އީޔޫ އިން ރާއްޖެއާ ދެކޮޅަށް ފާސްކުރި އޮނިގަނޑާ އެއްގޮތަށް ޔޫކޭ އިން އަމަލުކުރަން ފަށައިފި

ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ރާއްޖެއާ ދެކޮޅަށް ދަތި ކުރުމުގެ ފިޔަވަޅު އަޅާނެ އޮނިގަނޑެއް ފާސްކޮށްފައިވާތީ އިނގިރޭސިވިލާތުން އެ ނިންމުމަށް އަމަލު ކުރަން ފަށައިފި އެވެ.


އިނގިރޭސިވިލާތުން ނިންމާފައި ވަނީ ރާއްޖޭގައި އިންސާނީ ހައްގުތަކަށް އަރައިގަނެ، ގާނޫނުތަކާ ޚިލާފަށް އަދި ހަމަނުޖެހުން އުފައްދައި ބާރުގެ ބޭނުންކޮށްގެން ސިޔާސީ މިނިވަންކަމަށް ހުރަސް އަޅާ މުއައްސަސާތަކާއި އެ ކަންކަމުގައި ބައިވެރިވެ އެއްބާރުލުން ދޭ ފަރުދުންނަށް ފިޔަވަޅު އެޅުމަށެވެ. އެކަމަކު، ދަތި ކުރުމުގެ ފިޔަވަޅު އަޅާނެ މީހުންގެ ލިސްޓެއް އިނގިރޭސިވިލާތުން އަދި ހާމައެއް ނުކުރެ އެވެ.

އިނގިރޭސިވިލާތަކީ އީޔޫ އިން ރާއްޖެއާ ދެކޮޅަށް ފާސް ކުރި އޮނިގަނޑަށް އަމަލު ކުރަން ފެށި ފުރަތަމަ ގައުމެވެ.

ރާއްޖެއާ ދެކޮޅަށް އިނގިރޭސިވިލާތަށް އެޅިދާނެ ފިޔަވަޅުތަކުގެ ތެރޭގައި ވަކިވަކި ފަރުދުންނަށް އެތެރެވުން މަނާކުރުމާއި އެ މީހުންގެ މުދަލާއި ފައިސާ ހިފެހެއްޓުން ހިމެނެ އެވެ. އެކަމަކު، އެ ފިޔަވަޅު އަޅާނީ ކޮން ބައެއްގެ މައްޗަށް ކަން ކަނޑައެޅުމަށް އީޔޫ ކައުންސިލްގެ ބައްދަލުވުމެއް ބާއްވައި ފާސް ކުރަން ޖެހެ އެވެ.

ދަތިކުރުމުގެ ފިޔަވަޅު އަޅާ ވަކި ބައެއްގެ ނަން ނުހިމަނައި، އީޔޫ އިން ފާސް ކުރި އޮނިގަނޑުގައި ބުނެފައި ވަނީ ރާއްޖޭގެ ހާލަތު ރަނގަޅު ކުރުމަށް ގާނޫނާ ޚިލާފަށް ހުރަސް އަޅައި ބާރުގެ ބޭނުންކުރާ މީހުންނާއި މުއައްސަސާތަކާއި އެ ފަރާތްތަކާ ގުޅުން ހުރި މީހުންނާ ދެކޮޅަށް އެކަށީގެންވާ ފިޔަވަޅު މެންބަރު ގައުމުތަކަށް އެޅިދާނެ ކަމަށެވެ. ހާއްސަކޮށް ރިޔާސީ އިންތިހާބާ ދިމާކޮށް އެފަދަ ހަރަކާތްތައް ހިންގާ ފަރާތްތަކަށް އަމާޒުކުރަން ވެސް ބުނެފައިވެ އެވެ.

ޖުލައި 17، 2019 އާ ހަމަޔަށް އަޅާ މި ފިޔަވަޅުތައް، ރާއްޖޭގެ ހާލަތު ރަނގަޅު ނުވާ ނަމަ ދަމަހައްޓަން ނިންމުމުގައި ބާރު ދީފައިވެ އެވެ. އަދި ރާއްޖެއަށް އިސްލާހީ ބަދަލު ގެނައުމުގެ މަގްސަދު ހާސިލްކުރުމަށް އީޔޫގެ ގައުމުތަކުން އެހެން ގައުމުތަކާ ގުޅިގެން މަސައްކަތްކުރުމުގެ ބާރު ވެސް ވަނީ ދީފަ އެވެ.

ސަރުކާރުގެ އިސް ވެރިންނާ ދޭތެރޭގައި އީޔޫ އިން ފިޔަވަޅު އަޅަން ނިންމުމުން، ރައީސް އަބްދުﷲ ޔާމީން މިދިޔަ ހަފްތާގައި ވިދާޅުވީ ފިޔަވަޅު އެޅުމުން އުނދަގޫވާނީ އެމަނިކުފާނާއި އެމަނިކުފާނާ އެކުގައި މަސައްކަތް ކުރައްވާ ބޭފުޅުންނަށް ނޫން ކަމަށެވެ. މިއީ "ދާއިމަށް ރާއްޖޭގައި ޖަހާ ލައްގަނޑެއް" ކަމަށާއި މިކަމުގެ އުނދަގޫ ވިޔަފާރިވެރިންނަށް ވެސް ކުރާނެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

ރާއްޖޭގެ ވިޔަފާރިވެރިންނަށް ތަންތަނަށް ނުދެވޭ ގޮތްވުމާއި ގައުމުތަކުގެ ރައްޔިތުންނަށް ރާއްޖެ އަށް ޒިޔާރަތް ނުކުރެވޭ ގޮތަށާއި ޓޫރިޒަމް ނުހިންގޭ ގޮތަށް ކަންކަން ކޮށްފިނަމަ، އޭގެ ގެއްލުން ލިބޭނީ ގައުމު ހިންގަން ދެން ތިބޭ ބަޔަކަށް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.