ޑޮކްޓަރުންނަށް 125 ފްލެޓް، ނަރުހުންނަށް 350 ފްލެޓް

ބޯހިޔާވަހިކަމަށް ސަރުކާރުން ހުޅުވާލި "ހިޔާ" މަޝްރޫއުގެ ދަށުން، ޑޮކްޓަރުންނާއި ނަރުހުންނަށް ފްލެޓް ދޭނެ އަދަދު ކަނޑައަޅައިފި އެވެ.


ސަރުކާރުން ކުރިން އިއުލާންކޮށްފައިވާ ގޮތުން، ހިޔާ މަޝްރޫއުގައި ހިމެނޭ 7،000 ފްލެޓްގެ ތެރެއިން ޑޮކްޓަރުންނާއި ނަރުހުންނަށް ދޭނީ 475 ފްލެޓެވެ. އެކަމަކު މިހާރު ވަނީ އޭގެ ތެރޭން، 125 ފްލެޓް ޑޮކްޓަރުންނަށް އަދި ނަރުހުންނަށް 350 ފްލެޓް ދޭން ކަނޑައަޅައިފަ އެވެ.

ހިޔާ މަޝްރޫއުގެ 12 ކެޓަގަރީގެ ދަށުން، ޑޮކްޓަރުންނާއި ނަރުހުންނަށް ފްލެޓް ދޭ ގޮތަށް ބައެއް އިސްލާހުތަކެއް ވެސް މިހާރު ވަނީ ގެނެސްފަ އެވެ.

ސަރުކާރުން ކުރިން އިއުލާނުކޮށްފައިވާ ގޮތުން، އެ ކެޓަގަރީގައި ހިމެނޭ ދެ ކޮޓަރީގެ ފްލެޓަށް ކުރިމަތިލެވޭނީ ސިވިލް ސާވިސްގައި މަސައްކަތް ކުރާ ޑޮކްޓަރުންނާއި ނަރުހުންނަށެވެ. އެކަމަކު ސަރުކާރު ކުންފުނިތަކުގައި އުޅޭ ޑޮކްޓަރުންނާއި ނަރުހުންނަށް ވެސް ފްލެޓަށް ކުރިމަތިލެވޭ ގޮތަށް ވަނީ ބަދަލު ގެނެސްފަ އެވެ.

އެހެންވެ، މާލެ އާއި ހުޅުމާލޭގެ އިތުރުން ވިލިމާލޭގައި ޑޮކްޓަރެއް ނުވަތަ ނަރުހެއްގެ ގޮތުގައި މަސައްކަތްކުރާ ސަރުކާރު ކުންފުނިތަކުގެ މީހުންނަށް ވެސް ފްލެޓަށް ކުރިމަތިލެވޭނެ އެވެ.

މި ކެޓަގަރީގެ ދަށުން ދެން އިސްލާހު ގެނެސްފައިވަނީ ޑޮކްޓަރުންނާއި ނަރުހުންގެ ތައުލީމީ ފެންވަރަށެވެ. އެގޮތުން ފްލެޓަށް އެދި ކުރިމަތިލާ ފޯމުގައި ކުރިން އޮންނަނީ އެ ދާއިރާއަކުން، ނެޝަނަލް ކޮލިފިކޭޝަން އޮތޯރިޓީގެ ލެވެލް، 7، 8، 9 އަދި 10ގެ ސެޓްފިކެޓެއް ލިބިފައިވާނަމަ، ހެޔޮ ފާހަގަ ޖެހުމަށެވެ. އެކަމަކު އިސްލާޙުގެ ދަށުން، ލެވެލް 4،5، އަދި 6ގެ ސެޓްފިކެޓް އޮންނަ ނަރުހުންނަށް ވެސްް ފްލެޓަށް ކުރިމަތިލެވެ އެވެ.

މީގެ އިތުރުން ފްލެޓަށް ކުރިމަތިލާ ޑޮކްޓަރުންގެ ތައުލީމީ ފެންވަރަށް ވެސް ބައެއް ބަދަލުތައް ވަނީ ގެނެސްފަ އެވެ. އެގޮތުން ކްލިނިކަލް ސްޕެޝަލްޓީއަކުން ހާސިލްކޮށްފައިވާ، މޯލްޑިވްސް މެޑިކަލް ކައުންސިލް ގަބޫލުކުރާ ބޭސިކް މެޑިކަލް ޑިގްރީއެއް ނުވަތަ ބެޗްލާ އޮފް ޑެންޓަލް ސާޖަރީއެއް އޮންނަން ޖެހެ އެވެ. އަދި އެ ފަދަ ތަނަކުން ހާސިލްކޮށްފައިވާ، ދެ އަހަރަށް ވުރެ ކުރު ނޫން ޕޯސްޓްގްރެޖުއޭޓް ޑިޕްލޮމާ ފެންވަރުގެ ސެޓްފިކެޓެއް ވެސް، ފްލެޓަށް ކުރިމަތިލާއިރު އޮންނަން ޖެހެ އެވެ.

ފްލެޓަށް ކުރިމަތިލުމުގެ މުއްދަތު މި މަހު 31އާ ހަމައަށް ހުޅުވާލާފައިވާއިރު، މިހާރު ފޯމު ހުށަހަޅަން ޖެހެނީ ދަރުބާރު ގޭގައި އެކަމަށް ކަނޑައަޅާފައިވާ މޭޒުތަކަށެވެ. އެކަމަކު މި މަހުގެ އަށަކުން ފެށިގެން، ފޯމު ދޫކޮށް ބަލައި ގަންނާނީ ހައުސިން މިނިސްޓްރީން ކަމަށް އެތަނުން ވަނީ ބުނެފަ އެވެ.

ޑޮކްޓަރުންނާއި ނަރުހުންގެ އިތުރުން ދެން ފްލެޓް ދޭން ކަނޑައަޅާފައިވަނީ ކައިވެނި ކޮށްގެން އުޅޭ އުމުރުން 18-40 ދެމެދުގެ މީހުންނާއި މާލޭގެ ރަށްވެހިންނާއި ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މީހުންނާއި ޓީޗަރުންނާއި ފުލުހުންނާއި ސިފައިންނާއި އެކަނިވެރި މައިންނާއި ބަފައިންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އާއިލާތަކާއި ގުޅިފަޅާއި ޓާޓާ އިން ފްލެޓް ނުލިބުނު މީހުންގެ އިތުރުން މާފަންނުު ހުޅަނގު ދާއިރާގައި ދަތި ހާލުގައި ދިރިއުޅޭ އާއިލާތަކަށެވެ.