އަލީ ނިޔާޒް މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ: މައިގަނޑު ތިން ކަމެއްގެ ޝަކުވާ އިދިކޮޅު އިއްތިހާދުން ވަނީ ހުށަހަޅާފައި -- މިހާރު ފޮޓޯ / ނިޝާން އަލީ
18 ޖުލައި 2018 - 15:17
އަންނަ ސެޕްޓެމްބަރު 23ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ވޯޓުލުމުގެ ކަންތައް ހަމަޖައްސަމުންދާ ގޮތާ މެދު އިދިކޮޅު އިއްތިހާދުން ކަންބޮޑުވާ ކަންތައްތައް، އެ އިއްތިހާދުގެ ފަރާތުން އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފާ މިއަދު ހިއްސާކޮށްފި އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއާޕާސަންގެ ނައިބު އަލީ ނިޔާޒު ވިދާޅުވީ އިއްތިހާދުގެ ފަރާތުން މައިގަނޑު ތިން ކަމެއް ޝަރީފަށް ހުށަހެޅި ކަމަށެވެ. އެއީ، ރިސޯޓުތަކުގައި ބަހައްޓާ ވޯޓު ފޮށިތަކުގެ އަދަދު މަދު ކުރުމާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެހީތެރިވުމަށް ކޮމިޝަނުގެ އޮފިޝަލުން ހަމަޖެއްސުމާއި ވެރިކަން ކުރާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން ހުއްދަ ކުރާ ބަޔަކު ވޯޓު ފޮށިތައް ކައިރީ ބައިތިއްބަން ހަމަޖައްސާ ކަމަށް މައުލޫމާތު ލިބޭ މައްސަލަ އެވެ.
"ފުރަތަމަ ކަމަކަށް އަޅުގަނޑުމެން ފާހަގަ ކުރީ ރިސޯޓުތަކުގެ އެތައް ހާސް މުވައްޒަފުންނަށް ވޯޓުލުމުގެ ހައްގު ގެއްލިގެންދާނެ ފަދަ ގޮތަކަށް އިލެކްޝަންސް ކޮމިޝަނުން ހަމަޖައްސާފައި އޮތުން. މި ގޮތަށް ހަމަޖެއްސުމުން ވޯޓު ދިނުމުގެ ހައްގު، ގާތްގަނޑަކަށް 10،000 މީހުންނަށް ގެއްލިގެންދާނެ ކަމަށް ބެލެވޭ،" ނިޔާޒު ވިދާޅުވި އެވެ.
މިދިޔަ ރިޔާސީ އިންތިހާބުގައި ރިސޯޓުތަކުގައި 54 ވޯޓު ފޮށި ބެހެއްޓި އިރު މި ފަހަރު ބެހެއްޓުމަށް ހަމަޖެހިފައި ވަނީ އެންމެ ހަތް ފޮއްޓެވެ. ރާއްޖޭގައި 120 އަށް ވުރެ ގިނަ ރިސޯޓް ހިންގާ އިރު ގާތްގަނޑަކަށް 17،000 ދިވެހިން އެ ރަށްތަކުގައި މަސައްކަތް ކުރާ ކަމަށް ޓުއަރިޒަމް އެމްޕްލޯޔީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) އިން މައުލޫމާތު ދެ އެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެހީތެރިވެދިނުމަށް އިލެކްޝަންސްގެ އޮފިޝަލުން ހަމަޖެއްސުމަކީ ގިނަ ފަރާތްތަކެއްގެ ހައްގު ގެއްލި ވޯޓަށް ނުފޫޒު ފޯރާނެ ގޮތެއް ކަމަށް ވެސް އިދިކޮޅު އިއްތިހާދުން ވިދާޅުވި އެވެ.
"އެހީ އަށް ބޭނުންވާ މީހުންނަށް ވޯޓުލުމުގެ އިންތިޒާމް މި ފަހަރު ހަމަޖައްސާފައި އޮތް ގޮތުން އަޅުގަނޑުމެން އެބަ ކަންބޮޑުވޭ ނުފޫޒު މީގެ ތެރެއަށް ފޯރަފާނެ ކަމަށް. ހަ ހާހަށް ވުރެ ގިނަ މީހުން ހާއްސަ އެހީ އަށް ބޭނުންވާ ދަފްތަރުގައި ޖައްސާފައިވޭ. އަޅުގަނޑުމެން ކަންބޮޑުވޭ އެ ވޯޓުތަކަށް ނުފޫޒު ފޯރާފާނެތީ،" ނިޔާޒް ވިދާޅުވި އެވެ.
މީގެ ކުރީގެ އިންތިހާބުތަކުގައި ހަމަޖެހިފައި އޮންނަ އުސޫލަކީ ވޯޓު ލުމުގައި، ޖިސްމާނީ ގޮތުން ނުކުޅަދުންތެރިކަން ހުންނަ މީހުންނަށް އެހީތެރިވެދޭނީ އެ މީހަކު އަމިއްލަ އަށް ހަމަޖައްސާ މީހެކެވެ. ނަމަވެސް އިލެކްޝަންސް އިން ބުނީ ނުކުޅެދޭ މީހުންނަށް އެ ކޮމިޝަނުގެ މުވައްޒަފުން އެހީތެރިވެދިނުމަކީ ބެސްޓް ޕްރެކްޓިސް ކަމަށެވެ.
