އިދިކޮޅު ރަނިންމޭޓުކަން ފައިސަލްއާ ރަސްމީކޮށް ހަވާލުކޮށްފި

މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ އިދިކޮޅު އިއްތިހާދުގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ގެ ރަނިންމޭޓްކަން ފައިސަލް ނަސީމްއާ ޖުމްހޫރީ ޕާޓީން ރަސްމީކޮށް މިއަދު ހަވާލުކޮށްފި އެވެ.


އިދިކޮޅު ފަރާތްތަކުގެ ރަނިންމޭޓަކު ކަނޑައަޅަން ޖުމްހޫރީ ޕާޓީގެ ކައުންސިލް ގައި މި މަހުގެ 13 ވަނަ ދުވަހުގެ ރޭ ބޭއްވި އިންތިޚާބު 15 ވޯޓުން ކާމިޔާބު ކުރައްވާފައިވާ ފައިސަލްއާ ރަނިންމޭޓުކަން ރަސްމީކޮށް ހަވާލުކުރީ އެ ޕާޓީގެ މައި އޮފީހުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގަ އެވެ. ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލްއާ ރަނިންމޭޓު ކަމުގެ ލިޔުން ހަވާލުކޮށްދެއްވީ ޖުމްހޫރީ ޕާޓީ ވަގުތީ ގޮތުން ހިންގުމާ ހަވާލުވެ ހުންނެވި، ޑެޕިއުޓީ ލީޑަރު ޑރ. ހުސެއިން ރަޝީދު ހަސަނެވެ.

ރަނިންމޭޓުކަމާ ރަސްމީކޮށް ހަވާލުވެވަޑައިގަތުމަށް ފަހު، ވާހަކަ ދައްކަވަމުން ފައިސަލް ވިދާޅުވީ، ސެޕްޓެމްބަރު 23 ގައި ބާއްވާ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށް ފަރުދީ ފެންވަރުގައި ރައްޔިތުން މަސައްކަތް ކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި ވިދާޅުވީ އޭނާ މަސައްކަތް ކުރައްވާނީ އިދިކޮޅު ކޯލިޝަންގެ މަގުސަދާ އެއްގޮތަށް ކަމަށެވެ.

މިއަދުގެ ބައްދަލުވުމުގައި ފައިސަލް ވާހަކަ ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

"އަޅުގަނޑު އިރާދަކުރެއްވިއްޔާ ދެމިހުންނާނީ ކޯލިޝަންގެ މަގްސަދާ އެކު 23 ސެޕްޓެމްބަރު ވާ ދުވަހު ރައްޔިތުން އެދޭ ބަދަލު ގެނައުމަށްޓަކައި ވަރަށް ކެރިގެން، ތައްޔާރަށް،" ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރު ފައިސަލް ވިދާޅުވި އެވެ.

އޭނާ ވަނީ ޕީޕީއެމްގެ ކެންޑިޑޭޓް، ރައީސް އަބްދުﷲ ޔާމީން ބަލިކުރުމަށް ރައްޔިތުންނަށް އޮތް ފުރުސަތުގެ ބޭނުން ކުރުމަށް ގޮވާލައްވައިފަ އެވެ.

"އަޅުގަނޑުމެން ގަބޫލު ކުރަން ޖެހޭނެ ފުރުސަތަކީ މާ ގިނަ ގިނައިން ލިބޭނެ އެއްޗެއް ނޫންކަން. ފުރުސަތަކީ މަދުން ލިބޭ އެއްޗެއް. އެހެން ނަމަވެސް ވިސްނުންތެރި މީހުން އަބަދު ވެސް ބަލާނީ ފުރުސަތުގެ ބޭނުން ހިފައި، ރައްޔިތުން އެދޭ ބަދަލެއް ގެނައުމަށް،" ފައިސަލް ވިދާޅުވި އެވެ.

"ދިވެހިރައްޔިތުންގެ ކައިރިން އަޅުގަނޑު އެދެނީ ދިވެހި ރައްޔިތުންގެ ހައްގު ގައި އަދި މުޅި ދިވެހި ގައުމުގެ ހައްގު ގައި ވަކިވަކި ފަރުދުންގެ ލެވެލްގަ އާއި މުޅި ޓީމުގެ ލެވެލްގަ އާއި ކޯލިޝަންގެ ލެވެލްގައި ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކޮށް މި ކަންތައްތައް ކާމިޔާބު ކުރަން،" އޭނާ ވިދާޅުވި އެވެ.

މި އަހަރުގެ ރިޔާސީ އިންތިހޚާބު ގައި ވޯޓުލުމުގެ ހައްގު 263،000 މީހުންނަށް ލިބޭއިރު، ރާއްޖެ އަދި ބޭރުގެ ބައެއް ގައުމުތަކުގައި 483 ވޯޓުފޮށި ބަހައްޓާނެ އެވެ.