އެމްޑީޕީ ހަރުގެއަށް ފުލުހުން ވަދެ ޖަލްސާ އަށް ހުރަސް އަޅައިފި

އެމްޑީޕީ ހަރުގޭގަގައި މިރޭ އިދިކޮޅު އިއްތިހާދުގެ ޖަލްސާއެއް ކުރިއަށް ގެންދަނިކޮށް ފުލުހުން ވަދެ މައިކް ކަނޑާލައި ޖަލްސާ އަށް ހުރަސް އަޅައިފި އެވެ.


އެސްއޯ ފުލުހުންގެ ބަޔަކު ހަރުގެއަށް ވަދެ އެތަނުގައި ތިބި މީހުން ނެރުމަށް ފަހު ސައުންޑް ސިސްޓަމްގެ މައިކް ކަނޑާލުމުން އަލުން މައިކް ގުޅައިގެން ޖަލްސާ ފެށުމާ އެކު ފުލުހުން މައިކް ކަނޑާލި އެވެ. މިގޮތަށް ތިން ފަހަރެއްގެ މަތިން އަމަލުކޮށްފައި ވާއިރު ޖަލްސާގައި ވާހަކަ ދެއްކެވި ބޭފުޅުން ވިދާޅުވީ ފުލުހުން ހަރުގެއަށް ވަނީ ކޯޓު އަމުރެއް ނެތި ކަމަށެވެ. އަދި ހަރުގެއަށް ދިޔަ ފުލުހުންގެ ޔުނިފޯމްގައި ނަން ޓެގް ވެސް ނެތް ކަމަށާއި އެއީ ފުލުހުންކަން ޔަގީންކުރުމަށް އައިޑެންޓިފިކޭޝަން ދެއްކުމަށް އެދުމުން އެކަން ވެސް ނުކުރި ކަމަށް ބުންޏެވެ.

އިދިކޮޅު މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަންގެ ޖަލްސާ ކުރިއަށް ދަނިކޮށް ފުލުހުން ވަދެ ޖަލްސާ ހުއްޓުވުމަށް ފަހު އެތަނުގައި ތިއްބެވި އެމްޑީޕީ އަދި އިއްތިހާދުގެ ބައެއް ބޭފުޅުން ވަނީ ހަރުގެއިން ނެރެފަ އެވެ.

ތަކުރާރުކޮށް ޖަލްސާއަށް ހުރަސް އެޅުމަށް އެކި ފަހަރުމަތިން ހަރުގެއަށް ފުލުހުން ވަނުމަށް ފަހު އެ ސަރަހައްދު ދޫކޮށް ފުލުހުން ދިއުމާ އެކު އަލުން ޖަލްސާ ފަށައިގެން 12:00 ވަންދެން ޖަލްސާ ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

ފުލުހުން އެމްޑީޕީ ހަރުގޭގައި

ފުލުހުން ހަރުގެއަށް ވަން ނަމަވެސް މިރޭ އެއްވެސް މީހަކު ހައްޔަރެއް ނުކުރެ އެވެ.

ދަންވަރުގެ ވަގުތެއްގައި ފުލުހުންގެ ބަޔަކު އެމްޑީޕީ ހަރުގެއަށް ގޮސް، އިއްތިހާދުގެ ބައެއް ބޭފުޅުން ހޯދުމަށް މަސައްކަތްކުރި ކަމަށް ވެސް އެމްޑީޕީން މިދިޔަ ހަފުތާގައި ބުނެފައިވެ އެވެ. ނަމަވެސް ފުލުހުން އެފަދަ ކަމެއްގައި ނުދާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.