ކެންޑިޑޭޓުންނާއި ރަނިންމޭޓުންނަށް ފުރައްސާރަ ނުކުރަން އެޗްއާރުސީއެމުން ގޮވާލައިފި

ސެޕްޓެމްބަރު 23ގައި އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންނާއި އެ ބޭފުޅުންގެ ރަނިންމޭޓުންނަށް ފުރައްސާރަނުކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން މިއަދު ގޮވާލައިފި އެވެ.


އެޗްއާރުސީއެމުން ނެރުނު ބަޔާނުގައި ބުނީ އިންތިހާބަށް ކެމްޕޭންކޮށް، ތާއީދު ހޯދުމަށް ހިންގާ ހަރަކާތްތަކުގައި ކެންޑިޑޭޓުންނާއި ރަނިންމޭޓުންނަށް ފުރައްސާރަކޮށް، އެ ބޭފުޅުންގެ އަބުރު ގެއްލޭގޮތަށް ކަންކަން ނުކުރުމަށެވެ. އަދި މުޖުތަމައުގެ ތެރޭގައި ރުޅިވެރިކަމާއި ފިތުނަފަސާދަ އުފެދޭ ގޮތަށް، ކެމްޕޭން ހަރަކާތްތައް ނުހިންގުމަށް ވެސް ސިޔާސީ ޕާޓީތަކަށް ގޮވާލާފައި ވެ އެވެ.

އެޗްއާރުސީއެމުން މިހެން މި ބުނި އިރު، ކުރިއަށް އޮތް އިންތިހާބުގައި ރައީސް އަބްދުﷲ ޔާމީންގެ ރަނިންމޭޓުގެ ގޮތުގައި ވާދަކުރައްވާ އިސްލާމިކް ޔުނިވަސިޓީގެ ޗާންސެލާ މުހައްމަދު ޝަހީމް އަލީ ސައީދުގެ އަބުރަށް ހުތުރުވާ ގޮތަށް، އިދިކޮޅު ފަރާތްތަކުން ވާހަކަ ދައްކާ ކަމަށް ރައީސް ވަނީ ތުހުމަތުކުރައްވައިފަ އެވެ.

މ. އަތޮޅަށް އިއްޔެ ކުރެއްވި ދަތުރުފުޅުގައި، މުލަކުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ޝަހީމަކީ މިހާތަނަށް އިލްމުވެރިންގެ މެދުގައި ފުންނާބު އުސް އަދި ރައްޔިތުން ބަލައިގަންނަ ބޭފުޅެއް ނަމަވެސް އެމަނިކުފާނުގެ ރަނިން މޭޓަކަށް ޝަހީމް ހަމަޖެއްސެވުމާ އެކު، އޭނާއާ އެކު ތިއްބެވި އެހެން އިލްމުވެރިންގެ ވެސް އަބުރު ކަތިލުމަށް ގިނަ ވާހަކަތަކެއް ފަތުރަމުންދާ ކަމަށެވެ. އަދި އެއީ ޑިމޮކްރަސީގައި އެންމެ ވިޔާނުދާގޮތް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ގުޅިފައިވާ އިދިކޮޅު ޕާޓީތަކުގެ ކެންޑިޑޭޓު، އަދި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އަށް ތާއީދު ހޯދުމަށް ހުޅުމާލޭގައި އިއްޔެ ކެމްޕެއިން ކުރަމުން ދަނިކޮށް އޭނާއަށް ހަމަލަދޭން ވަނީ މަސައްކަތްކޮށްފަ އެވެ. އަދި އެ ހަރަކާތުގައި، އެމްޑީޕީގެ އިސް ބައެއް ބޭފުޅުންގެ ގަޔަށް ވަނީ ކަޅުތެޔޮ ޖަހައިފަ އެވެ.

އެޗްއާރުސީއެމުން ބުނީ، އިންތިހާބަށް ކެމްޕޭންކޮށް ތާއީދު ހޯދުމަށް ކުރާ މަސައްކަތަށް އެއްވެސް ފަރާތަކުން ހުރަސް އަޅައިގެން ނުވާނެ ކަމަށެވެ. އަމާންއޮމާންކޮށް، އެ ފަދަ ހަރަކާތްތައް ކުރިއަށް ގެންދިޔުމަށް، ގާނޫނާއި ގަވައިދުތަކަށް އިހުތިރާމް ކުރުމަށް އެ ކޮމިޝަނުން ގޮވާލާފައިވެ އެވެ.

އިބޫއަށް ހަމަލަ ދޭން އުޅުނު މައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ. އެކަމަކު ފުލުހުން ބުނީ އެ މައްސަލަ މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.