އިދިކޮޅު ފަރާތްތަކުން ހުށަހެޅި ޝަރުތުތައް ފުރިހަމަކޮށްދެވޭކަށް ނެތް: ރައީސް

އިދިކޮޅު ފަރާތްތަކާ ވާހަކަދައްކަން ސަރުކާރުން ދާދިފަހުން ފޮނުވި ދައުވަތާ ގުޅިގެން ޖަވާބުދީފި ކަމަށާއި ނަމަވެސް އިދިކޮޅު ފަރާތްތަކުން ކުރިމަތިކުރި ޝަރުތުތައް ފުރިހަމަކޮށްދެވެން ނެތް ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.


ހއ. ބާރަށުގައި 32 މިލިއަން ރުފިޔާ ހަރަދުކޮށްގެން 2015 ގައި ހެދި މެރީނާ ޖެޓީ ހުޅުވުމަށް މިއަދު ހަވީރު އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ވާހަކަދެއްކުމުގެ ކުރިން ރައީސް މުހައްމަދު ނަޝީދާއި ރައީސް މައުމޫން އަބްދުލް ގައްޔޫމާއި ގާސިމް އިބްރާހިމް އަދި އަދާލާތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން އަބްދުﷲ ދޫކޮށްލަން ހުށަހަޅާފައިވާ ކަމަށެވެ. އިދިކޮޅު ފަރާތްތަކުން މީގެ ކުރިން ވެސް ބުނެފައި ވަނީ ސަރުކާރާއެކު ވާހަކަދެއްކޭނީ އިދިކޮޅު ލީޑަރުންތައް މިނިވަންކުރުމުން ކަމަށެވެ.

"އަޅުގަނޑަކަށް އެ ޝަރުތުތައް ފުރިހަމަކޮށްދެވޭނެ ގޮތެއް ނެތް. އަޅުގަނޑުމެން ރައްޔިތުންގެ ހައްގުގައި ކަންކަން ކޮށްދޭ ކަމަށް ވަންޏާ އަޅުގަނޑާ އެތައް ކަމެއް މަތިކުރަންވީއެއް ނޫން. އަޅުގަނޑު އެ ބޭފުޅުންނާ މޭޒު ކައިރިއަށް ދާން މިބުނީ އެ ބޭފުޅުންނަށް ޝަރުތުތަކެއް ހުށަހަޅާފައެއް ނޫން،" އެ މަނިކުފާނު ވިދާޅުވި އެވެ.

އިދިކޮޅު ޕާޓީތަކާއެކު މަޝްވަރާކުރުމަށް ސަރުކާރުން އެންމެ ފަހުން ދައުވަތު ދިނީ، އިދިކޮޅު ޕާޓީތަކުގެ ފަރާތުން ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު އަށް ޓިކެޓް ދޭން ނިންމުމުންނެވެ.

ރައީސް ޔާމީން ވިދާޅުވީ އިދިކޮޅު ޕާޓީތަކާއެކު މަޝްވަރާކުރުމަށް ފޮނުވި ދައުވަތުގެ ޖަވާބު މިއަދު ލިބިވަޑައިގެންފައިވާ ކަމަށެވެ. އަދި އެ ޖަވާބުގައި އޮތީ ތިމަންނަމެން މިއީ އެކުގައި މަސައްކަތްކުރާ ބަޔަކަށްވާތީ، މަޝްވަރާއަށް މޭޒު ކައިރިއަށް ދެވެން އޮތީ ރައީސް ނަޝީދާއި ރައީސް މައުމޫން އަދި ގާސިމާއި އިމްރާން މިނިވަންކުރުމުން ކަމަށް ރައީސް ވިދާޅުވި އެވެ.

"އިދިކޮޅު ފަރާތްތަކުން އަބަދު ވެސް ބޭނުން ވަނީ ޖަލުގައި ތިބި ކުށްވެރިން ދޫކޮށްލަން. އެހެންވީމަ، އަޅުގަނޑު އުއްމީދުތަކެއް ކުރިން [އެމްޑީޕީ] ޕާޓީގެ ރައީސްކަން ކުރެއްވި ރައީސް ނަޝީދު ވެރިކަމަށް ކުރިމަތިލައްވަން. އެހެން ނަމަވެސް އިބްރާހިމް މުހައްމަދު ސޯލިހު ވަޑައިގެން މިހާރު އެ ހުންނެވީ،" އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އިދިކޮޅު ފަރާތްތަކާ ވާހަކަދައްކަވަން މީގެ ކުރިން 12 ފަހަރު ދައުވަތު ފޮނުއްވީ ބޭރުގެ ގައުމުތަކަށް ނުވަތަ އީޔޫ އަށް ދައްކަން ވެގެނެއް ނޫން ކަމަށެވެ.

