ފާރިސް އަށް ކުރާ ޓެރަރިޒަމްގެ ދައުވާގެ މިއަދުގެ އަޑުއެހުން ކެންސަލްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނަށް ކުރާ ޓެރަރިޒަމްގެ ދައުވާގެ މިއަދުގެ އަޑުއެހުން ކެންސަލް ކޮށްފި އެވެ.


ކުރީގެ ރައީސް މައުމޫން އަބްދުގައްޔޫމްގެ ދަރިކަލުން ފާރިސް އަށް ޓެރަރިޒަމްގެ ދައުވާ ކުރަނީ މިދިޔަ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން، ސަރުކާރު ވައްޓާލަން އުޅުނު ކަމަށް ބުނެ އެވެ. އެ މައްސަލައިގެ މިއަދު ހެނދުނު ބާއްވަން ތާވަލްކުރި އަޑުއެހުން ކެންސަލްކުރި ސަބަބެއް ސާފެއް ނުވެ އެވެ.

ޓެރަރިޒަމްގެ އެ ދައުވާ ސާބިތުވެއްޖެ ނަމަ، ފާރިސްގެ މައްޗަށް 17 އަހަރުގެ ޖަލު ހުކުމެއް އައިސް، މެމްބަރު ކަމުގެ ގޮނޑި ގެއްލޭނެ އެވެ.

ފާރިސް އަށް ޓެރަރިޒަމްގެ ދައުވާ ކުރާއިރު، ޝަހްސު އޮޅުވާލުމުގެ ދައުވާއެއް ސާބިތުވެ، ފާރިސްގެ މައްޗަށް މިދިޔަ މަހު ވަނީ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ. މީގެ އިތުރުން ރިޝްވަތުގެ ދައުވާއެއް ވެސް ދައުލަތުން ފާރިސްގެ މައްޗަށް ކުރެ އެވެ.