ފަސް ބިލް ހުށަހަޅައި، ބަހުސް ކުރީ އެންމެ ބިލަކަށް 4 މެމްބަރުން!

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އަށް މިއަދު ހުށަހެޅި ފަސް ބިލުގެ ތެރެއިން އެންމެ ބިލަކަށް ހަތަރު މެމްބަރުން ވާހަކަ ދެއްކެވުމަށް ފަހު، ބަހުސް މަރުހަލާ ނިންމާލައިފި އެވެ.


ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅި ބިލުތަކުގެ ތެރެއިން ހަތަރު މެމްބަރުން ބަހުސް ކުރެއްވީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހަށް އެކަންޏެވެ. އެ ބިލުގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ އިންްތިހާބުގެ ގާނޫނަށާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ބިލާއި ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި ސިޔާސީ ޕާޓީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް ހުށައެޅި އެވެ.

މިއީ ފަހުގެ ތާރީހެއްގައި އެއްފަހަރާ މިހާ ގިނަ އަދަދެއްގެ ބިލު މަޖިލީހަށް ހުށަހަޅައި، ބަހުސް ކުރަން އެޖެންޑާގައި ހިމެނި ފުރަތަމަ ފަހަރެވެ. މިދިޔަ އަހަރުގެ ޖުލައި މަހުން ފެށިގެން، މަޖިލީހުގެ ޖަލްސާތަކުގައި އިދިކޮޅު އެއްވެސް މެމްބަރަކު ބައިވެރިވެވަޑައެއް ނުގަންނަވަ އެވެ. އަދި މި އަހަރުގެ ދެ ވަނަ ދައުރުގެ ޖަލްސާތައް ފެށުނު ފަހުން އެއްވެސް ޖަލްސާއެއްގައި އިދިކޮޅު މެމްބަރުން ބައިވެރިވެވަޑައެއް ނުގަންނަވަ އެވެ. އިދިކޮޅު މެމްބަރުން ޖަލްސާތަކުގައި ބައިވެރިވެވަޑައި ނުގަންނަވަނީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް މުހައްމަދު ރިޔާސަތުގައި އިންނަވާތީ އެކަން ބަލައިނުގަންނަ ކަމަށް ބުނެ އެވެ. އެހެންވެ، ޖަލްސާތަކުގައި ބައިވެރިވެވަޑައިގަންނަވަނީ ޕީޕީއެމް/އެމްޑީއޭ ކޯލިޝަންގެ މެމްބަރުން އެކަންޏެވެ.

މަޖިލީހުގެ ރިޔާސަތު، މަސީހް ބަލަހައްޓަވަނީ. - ފޮޓޯ: މަޖިލިސް

މަޖިލީހުގައި ހިމެނިވަޑައިގަންނަވާ 85 މެމްބަރުންގެ ތެރެއިން މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހަށް ބަހުސް ކުރެއްވީ ޕީޕީއެމްގެ ތިން މެމްބަރަކާއި އެމްޑީއޭގެ މެމްބަރެކެވެ. އިދިކޮޅު އެއްވެސް މެމްބަރަކު މިއަދުގެ ޖަލްސާގައި ވެސް ބައިވެރިވެވަޑައެއް ނުގަންނަވަ އެވެ.

ބިލަށް ބަހުސް ކުރައްވަމުން ކުޑަހުވަދޫ ދާއިރާގެ އެމްޑީއޭ މެމްބަރު އަހުމަދު އާމިރު ވިދާޅުވީ މަސްތުވާތަކެތީގެ ވަބާއަކީ މިހާތަނަށް ހައްލެއް ހޯދިފައި ނުވާ މައްސަލައެއް ކަމަށެވެ. އަދި މެމްބަރެއްގެ ހައިސިއްޔަތުން މިކަން ހުއްޓުވުމަށް ހަދާ ގާނޫނުތަކަށް އެއްބާރުލުން ދެއްވަން ތައްޔާރަށް ހުންނެވި ކަމަށް އޭނާ ވިދާޅުވި އެވެ.

އާމިރު ވިދާޅުވި ގޮތުގައި އަތުލައިގަންނަ މަސްތުވާތަކެތި ނައްތާލެވޭ ގޮތް ހާމަކަން ބޮޑު ގޮތެއްގައި އެނގެން ޖެހެ އެވެ. އަދި އެ ތަކެތި އެތެރެކޮށް ސަޕްލައި ކުރުން ހައްދުފަހަނައަޅާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. މަސްތުވާތަކެތީގެ މައްސަލައަކީ ގައުމީ މައްސަލައެއްގެ ގޮތުގައި ދެކުމަށް އޭނާ އެދިވަޑައިގެންނެވި އެވެ.