މީގެ އިތުރުން އަލީ ނިޔާޒް ވަނީ ވޯޓު ފޮށިތަކުގެ ކައިރީގައި ބައިތިއްބާ އޮފިޝަލުންނަކީ މުލިއާގެ އިން މެޑަމް ހުއްދަ ކުރައްވާ މީހުން ކަމަށް މައުލޫމާތު ލިބޭ ކަމަށެވެ.
"ވޯޓު ފޮށި ކައިރީގައި ބައިތިއްބާ އޮފިޝަލުންނަކީ ވަކި ގޮތަކަށް ވަކި ބަޔަކު ތަމްރީންވެގެން ވަކި މީހަކު އެޕްރޫވް ކޮށްގެން އަންނަ މީހަކަށްވާ ކަމަށް އަޅުގަނޑުމެންނަށް މައުލޫމާތު ލިބޭ. އެހެންވެ މި ވާހަކަތައް ވެސް އަޅުގަނޑުމެން ހިއްސާ ކުރިން،" އޭނާ ވިދާޅުވި އެވެ.
އިއްތިހާދުގެ ކަންބޮޑުވުންތަކާ މެދު ކޮމިޝަނުގައި މަޝްވަރާ ކުރައްވާނެ ކަމަށް ރައީސް ޝަރީފް ވިދާޅުވި ނަމަވެސް އެކަމަށް އިތުބާރު ނުކުރާ ކަމަށާއި އިންސާފުވެރި އިންތިހާބެއް ބޭއްވުމަށް ކޮމިޝަން ބަދަލު ކުރަންޖެހޭ ކަމަށް ވެސް އިދިކޮޅު އިއްތިހާދުން ބުންޏެވެ.
މި ފަހަރުގެ ރިޔާސީ އިންތިހާބުގައި 263،000 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބޭ އިރު، މުޅި ރާއްޖޭގައި 452 ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ހަމަޖެހިފަ އެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަންމަނިކުފާނު
19 July 2018
ބްރޯ ކީއްކުރަން އިލެކްޝަނަށް ތިޔަ ދަނީ! އީޔޫ ނޫނީ އިންޑިއާ އަށް ޝަކުވާ ފޮނުވުންނޫންތޯ ތިޔަބޭފުޅުންގެ އުސޫލަކީ! ދެން ޕޯޑިއަމަށް އަރާ ކިޔާނެ ގައުމީ ލަފާދޭ ކޮމިޓީ ބައިކޮޓް ކުރަނިއްޔޭ!
ދީމާހު
19 July 2018
ފުރަތަމަ އެމްޑީޕީން ބާއްވާ އިލެކްޝަންތަކުގެ ވާހަކަ ދައްކަން ވީނު. ތިމީހުންވެސް އެންމެ އިންތިޚާބެއްވެސް ނުދާނެ އޮޅުވާލުމާއި މަކަރާ ހީލަތްނެތް . ކަލޭމެވެސް އެދުން ބޮޑީ. އިންތިޚާބު ސައްހަވާނެ ހޮވަން ބޭނުން މީހާ ހޮވުނީމާ. ގޯސްވާނެ ނުހޮވުނީމާ. ދެން އެވީ ހުޅުޖަހަން ތަންތާގައި. ކޯޓް ހުކުމްވެސް އޯކޭ ވާނެ ތިމާމެން ބޭނުން ގޮތަށް ހުކުމް އައިމާ. އެއިރުން ގާޒީވެސް އޯކޭ ވަރަށް އިންސާފުވެރި . މިއީ ނޫންތަ ކަލޭމެން ދިވެހިންނަށް ދަސްކޮށްދިން ޑިމޮކްރަސީއަކީ
ބަތަލް.
19 July 2018
ކިތައްމެ ކަމެއްބޮޑުވިއަސް ކުރާނެކަމެއްނެއް 3 އަހަރުގެ ތަޖުރިބާއަށް ބަލާފައި ތިމީހުންނަކަށް މިކަން ކާމިޔާބު ވާކަށެއްނެއް. ހަމަ ކަންބޮޑުވެފާ ތިބެއްޖެހޭނީ.
ފުރޮޅޭ
18 July 2018
އަބަދުވެސް ކަންބޮޑުވެފައި ތިބޭ ބައެއް މިއީ. އިހަކަށް ދުވަހު ޖަލު ހުކުމެއްގައި ހުރި މީހަކު ވެރިކަމަށް ނުގެނެވިގެން. މިއަދު އެހެން ކަމަކާ. މާދަން އަނެއްކަމަކާ. ކަންބޮޑުނުވާނެ ގޮތެއް ހަމަ ނެތީ.
ހެޔޮނިޔަތް
18 July 2018
ތިކަމަކާ އަހަރުމެން ކަންބޮޑެއް ނުވޭ، އަހަރުމެން މިޤައުމުގެ ކުޅެދޭ ރައްޔިތުން ހިތްވަރާއެކު މިކަނޑައެޅީ ކުޅެދޭ މީހުންގެ ވޯޓުން ޔާމީނު ބަލިކުރަން
އަބްދުއްލާ
18 July 2018
ކަން ބޮޑުވަނީ ކޮންކަމަކާ ފައިސާހުރިނަމަ އެންމެ ކައިރީގައިވާ ފޮއްޓަކަށް ނަންނޯޓްކޮށް ވޯޓްލީމާ އެވީ