ހައްޔަރު ކުރާއިރު ޔުނިފޯމް އަޅަން ޖެހޭ މައްސަލަ ހައްލުކުރަން ގާނޫނަށް އިސްލާހު ހުށަހަޅައިފި

މީހުން ހައްޔަރު ކުރާއިރު ފުުލުހުން ޔުނިފޯމްގައި ތިބެންޖެހޭ ގޮތަށް ޖިނާއީ އިޖްރާއާތުގެ ގާނޫނުގައި އޮންނަ މާއްދާ އިސްލާހު ކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.


ޖިނާއީ އިޖްރައާތުގެ ގާނޫނުގެ 40 ވަނަ މާއްދާގެ ރ. މިހާރު އޮންނަ ގޮތުން މީހުން ހައްޔަރު ކުރަން ޖެހެނީ ސަބް އިންސްޕެކްޓާ އޮފް ޕޮލިސްގެ ރޭންކުން ފެށިގެން މަތީ ރޭންކެއްގެ ފުލުހެއްގެ ހުއްދައާ އެކު، ޔުނިފޯމް އެޅި ފުލުހެކެވެ. އެހެންވެ، ޔުނިފޯމް ނާޅައި ތިބެ ބައެއް މީހުން ހައްޔަރު ކުރުމުން އެ މީހުން ދޫކޮށްލަން ކޯޓުތަކުން ކުރިން އަމުރު ވެސް ކުރި އެވެ. އެގޮތަށް ގާނޫނުގައި އޮތުމުން ބައެއް ދަތިތައް ކުރިމަތިވާ ކަމަށް ފުލުހުން ވެސް ކުރިން އޮތީ ބުނެފަ އެވެ.

އެ މާއްދާ އިސްލާހު ކުރަން މަޖިލީހަށް ހުށަހެޅީ ޖިނާއީ އިޖްރާއާތުގެ ގާނޫނަށް ގިނަ އިސްލާހުތަކެއް ސަރުކާރުން ހުށަހެޅިއިރު އެ ބިލްގަ އެވެ.

އެ ބިލްގައި ހުށަހަޅާފައި ވަނީ މީހަކު ހައްޔަރު ކުރާ ނަމަ އެކަން ކުރަން ވާނީ ސަބް އިންސްޕެކްޓާ ރޭންކުން ފެށިގެން މަތީ ރޭންކެއްގެ އޮފިސަރެއްގެ ހުއްދައާ އެކު ފުލުހުންގެ އޮފިސަރަކު ކަމަށް އިސްލާހު ކުރުމަށެވެ. ހައްޔަރު ކުރާއިރު، ފުލުހުންގެ އޮފިސަރު ހުރީ ޔުނިފޯމްގައި ކަމަށް ނުވާ ނަމަ، އެ މީހަކީ ފުލުހެއް ކަން އަންގައިދޭ ކާޑު ދައްކަން ޖެހޭ ގޮތަށް އަދި އޭނާ އަކީ ކާކު ކަން އަންގައިދޭން ޖެހޭ ގޮތަށް ވެސް އެ ބިލްގައި ވަނީ އިސްލާހު ހުށަހަޅައިފަ އެވެ.

މީގެ އިތުރުން، ކޯޓު އަމުރެއް ނެތި މީހުން ހައްޔަރު ކުރުން ހުއްދަ ހާލަތްތަކުގައި މީހަކު ހައްޔަރު ކުރާ ނަމަ، ހައްޔަރު ކުރުމުގެ ކުރިން ސަބް އިންސްޕެކްޓާ ރޭންކުން ފެށިގެން މަތީ ރޭންކެއްގެ ފުލުހެއްގެ ހޯދުން ލާޒިމް ނުވާ ގޮތަށް ވެސް އެ ބިލްގައި ވަނީ އިސްލާހު ހުށަހަޅައިފަ އެވެ. އެކަމަކު އެފަދަ ހާލަތެއްގައި ވެސް މީހަކު ހައްޔަރު ކުރުމަށް ފަހު، ސަބް އިންސްޕެކްޓާ ރޭންކުން ފެށިގެން މަތީ ރޭންކެއްގެ ފުލުހަކަށް އެކަން އަންގަން ޖެހޭ ގޮތަށް އެ ބިލްގައި ހިމަނާފައިވެ އެވެ.