އިބޫގެ ރަނިންމޭޓަކަށް އަލީ ހުސައިން ރަނގަޅު: އުގައިލް

އަންނަ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނާ އިދިކޮޅު ކެންޑިޑޭޓުގެ ގޮތުގައި ވާދަކުރައްވާ ހިންނަވަރު ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ރަނިންމޭޓަކަށް އެންމެ އެކަށީގެންވާ ބޭފުޅަކީ، ކެންދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަލީ ހުސައިން ކަމަށް ޕްރޮފެސަރު ހަސަން އުގައިލް މިއަދު ވިދާޅުވެއްޖެ އެވެ.


އޭނާއަކީ އަންނަ ސެޕްޓެމްބަރު މަހު ބާއްވާ އިންތިޚާބުގައި ވާދަކުރައްވާނެ ކަމަށް ބެލެވުނު ބޭފުޅެކެވެ. ނަމަވެސް ރިޔާސީ އިންތިޚާބާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހުގެ ސަބަބުން، އުގެއިލަށް އެ ފުރުސަތު ވަނީ ބަންދުވެފަ އެވެ. އެއީ މީގެ 15 އަހަރު ކުރިން ފެށިގެން އިނގިރޭސި ވިލާތުގެ ރައްޔިތަކަށް އޭނާ ވެވަޑައިގެންފައި ވާތީ އެވެ.

ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުށަހެޅުއްވި އިސްލާހުގައި ބުނެފައިވަނީ އެއްވެސް އިރެއްގައި ބޭރު ގައުމެއްގެ ރައްޔިތަކަށް ވެފައިވާ ނަމަ އެފަދަ މީހަކަށް ރިޔާސީ އިންތިހާބަށް ކުރިމަތިލެވޭނީ އެ މީހަކު ބޭރުގެ ރައްޔިތުކަން ދޫކޮށްލިތާ 10 އަހަރު ފަހުން ކަމަށެވެ. މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން ވަނީ އެ އިސްލާހު ފާސްކޮށްފަ އެވެ.

އުގެއިލް ކުރެއްވި ޓްވީޓް

އިދިކޮޅު ފަރާތްތަކުން ނިންމާފައިވަނީ ކެންޑިޑޭޓަކަށް އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީން އަދި ރަނިންމޭޓަކަށް ޖުމްހޫރީ ޕާޓީގެ ބޭފުޅެއް ހަމަޖެއްސުމަށެވެ. އެމްޑީޕީން އިއްޔެ ބޭއްވި އެ ޕާޓީގެ ކޮންގްރެސް އިން ފާސްކޮށްފައިވަނީ، ކެންޑިޑޭޓަކަށް އެމްޑީޕީ ޕާލިމަންޓް ގްރޫޕު ލީޑަރު އިބޫ ނެރުމަށެވެ.

ރަނިންމޭޓަކަށް ނެރުއްވާނެ ބޭފުޅެއް ޖުމްހޫރީ ޕާޓީން އަދި ކަނޑައެއް ނާޅަ އެވެ. ނަމަވެސް އެ މަގާމު އެންމެ ހައްގު ބޭފުޅަކީ އަލީ ހުސައިން ކަމަށް ބުނެ ސޯޝަލް މީޑިއާގައި ބައެއް މީހުން އަންނަނީ އޭނާ އަށް ކެމްޕެއިން ކުރަމުންނެވެ. އޭގެ އިތުރުން ވެސް އެ މަގާމަށް ވާދަކުރައްވާ އެހެން ބޭފުޅުންނަށް ތާއީދު ހޯދުމަށް ވެސް ސޯޝަލް މީޑިއާގައި އަންނަނީ ކެމްޕޭން ކުރަމުންނެވެ.

އުގެއިލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިބޫ އަދި އަލީ ހުސައިނަކީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އިދިކޮޅު އިއްތިހާދުން ނެރެން އެންމެ ގާބިލް ދެ ބޭފުޅުން ކަމަށް އޭނާ ގަބޫލުކުރައްވާ ކަމަށެވެ. އަދި އިދިކޮޅު ފަރާތްތައް އެކަތިގަނޑަކަށްވެ، ރިޔާސީ އިންތިހާބުގައި ގުޅިގެން މަސައްކަތް ކުރަމުން އަންނާތީ އުފާކުރައްވާ ކަމަށް ވެސް އޭނާ ކުރެއްވި އެހެން ޓްވީޓެއްގައި ވެ އެވެ.