ދޮރަގަލި ދޫކުރުމުގެ އެއްބަސްވުމުގައި ސޮއިކުރަން ދައުލަތަށް ލާޒިމެއް ނޫން: ހައި ކޯޓް

ސީއެސްއާރު މަޝްރޫއުގެ ދަށުން ރިސޯޓެއްގައި ގޮތުގައި ރ. ދޮރަގަލި ތަރައްގީ ކުރުމުގެ އެއްބަސްވުމުގައި އަމިއްލަ ފަރާތަކާ އެކު ސޮއިކުރަން ދައުލަތުގެ މައްޗަށް ލާޒިމްނުވާ ކަމަށް ހައި ކޯޓުން ހުކުމްކޮށްފި އެވެ.


ދޮރަގަލި އަކީ އެމްޑީޕީ ސަރުކާރުން ހިންގި ސީއެސްއާރު މަޝްރޫއުގެ ދަށުން ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުުރުމަށް ގްލޯބަލް އީޝަލް މޯލްޑިވްސް ކިޔާ ކުންފުންޏަކަށް ދޭން ނިންމި ރަށެކެވެ. އެކަމަކު އެރަށް ދޫކުރުމުގެ އެއްބަސްވުމުގައި ސަރުކާރުން ސޮއިނުކުރުމުން އެ މައްސަލަ ގްލޯބަލް އީޝަލް ކުންފުނިން ސިވިލް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން 2016 ގައި އަމުރުކުރީ އެއްބަސްވުންތަކުގައި ސޮއި ކުރުމަށެވެ.

އެ މައްސަލަ ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން މިދިޔަ ހޯމަ ދުވަހު އެ ކޯޓުން ވަނީ ސިވިލް ކޯޓުގެ ހުކުމް ބާތިލްކޮށްފަ އެވެ. ހައި ކޯޓުގެ ހުކުމުގައިވަނީ ސީއެސްއާރުގެ ދަށުން ރިސޯޓެއް ހެދުމަށް ދޮރަގަލި ދޫކުރުމާ ބެހޭގޮތުން ސަރުކާރާއި ގްލޯބަލް އީޝަލް މޯލްޑިވްސްއާ ދެމެދު މަޝްވަރާތަކެއް ކުރެވުނަސް، ދެ ފަރާތުގެ ދެމެދުގައި އެއްބަސްވުމެއްގައި ސޮއިކޮށްފައި ނުވާ ކަމަށެވެ.

ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާން ކޮށްފައި ނުވާ ނަމަ، ކޮންޓްރެކްޓަކީ ވަކި ގޮތަކަށް އޮތުން ލާޒިމް އެއްޗެއް ނޫން ކަމަށް ކޮންޓްރެކްޓާ ބެހޭ ގާނޫނުގައި އޮތަސް، ޓޫރިޒަމްގެ ބޭނުމަށް ތަންތަން ދޫކުރެވޭނީ ލިޔެފައިވާ އެއްބަސްވުމެއްގެ ދަށުން ކަމަށް ޓޫރިޒަމާ ބެހޭ ގާނޫނުގައި ބުނެފައިވާތީ އެފަދަ އެއްބަސްވުންތައް އޮންނަން ޖެހޭނީ ލިޔެ ސޮއިކޮށްފައި ކަމަށް ހައި ކޯޓުގެ ހުކުމުގައިވެ އެވެ. އެކަމަކު އެފަދަ އެއްބަސްވުމެއް ދޮރަގަލިއާ ބެހޭގޮތުން ސޮއި ކޮށްފައި ނެތް ކަމަށް އެ ހުކުމުގައިވެ އެވެ.

މީގެ އިތުރުން ސީއެސްއާރުގެ ދަށުން ދޫކުރަން ނިންމި އެހެން ރަށެއްގެ މައްސަލާގައި، ދެ ފަރާތުން ހުށަހަޅާ ހުށަހެޅުންތައް އެނގެން ނެތް ހާލަތުގައި ދެ ފަރާތުގެ ދެމެދުގައި ކޮންޓްރެކްޓެއް އުފެދިފައިވާ ކަމަށް ބެލެވެން ނޯންނާނެ ކަމަށް ހައި ކޯޓުން ކުރިން ނިންމާފައިވާ ކަމަށް ވެސް އެ ހުކުމުގައިވެ އެވެ. އެގޮތަށް ދޮރަގަލި އާ ބެހޭގޮތުން ވެސް އެއްބަސްވުންތަކުގައި ހިމެނެންޖެހޭ ކަންކަން ހިމަނައިގެން ވަކި ގޮތަކަށް އެއްބަސްވެ، ކޮންޓްރެކްޓެއް އުފެދިފައި ނެތް ކަމަށް ވެސް އެ ހުކުމުގައިވެ އެވެ.

ސީއެސްއާރުގެ ދަށުން އޭރު ސަރުކާރުން ދޫކުރަން ނިންމި އެހެން ބައެއް ރަށްތަކުގެ އެއްބަސްވުންތަކުގައި ވެސް ސޮއިކުރަން ސިވިލް ކޯޓުން ކުރިން ހުކުމް ކޮށްފައިވެ އެވެ. އެކަމަކު އެ މައްސަލަތައް ދައުލަތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން މިހާތަނަށް ނިމުނު ގިނަ މައްސަލަތައް ނިމުނީ ދައުލަތާ އެއްކޮޅަށެވެ.