"އަޅުގަނޑު ބޭނުންވޭ މި އުފެދިފައި ހުރި ސިޔާސީ ޒަހަމްތަކަށް ހަމަޖެހުމެއް އަންނަން. އެ ހަމަޖެހުމެއް އަންނަން ބޭނުންވާތީ އަޅުގަނޑުގެ ދައުރުގެ ފުރަތަމަ އަހަރުގެ ތެރޭގައި، އޭގެ ކުރީ އަހަރުތަކުގައި ހިނގާފައި ހުރި ކަރަޕްޝަންގެ ކަންކަމަށް، އޭގެ ކުރިން ފައިސާގައި ޖެހިފައި ހުރި މީހުންގެ މައްސަލަ ބަލަން އަޅުގަނޑު ރިޔާސީ ކޮމިޝަނެއް ނުއުފައްދަން،" ރައީސް ޔާމީން ވިދާޅުވި އެވެ.

އެމްޑީޕީގެ ވެރިކަމުގައި ކުރީގެ ރައީސް މައުމޫންގެ ގެކޮޅު މއ. ކިނބިގަސްދޮށުގެ ދައުލަތަށް ނެގުމަށް މާލޭ ސިޓީ ކައުންސިލްގެ މެމްބަރުންތަކެއް ރައްޔިތުންގެ މަޖިލިސްގެ އިދާރާ ކުރިމަތީގައި އިށީނދެވަޑައިގެން ތިއްބަވައި ނިންމެވި ގަރާރަށް އިޝާރާތްކުރައްވައި ރައީސް ވިދާޅުވީ އެ މަނިކުފާނުގެ ވެރިކަމުގައި މީހުންގެ ގެދޮރު ވަކިކުރަން ކުޑަ ޖަހައިގެން ނުތިއްބަވާ ކަމަށެވެ.

"އަޅުގަނޑު ކައުންސިލްތަކެއް ނަގައިގެން އޭގެ ކުރީގެ މައްސަލަތަކެއް ނުބަލަމޭ. މިއީ އޭރުގެ އަޅުގަނޑުމެން ތެރޭގައި ސަރުކާރުގައި ތިއްބެވި ބޭފުޅުން ފައްޓަވާދެއްވާފައި އޮތް ސަގާފަތެއް. މިއިން އެއްވެސް ކަމެއް ނުކޮށް އަޅުގަނޑު ބެލީ އޭރު ދިޔަ ކަންތައް ވޭތުވެދިޔައީއޭ،" ރައީސް ޔާމީން ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ ރައްޔިތުންގެ ކުރިމަގު އުޖާލާކުރަން މަޝްވަރާއަށް ތައްޔާރަށް ހުންނެވި ކަމަށެވެ.

"އެކަމަކު ތިބި ހުރިހާ ކުށްވެރިން ދޫކޮށްލާ ވާހަކަދެއްކީމަ އެއީ ރައްޔިތުންގެ ސަލާމަތަށް ކުރެވޭ ކަމެއް ނޫން. މިއަދު ވެސް އަޅުގަނޑު ދަންނަވާލަން ބޭނުންވޭ، މީހުން ބަދަލުވެއްޖޭ، ޕާޓީ ބަދަލެއް ނުވޭ، ސިޔާސަތަކަށް ބަދަލެއް ނާދޭ،" އިދިކޮޅު ޕާޓީތަކުން ހުށަހެޅި ޝަރުތުތަކަށް އިޝާރާތްކުރައްވައި ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އަދިވެސް ދިވެހި ރައްޔިތުންގެ ހައްގުގައި ވާހަކަދައްކަވަން ވަޑައިގަތުމަށް އިދިކޮޅު ފަރާތްތަކަށް ދައުވަތު ދެއްވާ ކަމަށެވެ.

"އެ ޝަރުތުތައް ފުރިހަމަކުރުމުން ދެން ދައްކާނެ ވާހަކައެއް އެބައޮތް؟ ދެން ދައްކާނެ ވާހަކައެއް ނެތް. ވާހަކަ ނެތް ސަބަބަކީ ދެން ދައްކަން ހުރީ ތަރައްގީގެ ވާހަކަ. އެ ބޭފުޅުންނަށް މިއަދާ ހަމަޔަށް އައިއިރު ތަރައްގީގެ ވާހަކައެއް ނުދެއްކެވުނު،" އެ މަނިކުފާނު ވިދާޅުވި އެވެ.