އަބުރުގެ ބިލު ދިރާސާ ކުރާ ކޮމިޓީ ފަށައި މުގައްރިރަކަށް ހަލީލް، ނައިބަކަށް އާމިރު ހަމަޖައްސައިފި

ހިޔާލު ފާޅުކުރުމުގެ ހައްގު ހަނިކުރަން މަޖިލީހަށް ހުށަހަޅާފައިވާ އަބުރުގެ ބިލު ދިރާސާ ކުރާ ކޮމީޓީގެ މަސައްކަތް މިއަދުން މިއަދަށް ފަށައި މުގައްރިރާއި ނައިބު މުގައްރިރު ހަމަޖައްސައިފި އެވެ.


އުނގޫފާރު ދާއިރާގެ ޕީޕީއެމްގެ މެމްބަރު ޖައުފަރު ދާއޫދު ހުށަހެޅުއްވި ބިލު މަޖިލީހަށް ބަލައިގަނެ 11 މެމްބަރުންގެ ވަގުތީ ކޮމިޓީއަކަށް ފޮނުވަން މިއަދު ވަނީ ނިންމައިފަ އެވެ. އެ ގޮތަށް ފާސްކުރިތާ މާ ގިނަ އިރެެއް ނުވެ އެ ކޮމިޓީގެ ފުރަތަމަ ބައްދަލުވުން ވަނީ ބާއްވައިފަ އެވެ.

ޖުމްލަ 10 މެމްބަރުން ބައިވެރިވެވަޑައިގެންނެވި މި މި ބައްދަލުވުމުގައި، ނިލަންދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އަބްދުﷲ ހަލީލް މުގައްރިރަކަށް ހަމަޖެއްސުމަށް ކުޑަހުވަދޫ ދާއިރާގެ އެމްޑީއޭ މެމްބަރު އަހުމަދު އާމިރު ހުށަހެޅުއްވި ހުށަހެޅުއްވުމަށް ގެމަނަފުށީ ދާއިރާގެ ޕީޕީއެމް މެމްބަރު ޖަމީލް އުސްމާން ތާއީދުކުރެއްވި އެވެ. އެ ހުށަހެޅުން ފާސްވީ އަށް މެމްބަރުންގެ ވޯޓުންނެވެ.

ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ހަލީލް: ކޮމީޓީގެ މުގައްރިރަކީ އޭނާ.-- ފައިލް ފޮޓޯ: މަޖިލިސް

ނައިބު މުގައްރިރަކަށް އާމިރު ހަމަޖެއްސުމަށް ޖަމީލް ހުށަހަޅުއްވައި ފަރެސްމާތޮޑާ ދާއިރާގެ ޕީޕީއެމް މެމްބަރު ހުސެން މުހައްމަދު ލަތީފު ތާއީދުކުރެއްވި ހުށަހެޅުއްވުން ވެސް ފާސްވީ އަށް މެމްބަރުންގެ ވޯޓުންނެވެ. މި ދެ ހުށަހެޅުމަށް ވެސް، ކޮމިޓީގައި ތިއްބަވާ އިދިކޮޅު އެމްޑީޕީގެ ދެ މެމްބަރުން ކަމަށްވާ މައްޗަންގޯޅި އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހުމަދު ދީދީ އާއި ގަމު ދާއިރާގެ މެމްބަރު ފައްޔާޒް އިސްމާއިލް ވޯޓެއް ނުދެއްވަ އެވެ.

ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު: ކޮމިޓީގެ ނައިބު މުގައްރިރަކީ އޭނާ.-- ފައިލް ފޮޓޯ: މަޖިލިސް

މި ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ ޖައުފަރާއި ހަލީލާއި ޖަމީލާއި ފައްޔާޒާއި މާރިޔާ އާއި އާމިރާއި ހުސެން މުހައްމަދު ލަތީފުގެ އިތުރުން ކެލާ ދާއިރާގެ ޕީޕީއެމް މެމްބަރު އަލީ އާރިފާއި ކެޔޮދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު މޫސާ ނިޒާރާއި މައްޗަންގޯޅި ދެކުނު ދާއިރާގެ ޕީޕީއެމް މެމްބަރު އަބްދުﷲ ސިނާނާއި ދަނގެތި ދާއިރާގެ ޖުމްހޫރީ ޕާޓީ މެމްބަރު އިލްހާމް އަހުމަދެވެ.

