ނަސްލީ ތަފާތު ކުރުން ޖިނާއީ ކުށަކަށް ހެދުމަށް އިސްލާހު ހުށަހަޅައިފި

ނަސްލީ ތަފާތު ކުރުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ގާނޫނުލް އުގޫބާތުގައި ކަނޑައަޅައި، އެ ކުށަށް ބޮޑު އަދަބު ދެވޭ ގޮތަށް އެ ގާނޫނު އިސްލާހު ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.


ސަރުކާރުގެ ފަރާތުން ފޭދޫ ދާއިރާގެ ޕީޕީއެމްގެ އިބްރާހިމް ދީދީ ހުށަހެޅުއްވި ބިލް ގައި ގާނޫނުލް އުގޫބާތަށް ގިނަ އިސްލާހުތަކެއް ހުށަހަޅާފައި ވެ އެވެ. އެގޮތުން، އަދަބުތައް ބޮޑު ކުރުމާއި އިތުރު ކުށްތަކެއް ގާނޫނުލް އުގޫބާތުގައި ހިމެނުމަށް ވެސް އެ ބިލްގައި އިސްލާހު ހުށަހަޅާފައިވެ އެވެ. އަލަށް އެ ގާނޫނުގައި ހިމެނުމަށް ހުށަހަޅާ ކުށްތަކުގެ ތެރޭގައި ނަސްލީ ތަފާތު ކުރުން ވެސް ހިމެނެ އެވެ.

އެ ބިލްގައި އިސްލާހު ހުށަހަޅާފައި ވަނީ މީހެއްގެ ނަސްލަށް ނުވަތަ އުފަންވީ ގައުމަކަށް ނުވަތަ ކުލައަށް ބަލައި، މީހަކަށް ހަމަލާ ދިނުން ނުވަތަ ހަމަލާ ދިނުމަށް މަސައްކަތް ކުރުން ނުވަތަ އެފަދަ މީހަކާ މެދު ތަފާތު ކުރުމަށް ގޮވައިލުން ނުވަތަ ހިތްވަރު ދިނުމަކީ ކުށެއްގެ ގޮތުގައި ހިމެނުމަށެވެ. އަދި އެފަދަ މީހަކާ މެދު ތަފާތު ކުރުމަށް ގޮވާލައި ނުވަތަ ހިތްވަރު ދޭ ޖަމިއްޔާއެއް ނުވަތަ ޖަމާއަތެއް އުފެއްދުމާއި ޚަރަދު ކުރުމާއި ބައިވެރިވުމަކީ ވެސް ކުށެއްގެ ގޮތުގައި ހިމެނުމަށް އެ ބިލްގައި ހިމަނާފައިވެ އެވެ.

ބިލްގައިވާ ގޮތުން، ނަސްލީ ތަފާތު ކުރުމުގެ ގޮތުން މީހަކަށް ދޭ ހަމަލާއެއްގެ ސަބަބުން މީހަކު މަރުވެއްޖެ ނަމަ، ގާނޫނުލް އުގޫބާތުގައި ބަޔާންކުރާ އެންމެ މަތީ ދަރަޖަ ކަމަށްވާ ޖިނާޔަތުގެ އެއް ވަނަ ދަރަޖައިގެ އަދަބު އެ މީހަކަށް ދެވޭނެ އެވެ. އެއީ ގާނޫނުލް އުގޫބާތު މިހާރު އޮތްގޮތުން ނަމަ، އަސާސީ މިންގަނޑުން 10 އަހަރުގެ ޖަލު ހުކުމެކެވެ.

ނަސްލީ ތަފާތު ކުރުމުގެ އަމަލެއް ހިންގީ ކިޑްނެޕް ކޮށްގެން ނުވަތަ ޖިންސީ އަނިޔާއެއް ދީގެން ނުވަތަ ފުރާނައަށް ގެއްލުމެއް ދޭނެ ކަމުގެ ބިރުދައްކައިގެން ކަމަށްވާ ނަމަ، އަސާސީ މިންގަނޑުން އެއް އަހަރާއި ހަތް މަހުގެ ޖަލު ހުކުމެއް އަންނަ ގޮތަށް ވެސް އެ ބިލުގައި ހިމަނާފައިވެ އެވެ. އެ ނޫން ހާލަތްތަކުގައި ނަސްލީ ތަފާތު ކުރުމުގެ އަމަލެއް ހިންގާ ނަމަ، އަސާސީ މިންގަނޑުން ނުވަ މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް އިއްވޭ ގޮތަށް ވެސް އެ ބިލުގައި ހިމަނާފައިވެ އެވެ.