12 މެމްބަރުންގެ ގޮނޑީގެ މައްސަލައިގެ ހުކުމް ބުރާސްފަތި ދުވަހު އިއްވަނީ

ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް މިދިޔަ ފެބްރުއަރީ މަހު ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ނިންމި ނިންމުން ބާތިލް ކުރަން ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގެ ހުކުމް ބުރާސްފަތި ދުވަހު އިއްވުމަށް ހަމަޖައްސައިފި އެވެ.


މިދިޔަ ފެބްރުއަރީ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ކަނޑައަޅާފައިވަނީ މަޖިލީހަށް އިންތިޚާބުވި ޕާޓީން ވަކިވާ ނުވަތަ ވަކިކުރާ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް މިދިޔަ އަހަރުގެ ޖުލައި މަހު އެ ކޯޓުން ކުރި ހުކުމް ބާތިލްކުރާ ކަމަށެވެ. އަދި އެ ހުކުމުގެ ދަށުން 12 މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމިޔަސް، އެ ހުކުމުގެ ދަށުން އެއްވެސް މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ވެސް އެ އަމުރުގައި ކަނޑައެޅި އެވެ.

އެ އަމުރުގެ އެ ބައި ބާތިލްކުރަން އެޓާނީ ޖެނެރަލްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލައިގެ އަޑުއެހުންތައް ސުޕްރީމް ކޯޓުން ނިންމާލީ މި މަހުގެ ކުރީކޮޅު އެވެ. އެ މައްސަލާގައި ދެން އޮންނާނީ ހުކުމް އިއްވުން ކަމަށް އެންމެ ފަހުގެ އަޑުއެހުމުގައި ފަނޑިޔާރުންގެ ބެންޗުން ވަނީ އިއުލާންކޮށްފަ އެވެ. ހުކުމް އިއްވުމުގެ އަޑުއެހުން ތާވަލް ކޮށްފައިވަނީ ބުރާސްފަތި ދުވަހުގެ މެންދުރަށެވެ.

އެ މައްސަލަ ބައްލަވަނީ އުއްތަމަ ފަނޑިޔާރު އަހުމަދު އަބްދުﷲ ދީދީ ހިމެނިވަޑައިގަންނަވާ ގޮތަށް ސުޕްރީމް ކޯޓުގެ ފުލް ބެންޗުންނެވެ.

އެ މައްސަލަ ސުޕްރީމް ކޯޓުގައި އޮތުމުން 12 މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް އެ އަމުރުގައި ކަނޑައެޅި ބަޔަށް އަމަލު ކުރުން ފަސްކުރަން އެ ކޯޓުން ކުރިން އޮތީ ވަގުތީ އަމުރެއް ނެރެފަ އެވެ. ވަގުތީ އަމުރު ނެރުނީ އޭރުގެ އުއްތަމަފަނޑިޔާރު އަބްދުﷲ ސައީދާއި އޭރު ފަނޑިޔާރަކަށް ހުންނެވި އަަލީ ހަމީދު ހައްޔަރުކުރި ފަހުން ދެން ތިއްބެވި ތިން ފަނޑިޔާރުންނެވެ.