މިއަދުގެ ބައްދަލުވުމުގައި ކޮމީޓީގެ މުގައްރިރު ވިދާޅުވި ގޮތުގައި ދެން އޮންނަ ބައްދަލުވުމެއްގައި އޮންނާނީ ކޮމިޓީގެ ގަވާއިދު ފާސްކުރުމެވެ. އެކަމަކު، އެ ބައްދަލުވުން އޮންނާނެ ވަކި ތާރީހެއް އޭނާ އިއުލާނެއް ނުކުރައްވަ އެވެ.

ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅި ބިލަށް ބަހުސް ކުރެއްވި ގިނަ މެމްބަރުން މި ބިލު އޮތް ގޮތަށް ފާސް ކުރަން ދެކޮޅު ހެއްދެވި އެވެ. އެގޮތުން އިދިކޮޅު މެމްބަރުން ވިދާޅުވި ގޮތުގައި ބިލު ފާސްކުރަން އުޅެނީ ސަރުކާރުގެ ކޮރަޕްޝަނާއި ފަސާދައިގެ ވާހަކަތައް ހުއްޓުވުމަށެވެ. އަދި މިއީ މިނިވަން ނޫސްވެރިކަމަށާއި ހިޔާލުފާޅުކުރުން ހުއްޓުވުމަށް ކުރަން އުޅޭ ކަމެއް ކަމަށް އެ މެމްބަރުން ވިދާޅުވި އެވެ.

ބިލުގައި އަބުރާ ބެހުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ވަނީ ކަނޑައަޅައިފަ އެވެ. އެކަމަކު މީޑިއާގެ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމުގެ ބާރު ދީފައި އޮތީ މީޑިއާގެ ކަންކަން ބަލަހައްޓާ މުއައްސަސާތަކަށެވެ.

ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ހިޔާލެއް ފާޅުކުރުމާއި އާންމު ނިޒާމާ ހިލާފު ހިޔާލު ފާޅުކުރުމާއި އަބުރާ ބެހެވޭ ފަދަ ހިޔާލެއް ފާޅުކުރި މީހެއްގެ އަދަބަކަށް 50،000ރ. އާއި 2،000،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމަށް ގާނޫނުގެ ދަށުން ކޯޓުން ކަނޑައަޅަން ވާނެ ކަމަށް ބިލުގައިވެ އެވެ. އަދި ޖޫރިމަނާ ފައިސާ ނުދައްކައިފި ނަމަ، ތިން މަހާއި ހަ މަހާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލެވޭނެ އެވެ. ޖޫރިމަނާ ފައިސާ ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ނުދައްކައިފި ނަމަ، އެ މައްސަލަ ފުލުހުންނަށް ހުށަހަޅަން ޖެހެ އެވެ. އަދި އެ މައްސަލަ ފުލުހުން ތަހުގީގުކުރުމަށް ފަހު، ދައުވާ ކުރުމަށް ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވަން ވާނެ އެވެ.

މި ބިލާ މެދު ރާއްޖޭގެ ނޫސްވެރިންނާއި އާންމުންގެ އިތުރުން ބޭރުގެ ފަރާތްތަކުން ވެސް އަންނަނީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. އަދި ބިލުގައި ހުރި މައްސަލަތަކާ ބެހޭ ގޮތުން އާއްމުން ހޭލުންތެރިކުރަން ނޫސްވެރިން އިސްވެ ތިބެ އަންނަނީ "27ގެ ދިފާއުގައި"ގެ ނަމުގައި ވަރުގަދަ ކެމްޕެއިނެއް ވެސް ހިންގަމުންނެވެ.