ވޯޓުލާ މަރުކަޒުތަކަށް އޮފިޝަލުން ހޯދަނީ

ރިޔާސީ އިންތިޚާބުގެ ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާނެ އޮފިޝަލުން ހޯދަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ހުޅުވާލައިފި އެވެ.


އީސީން ބުނީ ވޯޓު އޮފިޝަލަކަށް ވުމުގެ ފުރުސަތު މިއަދުން ފެށިގެން މި މަހުގެ 19 ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. އޮފިޝަލަކަށް ކުރިމަތިލުމުގެ ފޯމު އިލެކްޝަންސްގެ ވެބްސައިޓުންނާއި އަތޮޅުތަކުގެ ފޯކަލް ޕޮއިންޓް މެދުވެރިކޮށް ލިބޭނެ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

އަންނަ ސެޕްޓެމްބަރު 23، ގައި ބާއްވާ އިންތިޚާބުގައި ވޯޓުގެ ކަންކަން ކުރުމަށް، 4،000 އަށް ވުރެ ގިނަ އޮޮފިޝަލުން ނަގާނެ އެވެ. އޮފިޝަލުން ނެގުމުގައި، އެއްވެސް ސިޔާސީ ޕާޓީއެއްގައި ހިމެނޭ މީހަކަށް މި ފަހަރު ފުރުސަތު ނުދޭން އީސީން ވަނީ ނިންމައިފި އެވެ.

އެކަމަކު މީގެ ކުރިން ބޭއްވި އިންތިޚާބުތަކުގައި ސިޔާސީ ޕާޓީތަކުގެ މެމްބަރުން ވޯޓުލާ މަރުކަޒުތަކުގައި އޮފިޝަލުންގެ ގޮތުގައި ހަރަކާތްތެރިވެފައިވެ އެވެ.

އޮފިޝަލުން ނެގުމަށް ބަދަލު ގެނައުމަކީ، އެ ކޮމިޝަނުން ބުނެފައިވާ ގޮތުގައި، މިނިވަން އިންތިޚާބަށް ހުރަސްއެޅިދާނެ ފަދަ ހުރިހާ ކަމެއް ނައްތާލަން އަޅާ ފިޔަވަޅުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

މި އިންތިޚާބުގައި ރާއްޖޭގެ އެކި ސަރަހައްދުތަކާއި ދިވެހިން ދިރިއުޅޭ ބޭރު ގައުމުތައް ހިމެނޭ ގޮތުން ޖުމްލަ 478 ވޯޓު ފޮށި ބަހައްޓާނެ އެވެ. ކޮންމެ ވޯޓު ފޮއްޓެއް ކައިރީގައި، މަދުވެގެން 5 އޮފިޝަލުން އަދި ގިނަވެގެން 10 އޮފިޝަލުން ބައިތިއްބާ ގޮތަށް އިލެކްޝަންސުން ވަނީ ހަމަޖައްސައިފަ އެވެ.