އަބުރުގެ ބިލް މަޖިލީހަށް ބަލައިގަތުމަށް ތާއީދެއް ނުކުރާނަން: ފާރިސް

އަބުރު ރައްކާތެރި ކުރުމާއި ޚިޔާލު ފާޅު ކުރުމުގެ މިނިވަންކަމުގެ ބިލް ރައްޔިތުންގެ މަޖިލީހަށް ބަލައިގަތުމަށް ތާއީދު ނުކުރައްވާނެ ކަމަށް ދިއްގަރު ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ފާރިސް މައުމޫން މިއަދު ވިދާޅުވެއްޖެ އެވެ.


ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ދަރިކަލުން ފާރިސް ކުރެއްވި ޓްވީޓެއްގައި ވަނީ، އަބުރުގެ ބިލް މިހާރު ހުށަހަޅާފައިވާ ގޮތަށް މަޖިލީހަށް ބަލައިގަތުމަށް ތާއީދު ނުކުރައްވާނެ ކަމަށެވެ.

ފާރިސް އެގޮތަށް ވިދާޅުވީ އަބުރުގެ ބިލުގެ ބަހުސް މަރުހަލާ މާދަމާ ފެށުމަށް މަޖިިލީހުގައި އެޖެންޑާކޮށްފައި ވަނިކޮށެވެ.

ޕީޕީއެމަށް ނިސްބަތްވާ އުނގޫފާރު ދާއިރާގެ މެމްބަރު ޖައުފަރު ދާއޫދޫ ހުށަހަޅުއްވާފައިވާ އެ ބިލް އޮތްގޮތުން ނޫސްވެރިކަމަށް ހުރަސް އެޅޭ ކަމަށް ބުނެ ގިނަ ނޫސްވެރިން އަންނަނީ އެކަމުގެ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އަދި ބޭރުގެ ބައެއް ޖަމާއަތްތަކުން ވެސް ވަނީ އެ ބިލް އޮތްގޮތަށް ފާސް ނުކުރަން ގޮވާލައިފަ އެވެ.

އަބުރުގެ ބިލަށް ތާއީދު ނުކުރާނެ ކަމަށް ފާރިސް ވިދާޅުވިއިރު، ކުރިން ސަރުކާރުން ހުށަހެޅި ބިލަކާ ދެކޮޅަށް އޭނާ ވޯޓު ދިން މައްްސަލައެއްގައި އޭނާ ޕީޕީއެމުން ވަކިކުރަން އެ ޕާޓީގެ ސުލޫކީ ކޮމެޓީން ވަނީ ނިންމައިފަ އެވެ. އެކަމަކު ޕާޓީގެ ރައީސް މައުމޫން ވިދާޅުވަނީ ފާރިސް އަކީ އަދިވެސް އެ ޕާޓީގެ މެމްބަރެއް ކަމަށާއި އޭނާ ޕާޓީން ވަކިނުވާ ކަމަށެވެ.

ފާރިސް ކުރިން އިިދިކޮޅަށް ވޯޓު ދީފައިވަނީ އިއުލާން ނުކޮށް، ރަށްތައް ކުއްޔަށް ދެވޭ ގޮތަށް ޓޫރިޒަމް ގާނޫނަށް ގެނައި އިސްލާހަށެވެ. އޭގެ ފަހުން ވެސް އޭނާ ވަނީ ޕާމަނަންޓް ސެކްރެޓަރީން އައްޔަން ކުރުމުގައި މިނިސްޓަރުންގެ ލަފާ ހޯދަންޖެހޭ ގޮތަށް ސިވިލް ސާވިސް ގާނޫނަށް ގެނައި އިސްލާހާ ދެކޮޅަށް ވެސް ވޯޓު ދެއްވައިފަ އެވެ.