ސަރުކާރުން އެދިފައި ވަނިކޮށް ވެސް ބައްދަލުވުން އެމްޑީޕީން ބޮއިކޮޓްކޮށްފި

މި އަހަރުގެ ރިޔާސީ އިންތިޚާބަށް އިލެކްޝަންސް ކޮމިޝަނަށް ލަފާ ދިނުމަށްޓަކައި އެކުލަވާލާފައިވާ ގައުމީ ލަފާ ދޭ ކޮމެޓީގެ ބައްދުލުވުންތައް ބޮއިކޮޓް ކުރަން އިދިކޮޅު އެމްޑީޕީން ނިންމި ނިންމުން އަނބުރާ ގެންދަން ސަރުކާރުން އެދިފައި ވަނިކޮށް، އިއްޔެ ބޭއްވި ބައްދަލުވުމުގައި ވެސް އެ ޕާޓީން ބައިވެރިއެއް ނުވި އެވެ.


އިންތިޚާބުގެ ބައެއް ކަންކަން އިލެކްޝަންސް ކޮމިޝަނުން ކުރިއަށް ގެންދާ ގޮތާ މެދު ހިތްހަމަނުޖެހުން ފާޅުކޮށް، މިދިޔަ މަހުގެ ފަހުކޮޅު ބޭއްވި ގައުމީ ލަފާ ދޭ ކޮމެޓީގެ ބައްދަލުވުމުން ވެސް އެމްޑީޕީގެ މަންދޫބުން ވަނީ ނުކުމެފަ އެވެ. އަދި އިއްޔެގެ ބައްދަލުވުން ބޮއިކޮޓްކުރީ، އެމްޑީޕީން ބުނިގޮތުގައި، ސެޕްޓެމްބަރު 23 ގައި ބާއްވާ ރިޔާސީ އިންތިޚާބުގައި ވޯޓުލާ މީހުންގެ ލިސްޓާ މެދު ފާޅުކުރި ކަންބޮޑުވުންތަކަށް އިލެކްޝަންސް ކޮމިޝަނުން އަޅާނުލުމުންނެވެ.

ބައްދަލުވުމުގައި އެމްޑީޕީން ބައިވެރި ނުވިއިރު، އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކަށް އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ހަމަޖެއްސުމުން މަރުހަބާ ކިޔައި ނެރުނު ބަޔާނުގައި، އިންތިޚާބާ ގުޅޭ ގޮތުން އިލެކްޝަންސް ކޮމިޝަނަށް ލަފާދިނުމަށްޓަކައި އުފައްދާފައިވާ ކޮމެޓީ އެމްޑީޕީން ބޮއިކޮޓް ކޮށްފައި އޮތް އޮތުން އަނބުރާ ގެންގޮސް އޮމާން އިންތިޚާބެއް ބޭއްވުމަށް އެ ކޮމިޝަނަށް އެއްބާރުލުން ދިނުމަށް ސަރުކާރުން ވަނީ ގޮވާލައިފަ އެވެ.

އެ ކޮމެޓީގައި އެމްޑީޕީ ތަމްސީލް ކުރައްވާ އެ ޕާޓީގެ ޗެއާޕާސަންގެ ނައިބު އަލީ ނިޔާޒް ވިދާޅުވީ ވޯޓާސް ލިސްޓުގައި އައިޑީކާޑު ނަމްބަރު ހިމަނާފައި ނުވާތީ އިލެކްޝަންސް ކޮމިޝަނަށް ކަންބޮޑުވުން ހުށަހަޅާފައިވާނެ ކަމަށެވެ. އެކަމަކު، އެ ކަންބޮޑުވުންތަކަށް އިލެކްޝަންސް ކޮމިޝަނުން މިހާތަނަށް އެދެވޭ ހައްލެއް ހޯދައި ދީފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ވޯޓާސް ލިސްޓުގެ ސައްހަކަން ކަށަވަރު ކުރެވޭ އެންމެ މުހިންމު ވަސީލަތަކީ އައީޑީކާޑު ނަމްބަރު ކަމަށާއި އެ މައުލޫމާތު ނެތް ނަމަ އެކަންކަން ކަށަވަރު ކުރަން އުނދަގޫ ކަމަށް ނިޔާޒް ވިދާޅުވި އެވެ.

"ވޯޓާސް ލިސްޓާ މެދު އަޅުގަނޑުމެންގެ ކަންބޮޑުވުންތައް އެބަހުރި. ހުށަހެޅި އެއްވެސް ޝަކުވާ އަކަށް ޖަވާބެއް ނުދޭ. އެހެންވެ، ލަފާ ދޭ ކޮމެޓީގައި އަޅުގަނޑުމެން ބައިވެރި ނުވީ. އެކަމުގައި ދެން ކުރިއަށް ދާނެ ގޮތެއް ވެސް އަޅުގަނޑުމެން މި އަންނަނީ ހޯދަމުން،" ނިޔާޒް ވިދާޅުވި އެވެ.

މި އަހަރުގެ ރިޔާސީ އިންތިޚާބުގެ ވޯޓުލުން ބާއްވަން ނިންމާފައިވާއިރު އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 15 ގައި ހުޅުވާލާ ގޮތަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ހަމަޖައްސައިފަ އެވެ.