އިލެކްޝަންސް ކޮމިޝަން އަލުން އެކުލަވާލަން އެމްޑީޕީން ގޮވާލައިފި

ސެޕްޓެމްބަރު، 23 ގައި އޮންނަ ރިޔާސީ އިންތިޚާބުގެ ސައްހަކަން ކަށަވަރު ކުރުމަށްޓަކައި އިލެކްޝަންސް ކޮމިޝަން އަލުން އެކުލަވާލުމަށް އިދިކޮޅު އެމްޑީޕީން މިރޭ ގޮވާލައިފި އެވެ.


އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ ސަރުކާރުގެ ނުފޫޒުތަކުން ނެއްޓި މިނިވަން އިންސާފުވެރި، އަދި ދެފުށް ފެންނަ އިންތިޚާބެއް ބޭއްވުމުގެ ނިޔަތާއި ގާބިލް ކަމެއް މިހާރު މިއޮތް އިލެކްޝަންސް ކޮމިޝަނަށް ލިބިގެން ނުވާ ކަމަށެވެ.

އެ ބަޔާނުގައި ބުނި ގޮތުގައި ވޯޓު ހައްގުވާ މީހުންގެ ލިސްޓު ކަމަށް ބުނެ އިލެކްޝަންސް ކޮމިޝަނުން އާއްމުކޮށްފައިވާ ލިސްޓާ ގުޅޭ ގޮތުން އެމްޑީޕީން ހުށަހެޅި ކަންބޮޑުވުންތަކަށް އެއްވެސް ހައްލެއް ލިބިފައެއް ނުވެ އެވެ. އިންތިޚާބުގެ މިނިވަންކަމާއި އިންސާފުވެރިކަމާއި ދެފުށް ފެންނަ ކަން ކަށަވަރު ކުރުމަށްޓަކައި ވޯޓު ހައްގުވާ މީހުންގެ ލިސްޓުގެ ސައްހަ ކަން ކަށަވަރު ކުރަން ޖެހޭ ކަމަށް އެމްޑީޕީން ބުންޏެވެ.

"އެކަމަށްޓަކައި އައިޑީ ކާޑު ނަންބަރާއި ނަމާއި އެޑްރެސް ބަލާ، އަޅާކިޔާ، ޔަގީންކުރަން ޖެހެ އެވެ. އެހެން ނަމަވެސް ވޯޓު ހައްގުވާ މީހުންގެ ލިސްޓު ކަމަށް ބުނެ އާއްމުކޮށްފައިވާ ލިސްޓުގައި އައިޑީކާޑު ހިމަނާފައެއް ނުވެ އެވެ. މި މައްސަލަ ވާނީ އެމްޑީޕީގެ ފަރާތުން ތަކުރާރުކޮށް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފަ އެވެ،" އެމްޑީޕީގެ ބަޔާނުގައިވެ އެވެ.

މާލޭ ސިޓީ ކައުންސިލުން ބަލަހައްޓަމުން އައި ދަފްތަރު ހައުސިން މިނިސްޓްރީގެ ދަށަށް ބަދަލުކޮށް، ދަފްތަރުގައި ރަޖިސްޓްރީވުމުގެ ފުރުސަތު އަލުން ހުޅުވާލުމަކީ ވޯޓުލުމުގެ ހައްގު ގެއްލިދާނެ ކަމެއް ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވާ ކަން ވެސް ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ. ދަފްތަރުގައި، ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލިއަސް އިންތިހާބުގައި ވޯޓުލުމުގެ ހައްގު ނުގެއްލޭނެ ކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ރިޔާސީ އިންތިޚާބު ބޯމަތިވެފައިވާއިރު، ދަފްތަރުގައި ރަޖިސްޓްރީވުުމުގެ ފުރުސަތު އަލުން ހުޅުވާލައި، ދަފްތަރަށް އުނިއިތުރު ނުގެނައުމަށް ގޮވާލުމުން އެކަމަށް ވެސް އިޖާބަދީފައި ނުވާ ކަމަށް އެމްޑީޕީން ބުންޏެވެ.

ސިޔާސީ މަސްރަހު ހަލަބޮލިވެފައިވާ ދަނޑިވަޅެއްގައި އިންތިހާބު ބާއްވަން ޖެހޭއިރު، އިލެކްޝަންސް ކޮމިޝަނަށް ވަރަށް ބޮޑަށް ސަރުކާރުގެ ސިޔާސީ ނުފޫޒު ފޯރުވާފައިވާ ކަމަށް ދަނީ ތުހުމަތު ކުރަމުންނެވެ. އިންތިޚާބުގެ ކުރިން އިލެކްޝަންސް ކޮމިޝަނަށް ބަދަލު ގެނައުމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ވެސް ވަނީ ސަރުކާރަށް ހުށަހަޅައިފަ އެވެ.

އަބްދުﷲ ޖާބިރު

3

ކާށިދޫ ދާއިރާ