ކަމާބެހޭ ފަރާތަށް ނާންގައި، މައްޔިތުން ވަޅުލުން ކުށަކަށް ހަދަން އިސްލާހު ހުށަހަޅައިފި

ކަމާބެހޭ ފަރާތަށް އެންގުމެއް ނެތި، މަރުވެފައިވާ މީހެއްގެ ހަށިގަނޑު ވަޅުލުމަކީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ގާނޫނުލް އުގޫބާތަށް ގެންނަން ހުށަހެޅި އިސްލާހުތަކުގެ ތެރޭގައި ހިމަނައިފި އެވެ.


ގާނޫނުލް އުގޫބާތުގެ 114 ވަނަ މާއްދާ މިހާރު އޮންނަ ގޮތުން ވެސް މަރެއް ފޮރުވުމަކީ ކުށެކެވެ. އެކަމަކު، އެ މާއްދާ ގައި މިހާރު އޮންނަ ގޮތުން އެ ކުށުން ކުށްވެރި ވާނީ މަރުވެފައިވާ މީހާ މަރާލާފައިވާ ކަން އެނގި ހުރެ، އެކަން ފޮރުވައިފި ނަމަ އެވެ. ގާނޫނުލް އުގޫބާތަށް އިސްލާހު ގެންނަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލުގައި އެ މާއްދާ އަށް އިސްލާހު ގެންނަން ވަނީ ހިމަނައިފަ އެވެ.

އެ ބިލްގައި ހުށަހަޅާފައި ވަނީ މަރުވެފައިވާ މީހެއްގެ ހަށިގަނޑު ފޮރުވައިފި ނަމަ ނުވަތަ އަންގަންޖެހޭ ފަރާތަކަށް އެންގުމެއް ނެތި ވަޅުލައިފި ނަމަ ނުވަތަ ނައްތާލައިފި ނަމަ، އެއީ ކުށަކަށް ވާ ގޮތަށެވެ. އަދި ގާނޫނުލް އުގޫބާތުގައި މިހާރު ވެސް އޮންނަ ގޮތަށް، މީހަކު މަރާލާފައިވާ ކަން އެނގި ހުރެ އެކަން ފޮރުވުމަކީ ވެސް ކުށެއްގެ ގޮތުގައި ބެލުމަށް އެ ބިލުގައި ހިމަނާފައިވެ އެވެ.

މީގެ އިތުރުން، މަރުވެފައިވާ މައްޔިތުންނާ މެދު އިހާނެތި އަމަލު ހިންގުމުގެ ކުށް ބަޔާންކުރާ މާއްދާ ވެސް އިސްލާހު ކުރަން އެ ބިލްގައި ހުށަހަޅާފައިވެ އެވެ. ގާނޫނުލް އުގޫބާތު މިހާރު އޮންނަ ގޮތުން މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ކުށުން ކުށްވެރި ވާނީ އެ މީހަކު އެ ކުރާ ކަމެއްގެ ސަބަބުން މައްޔިތާގެ އާއިލާގެ މީހުންގެ ތެރޭގައި ނަފްރަތު އުފެދޭ ކަމަށްވާ ނަމަ އެވެ.

އެ ބިލްގައި، އެ ކުށަށް އިސްލާހު ހުށަހަޅާފައި ވަނީ މައްޔިތާގެ ކަރާމާތަށް އުނިކަން ލިބޭ ގޮތަށް ނުވަތަ އިހާނާތެއް ރައްދުވާ ފަދަ އެއްވެސް އަމަލެއް ކުރުމަކީ ކުށެއްގެ ގޮތުގައި ހިމެނުމަށެވެ.

ގާނޫނުލް އުގޫބާތަށް ސަރުކާރުން ގިނަ އިސްލާހުތަކެއް ހުށަހަޅާފައިވާއިރު، އޭގެ ތެރޭގައި އިތުރު ކުށްތައް ބަޔާން ކުރުމާއި މިހާރު ކަނޑައަޅާފައި ހުރި ކުށްތަކުގެ އަދަބު ބޮޑު ކުރުން ވެސް ހިމެނެ އެވެ. ބައެއް ކުށްތަކުގެ އަދަބު މިހާރު އޮތް މިންވަރަށް ވުރެ ދެ ގުނަ ބޮޑުކުރަން ވެސް އެ ބިލުގައި ހިމަނާފައިވެ އެވެ.

ޙުސައިން އަރީފު

5

ނޮޅިވަރަމް ދާއިރާ