އައްޑޫގައި ހިނގި އެކްސިޑެންޓެއްގައި ދެ އަންހެނަކަށް ސީރިއަސް އަނިޔާތަކެއް

ސ. ހިތަދޫގައި މިއަދު ކާރަކާއި ސައިކަލެއް އެކްސިޑެންޓުވެ ދެ އަންހެނަކަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެ އެވެ.


އެނގިފައިވާ ގޮތުގައި މިއަދު ހަވީރު 5:00 ހާއިރު ހިތަދޫ ހަވީރީހިނގުމުގައި ހިނގި މި އެކްސިޑެންޓުގައި އެންމެ ބޮޑު އަނިޔާއެއް ލިބުނީ ސައިކަލު ދުއްވަން އިން އަންހެން މީހާ އަށެވެ. އުމުރުން 24 އަހަރުގެ މި މީހާ އަށް މިހާރު އަންނަނީ އެ ރަށު ރީޖަނަލް ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދެމުންނެވެ. އޭނާ އޮތީ ވެންޓިލޭޓަރުގަ އެވެ.

އެނގިފައިވާ ގޮތުގައި ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އެ އަންހެންމީހާގެ ހެޔެއް ނެތެވެ.

އެކްސިޑެންޓުވި ކާރު ދުއްވަން އިނީ ފިރިހެނެކެވެ. އަނިޔާވި އަނެއް އަންހެން މީހާ އިނީ ކާރުގަ އެވެ. އޭނާ އަށް ވެސް ފަރުވާ ދެމުން އަންނައިރު ހާލު ސީރިއަސް ނޫން ކަމަށް އެނގިފައިވެ އެވެ.

މި އެކްސިޑެންޓުގައި ކާރަށާއި ސައިކަލަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފަ އެވެ.