ޔޫކޭ ވިސާ ރާއްޖޭން ޖަހައިދެނީ

އިިނގިރޭސި ވިލާތަށް ދިވެހިން ދިއުމުގެ ވިސާ އެޕްލިކޭޝަން ވަގުތީ ގޮތުން ރާއްޖޭގެ ފޮރިން މިނިސްޓްރީން ބަލައިގަތުމަށް މިއަދު ނިންމައިފި އެވެ.


އިނގިރޭސި ފޮރިން މިނިސްޓްރީން ބުނި ގޮތުގައި އަންނަ މަހުގެ 7 ވަނަ ދުވަހާއި 8 ވަނަ ދުވަހުގެ ހެނދުނު 9 އިން ހަވީރު 5:30 އާ ހަމައަށް ވިސާ އެޕްލިކޭޝަން ރާއްޖޭގެ ފޮރިން މިނިސްޓްރީން ބަލައިގަންނާނެ އެވެ.

އާންމު ގޮތެއްގައި ޔޫކޭ ވިސާ ޖެހުމަށް ދިވެހިން ދާން ޖެހެނީ ލަންކާގައި ހުންނަ އިނގިރޭސި އެމްބަސީއަށެވެ. ނަމަވެސް މިދިޔަ އަހަރުގެ އޮގަސްޓް މަހުވެސް ޔޫކޭއިން ވަނީ ރާއްޖޭގެ ފޮރިން މިނިސްޓްރީން ވިސާ ދިނުމުގެ ވަގުތީ ހިދުމަތް ދީފަ އެވެ.

އިނގިރޭސި ސަރުކާރުން ބުނީ އެގޮތަށް ހަމަޖެއްސީ އިނގިރޭސި ވިލާތަށް ދަތުރުކުރާ ދިވެހިންނަށާއި އެ ގައުމުން ތައުލީމް ހާސިލްކުރަން ދާ ދަރިވަރުންނަށް ވިސާ ހޯދުމުގައި ލުއި ފަސޭހަތަކެއް ހޯދައި ދިނުމަށް ކަމަށެވެ.

އިނގިރޭސި ވިލާތަށް ދިއުމަށް ދިވެހިންނަށް މިހާރު ވެސް ހަ މަސް ދުވަހުގެ އޮންއެރައިވަލް ވިސާ ލިބެ އެވެ.