ރާއްޖޭގެ ފުރަތަމަ ރީތީގެ ރާނީ ރަމްލާ މަރުވެއްޖެ

ރާއްޖޭގައި ގައުމީ ފެންވަރުގައި ބޭއްވި ރީތީގެ މުބާރާތް ކާމިޔާބުކޮށް، ރާއްޖޭގެ ފުރަތަމަ ރީތީގެ ރާނީގެ މަގާމު ހޯދި ހއ. ބާރަށު، ރަމްލާ އަހުމަދު މިއަދު ހެނދުނު މަރުވެއްޖެ އެވެ.


އޭނާ 83 އަހަރުގައި މަރުވީ އައިޖީއެމްއެޗުގައި ފަރުވާ ދެމުން އަންނަނިކޮށެވެ.

ރަމްލާ މަރުވިއިރު ދުނިޔޭގައި އޭނާގެ ހަތް ދަރިން އެބަތިއްބެވެ. އަދި މާމަ، މުނިމާމަ 40 އަށްވުރެ ގިނަ ކުދިން އެބަތިއްބެވެ.

ރަމްލާ.-- ޓްވިޓާ ފޮޓޯ: އަލީ އުމަރު

މުސްކުޅި ބަލީގައި އައިޖީއެމްއެޗުގައި އެޑްމިޓްކޮށް މިދިޔަ ރޯދަ މަހުން ފެށިގެން އޭނާ އަށް އައީ ފަރުވާ ދެމުންނެވެ.

ރަމްލާގެ އާއިލާއިން ވާހަކަދެއްކި މީހަކު ބުނީ މިއަދު ހެނދުނު ވެސް ރަމްލާގެ ހާލު އާދައިގެ ގޮތެއްގައި ރަނގަޅު ކަމަށެވެ. އެކަމަކު ހަރަކާތްތެއް ނެތި އޮންނަން ފެށުމުން ބެލި އިރު އޮތީ މަރުވެފައިވާ ކަމަށް، އާއިލާއިން ވާހަކަ ދެއްކި މީހާ ބުންޏެވެ.

ރާއްޖޭގެ ފުރަތަމަ ރީތީގެ ރާނީކަން ހޯދި ރަމްލާ

ރަމްލާ ކާމިޔާބުކުރި ރީތީގެ މުބާރާތް ބޭއްވީ ކުރީގެ ރައީސް މުހައްމަދު އަމީންގެ ވެރިކަމުގައި 1953 ވަނަ އަހަރު އެވެ. މުޅި ރާއްޖެއިން ކުދިން ހޮވާލައިގެން ބޭއްވި އެ މުބާރާތުގެ 1 ވަނަ ލިބުނީ ރަމްލާއަށް 18 އަހަރުގަ އެވެ. އެ މުބާރާތަށްފަހު ގައުމީ ފެންވަރުގައި ރީތީގެ މުބާރާތް ބާއްވާފައެއް ނުވެ އެވެ.