ބައެެއް މީހުން ދޫކޮށްލީ އިސްލާމީ މަރުކަޒަށް ނުދެވޭ ގޮތަށް

އިއްޔެގެ ހުކުރު ނަމާދަށް ފަހު ސަރުކާރާ ދެކޮޅަށް ދުއާ ކުރަން ތިއްބައި ހައްޔަރު ކުރި، އިދިކޮޅު މެމްބަރު އަހުމަދު މަހުލޫފްގެ ބައްޕަ އާއި އިތުރު މީހަކު، އިސްލާމީ މަރުކަޒަށް ނަމާދަށް ނުދެވޭ ގޮތަށް ޝަރުތުކޮށް ދެންމެ ދޫކޮށްލައިފި އެވެ.


އިސްލާމީ މަރުކަޒަށް ނުދެވޭ ގޮތަށް ޝަރުތުކޮށް މަހުލޫފުގެ ބައްޕަ އާއި އެހެން މީހަކު ދޫކޮށްލިއިރު، އެ ދެ މީހުންނާ އެކު ހައްޔަރުކުރި އެހެން ފަސް މީހެއްގެ ބަންދުގެ މުއްދަތަށް 15 ދުވަސް މިއަދު ކްރިމިނަލް ކޯޓުން ވަނީ ޖަހައިދީފަ އެވެ.

ފަހަކަށް އައިސް ކޮންމެ ހުކުރު ނަމާދަކަށް ފަހު ބަޔަކު އިސްލާމީ މަރުކަޒުގައި ސަރުކާރާ ދެކޮޅަށް ދުއާ ކުރި ނަމަވެސް އެ ހަރަކާތް ފުލުހުން ހުއްޓުވަ އެވެ. ފުލުހުން ބުނަނީ އެކަން ހުއްޓުވަނީ ސިޔާސީ ހަރަކާތެއް ވީމާ ކަމަށެވެ.

މިދިޔަ ހަފުތާގެ ހުކުރު ދުވަހު ވެސް ދުއާ ކުރަމުން ދަނިކޮށް، މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އަސްއަދު އަލީ (އަޑުބަރޭ) އާއި އިތުރު ދެ މީހަކު ހައްޔަރު ކުރި އެވެ. އެކަމަކު، އެ އެންމެން ވެސް ކޯޓުން ވަނީ ދޫކޮށްލައިފަ އެވެ.

ހުކުރު ނަމާދަށް ފަހު އިސްލާމީ މަރުކަޒު ސަރަަހައްދުގައި ދުއާކުރަން ފެށީ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް 13 އަހަރުގެ ޖަލު ހުކުމެއް އިއްވި ފަހުންނެވެ.