މަޖިލީހުގެ ޖަލްސާއެއްގައި ޖަމީލް އުސްމާން ވާހަކަ ދައްކަވަނީ. - ފޮޓޯ: މަޖިލިސް

އުނގޫފާރު ދާއިރާގެ ޕީޕީއެމްގެ މެމްބަރު ޖައުފަރު ދާއޫދު ވިދާޅުވީ މަސްތުވާތަކެތީގެ ވަބާ ފެތުރިފައި އޮތް މިންވަރުން، މިއީ ހަނު ތިބެގެން ނުވާނެ މައްސަލައެއް ކަމަށެވެ. ސަރުކާރުން މިކަން ހުއްޓުވަން ހަރުދަނާ ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށް ޖައުފަރު ވިދާޅުވި އެވެ. ވައިގެ ބަނދަރުން އެ ތަކެތި އެތެރެ ނުވިޔަސް، ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބޮޑުކަމުން ކަނޑުމަގުން މަސްތުވާތަކެތި ތަކެތި އެތެރެކުރާ ނަމަ، މަސްތުވާތަކެތީގެ ވަބާ ހުއްޓުވަން އުނދަގޫ ވާނެ ކަމަށް ވެސް ޖައުފަރު ވިދާޅުވި އެވެ. އެހެންވެ، ޖައުފަރު ވިދާޅުވި ގޮތުގައި، މިކަމުގައި ގެނެވޭނެ ހައްލަކީ ދިވެހިން ހޭލުންތެރިކުރުވުމެވެ.

ވެލިދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އަބްދުﷲ ޔާމީން ރަޝީދު ވިދާޅުވީ ބިލުގައި ހިމެނޭ މައިގަނޑު ކަންކަމަކީ މިހާރުން މިހާރަށް ގެންނަން ޖެހޭ އިސްލާހުތަކެއް ކަމަށެވެ. މި އިސްލާހުގެ ސަބަބުން ރާއްޖެ އަށް ދިމާވެފައިވާ މަސްތުވާތަކެތީގެ މައްސަލަ އަށް ހައްލެއް އަންނާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އިޖުތިމާއީ ބޮޑު މައްސަލައިގެ ގޮތުގައި އޮތް މަސްތުވާތަކެތީގެ މައްސަލަތައް ހައްލު ކުރުމަށް ސަރުކާރުންނާއި ފުލުހުން ކާމިޔާބު އޮޕަރޭޝަންތަކެއް ހިންގާފައިވާ ކަމަށް ޔާމީން ވިދާޅުވި އެވެ. އަދި ބިލަށް ތާއީދު ކުރައްވާ ކަމަށާއި އިސްލާހު ހުށަހެޅީ ހެދިފައި ހުރި "ލޯވަޅުތައް ބެއްދުމަށް" ކަމަށް އޭނާ ވިދާޅުވި އެވެ.

ގެމަނަފުށީ ދާއިރާގެ ޕީޕީއެމް މެމްބަރު ޖަމީލް އުސްމާން ވިދާޅުވީ މަސްތުވާތަކެތީގެ ވަބާ އިން ސަލާމަތްވާން ބޭނުންވާ ވަރަށް ގިނަ ޒުވާނުން އެބަތިބި ކަމަށެވެ. އަދި މަސްތުވާތަކެތީގެ ވަބާ އިން ސަލާމަތްވެގެން އަންނަ ޒުވާނުން ބަލައިގަންނަން ޖެހޭ ކަމަށް ވެސް ޖަމީލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މަސްތުވާތަކެތީގެ ޝިކާރައަކަށްވެގެން މުސްތަގުބަލު ފަނާވެގެން ދިއުމަށް ޒުވާނުން ބޭނުމެއް ނުވެ އެވެ. އަދި މަސްތުވާތަކެތީގެ ވަބާ އިން ސަލާމަތްވެގެން ނިކުތް ޒުވާނުން މިއަދު ބޮޑެތި މަގާމުތަކުގައި އެބަތިބި ކަމަށް ވެސް ޖަމީލް ވިދާޅުވި އެވެ. ގިނަ ޒުވާނުން ތިބީ ތަރައްގީގެ މަސައްކަތުގައި ބައިވެރިވާން ބޭނުންވެފައި ކަމަށް ވެސް ޖަމީލް ވިދާޅުވި އެވެ.

ޒުވާނުންނަށް މަސްތުވާތަކެތި ލިބޭ ދޮރުތައް ބަންދުކޮށް، މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުންނާ މެދު ހަރުކަށި ފިޔަވަޅު އަޅަން ޖެހޭ ކަމަށް ވެސް ޖަމީލް ވިދާޅުވި އެވެ.

މަޖިލީހަށް ހުށަހެޅި ބިލުތަކަށް ބަހުސް ކުރާނެ އިތުރު މެމްބަރަކު ނެތުމުން، މަޖިލީހުގެ ރިޔާސަތުން ވަނީ މިއަދު 1:30 ގައި އޮންނަ ވޯޓުގައި ބިލުތައް ބަލައިގަންނަން ފެނޭތޯ ވޯޓަށް އަހާނެ ކަން އިއުލާންކޮށްފަ އެވެ. ބިލުތައް ބަލައިގެންފިނަމަ، ދިރާސާ ކުރަން ކޮމިޓީތަކަށް ފޮނުވާނެ އެވެ.

މިއަދުގެ ޖަލްސާގައި ވަނީ ސަރުކާރުގެ ފަރާތުން މާވަށު ދާއިރާގެ މެމްބަރު އަޒްހާން ފަހުމީ ހުށަހެޅުއްވި ރާއްޖޭގެ ޖަލުތަކާއި ޕެރޯލްތަކާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ފުރަތަމަ ކިއުން އިއްވައިފަ އެވެ. އަދި ކޮމިޓީތަކުން ހުށަހެޅި ބައެއް މައްސަލަތައް އެޖެންޑާގައި ހިމަނާފައިވެ އެވެ.