ހަކުރު ބަލީގެ ހާއްސަ ލެބެއް އޭޑީކޭގައި ހުޅުވައިފި

ހަކުރު ބަލީގެ މީހުންނަށް ހާއްސަކޮށްގެން އޭޑީކޭގައި ލެބޯޓެރީއެއް މިއަދު ހުޅުވައިފި އެވެ.


"އިންޑޮކްރައިން އިން ވިވޮ ލެބް"ގެ ނަމުގައި ހުޅުވި ލެބުން މިއަދުން ފެށިގެން ހިދުމަތް ލިބޭނެ ކަމަށް އޭޑީކޭ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް ވިދާޅުވި އެވެ.

ހިދުމަތް ތައާރަފްކުރަން އެ ހޮސްޕިޓަލްގައި ބޭއްވި ރަސްމިއްޔާތުގައި އަފްއާލް ވިދާޅުވީ ހަކުރު ބައްޔަކީ ރާއްޖޭގައި ވަރަށް އާއްމުވެފައިވާ ބައްޔެއް ކަމަށާއި އޭގެ ސަބަބުން ގިނަ ތަކުލީފުތަކެއް އުފުލަން ޖެހޭ ކަމަށެވެ. މިއަދު ތައާރަފްކުރި ލެބުން، ހަކުރު ބަލި ޖެހިފައިވާ މީހުންނަށް ފަސޭހަ އިން ފަރުވާ ދެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އަފްއާލް ވިދާޅުވީ އެ ލެބްގެ ސަބަބުން ހަކުރު ބަލީގެ މީހުންނަށް ތަފާތު އެކި ފަރުވާތައް ދެވޭނެ ކަމަށާއި ބައްޔެއް ޖެހުމުގެ ކުރިން އެ ބައްޔެއް ދެނެގަނެ ފަސޭހަ އިން ފަރުވާ ދިނުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.

އާއްމުކޮށް ހުންނަ ލެބްތަކާއި ހަކުރު ބަލީގެ މީހުންނަށް ހާއްސަކޮށްގެން މިއަދު ހުޅުވި ލެބުގައި ތަފާތުތަކެއް ހުންނާނެ ކަމަށް އެ ހޮސްޕިޓަލްގެ ޗީފް މެޑިކަލް އޮފިސަރު ޑރ. އަބްދުﷲ ނިޔާފު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެއީ ބަލި މީހާގެ ހަށިގަނޑުގައި އެ ވަގުތު ހިނގަމުންދާ ފަންކްޝަނެއް ބަލަން ހާއްސަ ލެބެއް ކަމަށެވެ.

ހަކުރު ބަލީގެ މީހުންނަށް ހާއްސަކޮށް ހުޅުވި ލެބާ ގުޅޭ މައުލޫމާތު ހިއްސާކުރަން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ހޮސްޕިޓަލްގެ މެނޭޖަރު އަފްއާލް ވާހަކަދައްކަވަނީ.--މިހާރު ފޮޓޯ:ހުސެއިން ޝަޔާހު

"އެއީ ލޭ ނަގަައި ނޫނީ އެހެން ފްލުއިޑެއް ނަގައިގެން ހަދާ ޓެސްޓެއް ނޫން،" ނިޔާފު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހޯމޯންތަކާ ގުޅޭ ހުރިހާ ބަލިތަކަކަށް ވެސް ޓެސްޓު ހެދޭނެ ކަމަށާއި ނަމަވެސް ފަށައިގަތުމުގައި އިސްކަންދިނީ ހަކުރު ބަލީގެ ޓެސްޓުތަކަށް ކަމަށެވެ.

އަފްއާލް ވިދާޅުވީ ކައިރި މުސްތަގުބަލެއްގައި އާސަންދައިގެ ދަށުން އެ ހިދުމަތް ދޭން ފަށާނެ ކަމަށެވެ. މި ލެބުން ހަދާ ޓެސްޓުތަކުގެ އަގު އުޅެނީ 200ރ އަދި 1600ރ. އާ ދެމެދުގަ އެވެ.

ހިދުމަތުގެ ފެންވަރު ރަނގަޅުކުރަން އޭޑީކޭ ހޮސްޕިޓަލުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އެ ހޮސްޕިޓަލްގެ 30 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން ކޮންމެ މަހަކު އަންނަނީ އާ ހިދުމަތެއް ތައާރަފްކުރަމުންނެވެ.