އިލެކްޝަންސް ކޮމިިޝަނާ ދެކޮޅަށް ސުއޫދު ކޯޓަށް ދަނީ

ރިޔާސީ އިންތިހާބުގައި ވޯޓު ފޮށި ބަހައްޓާ ރިސޯޓުތައް މަދުކުރުމާއި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ވޯޓު ކަރުދާހުގައި އިލެކްޝަންސް ކޮމިޝަނުގެ އޮފިޝަލުން ފާހަގަ ޖަހައިދޭ ގޮތަށް ހަމަޖެއްސުމުން އެކޮމިޝަނާ ދެކޮޅަށް ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅުއްވަން ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދު މިއަދު ނިންމަވައިފި އެވެ.


ސުއޫދު "މިހާރު" އަށް ވިދާޅުވީ އީސީގެ ނިންމުންތައް ގެޒެޓް ކުރުމާ އެކު ކޯޓަށް މައްސަލަ ހުށަހަޅުއްވާނެ ކަމަށެވެ.

އެންމެ ފަހުން، 2013 ގައި ބޭއްވި ރިޔާސީ އިންތިޚާބުގައި 42 ރިސޯޓެއްގައި ވޯޓު ފޮށި ބެހެއްޓިއިރު މިފަހަރު ވޯޓް ފޮށި ބަހައްޓަން ނިންމާފައިވަނީ އެންމެ ހަތް ރިސޯޓްގަ އެވެ. މިއީ ރިސޯޓްތަކުގައި ވަޒީފާ އަދާކުރާ އެތައް ހާސް ބައެއްގެ ވޯޓު ލުމުގެ ހައްގު ގެއްލޭނެ ނިންމުމެއް ކަމަށް، އިދިކޮޅު ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

ސުއޫދު "މިހާރު" އަށް ވިދާޅުވީ ރިސޯޓްތަކުގައި ވޯޓު ފޮށި ބެހެއްޓުމުގައި އަމަލު ކުރަން ޖެހޭނީ ކުރީގެ އިންތިހާބުތަކުގައި ވެސް އަމަލުކުރި ގޮތަށް ކަމަށެވެ.

ރިސޯޓެއްގައި ވޯޓު ލާން 100 އަށް ވުރެ ގިނަ މީހުން ރަޖިސްޓްރީކޮށްފި ނަމަ އެ ރަށެއްގައި މީގެ ކުރިން ވޯޓު ފޮށި ބަހައްޓަ އެވެ.

ޓޫރިޒަމް ދާއިރާގެ ބައެއް ފަރާތްތަކުން ލަފާކުރާ ގޮތުގައި އީސީގެ މިހާރުގެ ނިންމުމާ އެއްގޮތަށް އަމަލުކޮށްފި ނަމަ ގާތްގަނޑަކަށް 10،000 ދިވެހިންނަށް ވޯޓު ލުމުގެ ހައްގު ގެއްލިދާނެ އެވެ. ޖިސްމާނީ ގޮތުން ނުކުޅެދުންތެރިކަން ހުންނަ މީހުން ވޯޓު ލާ އިރު އެހީތެރިވާން ހަމައެކަނި އީސީގެ އޮފިޝަލެއް ހުންނަ ގޮތަށް އެ ކޮމިޝަނުން ނިންމި ނިންމުމުން ވޯޓުގެ ސިއްރުކަން ގެއްލޭ ކަމަށް ވެސް ސުއޫދު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ފުރުސަތު އޮންނަން ޖެހޭނީ ނުކުޅެދުންތެރިކަން ހުންނަ މީހާ ބޭނުންވާ މީހަކަށެވެ.

"އެމީހަކަށް އިހުތިޔާރު އޮންނަން ވާނެ އެމީހަކު އިތުބާރު ކުރާ މީހަކު ލައްވާ ވޯޓް ލާން. އެމީހަކު އިލެކްޝަންގެ އޮފިޝަލަކު އިހުތިޔާރުކޮށްގެން މެނުވީ އޭނާ އިހުތިޔާރު ކުރާ އެހެން މީހަކަށް ފުރުސަތު އޮންނަން ޖެހޭ،" ސުއޫދު ވިދާޅުވި އެވެ.

ކުރިން އޮންނަ އުސޫލަކީ ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ފާހަގަ ޖަހައިދެނީ އޭނާގެ އެހީތެރިއަކަށް ހަމަޖައްސާ މީހާ އެވެ. އެކަމަކު މި ފަހަރުގެ އިންތިހާބަށް އީސީން ގެންނަމުން ދާ ބޮޑެތި ބަދަލުތަކުގެ ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެހީތެރިވެދިނުމުގެ ފުރުސަތު ހަމައެކަނި އީސީގެ އޮފިޝަލުންނަށް ލިބޭ ގޮތަށް މިދިޔަ ހަފްތާގައި ވަނީ އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް އިސްލާހު ގެނެސްފަ އެވެ.

އިލެކްޝަންސްގެ ނިންމުންތަކާ މެދު އިދިކޮޅު ކޯލިޝަނުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ކޯލިޝަނުން ތުހުމަތުކުރާ ގޮތުގައި އީސީން މަސައްކަތް ކުރަނީ އިންތިހާބު އޮޅުވާލުމަށެވެ.