެއް ވެސް ފުލުހުން ދަނީ ބަލަމުންނެވެ. އެ މައްސަލައިގައި އަންނަ އާދިއްތަ ދުވަހު ފުލުހުންގެ އިދާރާ އަށް އަނެއްކާ ވެސް ހާޒިރުވުމަށް އޭނާ އަށް ވަނީ އަންގާފަ އެވެ.
އަލީ ހުސެންގެ އިތުރުން، އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ނައިބު ރައީސް ޑރ. މުހައްމަދު އިޔާޒު އަބްދުއްލަތީފް ވެސް ވަނީ ފުލުސް އޮފީހަށް ހާޒިރުކޮށްފަ އެވެ. އޭނާ އިއްޔެ ހާޒިރު ކުރީ ފޭސްބުކްގައި މި މަހުގެ އަށް ވަނަ ދުވަހު ކުރި ޕޯސްޓަކާ ގުޅިގެން ޖުޑިޝަރީން ހުށަހެޅި މައްސަލައަކާ ގުޅިގެން ކަމަށް އިޔާޒްގެ ވަކީލް ވަނީ ވިދާޅުވެފަ އެވެ.
ހަމަ އެއާ އެކު، އިދިކޮޅު އިއްތިހާދުގެ ހިޔަނި ހޯމް މިނިސްޓަރު އަހުމަދު ތަސްމީން އަލީ އާއި ސިވިލް ރައިޓްސް މިނިސްޓަރު ހަސަން ލަތީފް އަދި ހެލްތު މިނިސްޓަރު ޝިދާތާ ޝަރީފު ފުލުސް އޮފީހަށް ހާޒިރުވުމަށް ވަނީ ޗިޓު ފޮނުވާފަ އެވެ. އެ ތިން ބޭފުޅުން ހާޒިރުވާން އަންގާފައި ވަނީ މާދަމާ ހަވީރު 4:00 އަށެވެ.