ރިޔާޒު ރަޝީދު ކިނބިދު އަށް ވަޑައިގަތުމުން ބަޔަކު ހިތްހަމަނުޖެހުން ފާޅުކޮށްފި

ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު ތ. ކިނބިދު އަށް މިއަދު ވަޑައިގަތުމުން އެ ރަށުގެ ބައެއް މީހުން ހިތްހަމަނުޖެހުން ފާޅުކޮށް އަޑުއުފުލައިފި އެވެ.


މިއަދު ހެނދުނު ނުވައެއް ޖަހާކަށްހާއިރު ރިޔާޒު އެ ރަށަށް ވަޑައިގަތީ ޕީޕީއެމްގެ ސަޕޯޓަރުންނާ ބައްދަލުކުރައްވައި އެ ރަށުގެ ހާލަތު ދެނެގަތުމަށެވެ. ކިނބިދޫ ސްކޫލުގައި އޮތް ބައްދަލުވުމަށްފަހު ފުރާވަޑައިގަތުމަށް ރިޔާޒު ނިކުމެވަޑައިވަޑައިގެންނެވިތަނާ ބަޔަކު ވަނީ އަޑުގަދަކޮށް ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.

އެމީހުން ހިތްހަމަނުޖެހުން ފާޅުކުރީ 2004 ވަނަ އަހަރު ޝޯއެއް ދިނުމަށް އެ ރަށުގެ ޖަމިއްޔާގެ ބަޔަކު އެހެން ރަށަކަށް ގެންދިއުމަށްފަހު ދޭންޖެހޭ ފައިސާތަކެއް ނުދީގެން ކަމަށް ވެ އެވެ. ނަމަވެސް އެ ވާހަކަތައް ރިޔާޒު ދޮގުކުރައްވަ އެވެ. އޭނާ ވިދާޅުވީ އެއްވެސް މީހަކަށް ދޭންޖެހޭ ފައިސާއެއް ނުދީ ނޯންނާނެ ކަމަށާއި އަދި އެ ބުނާ ފައިސާއަކީ އޭނާއާ ގުޅުންހުރި ކަމެއް ނޫން ކަމަށެވެ.

"އަޅުގަނޑެއް ނޫން ޝޯ ދޭން ގެންދިޔައީކީ. އެކަމަކު އެމީހުން ކީ އަގަށްވުރެ ގިނަ ފައިސާ ދޭން ޖެހިގެން އެބައި ވެސް ދިނިން. އެކަމަކު އެއީ އަޅުގަނޑާ ގުޅުންހުރި ކަމެއް ނޫން. އަދި އެ ޖަމިއްޔާއިން އެ ބޭނުންކުރަނީ ވެސް އަޅުގަނޑު ހަދިޔާކުރި މިއުޒިކު ސާމާނު،" މަޑިފުށީގައި ހުންނަވައިގެން "މިހާރު"އާ ވާހަކަދައްކަވަމުން ރިޔާޒު ވިދާޅުވި އެވެ. "އެއީ ފައިސާއާ ގުޅުންހުރި ކަމެއް ނޫން. ކަނޑައެޅިގެން ހަދާ ދޮގެއް."

މި ދަތުރުގައި ކިނބިދޫ ދާއިރާގެ ހުރިހާ ރަށަކަށް ވަޑައިގެން ރިޔާޒު ވަނީ ޕީޕީއެމްގެ ސަޕޯޓަރުންނާ ބައްދަލުކުރައްވައިފަ އެވެ. ކިނބިދޫ ފިޔަވައި އެހެން ރަށަކުން އޭނާއާ ދެކޮޅަށް ބަޔަކު ނިކުމެފައިނުވާ ކަމަށް ރިޔާޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކިނބިދޫ ދާއިރާއަށް އަބްދުﷲ ރިޔާޒު އިންތިހާބުކުރެއްވީ ޕީޕީއެމުން ވެސް ވަރަށް ބުރަކޮށް މަސައްކަތް ކުރައްވައިގެން ކަމަށާއި ނަމަވެސް އެ ދާއިރާގެ ރައްޔިތުންނަށް އެބޭފުޅާގެ އެއްވެސް އަޅާލުމެއް ނުލިބޭ ކަމަށެވެ.

"އެހެންވެ ރައީސް ޔާމީން ބޭނުންފުޅުވީ މި ދާއިރާގެ ރައްޔިތުންނަށް ދިމާވާ ގޮންޖެހުންތަކަކީ ކޮބައިތޯ ބެލުމަށް،" ރިޔާޒު ވިދާޅުވި އެވެ.

ރިޔާޒާ ދެކޮޅަށް އެ ރަށުގައި ހިތްހަމަނުޖެހުން ފާޅުކުރާ ވީޑިއޯ ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ.