ދުވަސްވީ މަސައްކަތްތެރިންނަށް އިބޫގެ ސަރުކާރެއްގައި ޚާއްސަ ޕެންޝަނެއް

މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ސަރުކާރެއްގައި ދުވަސްވީ މަސައްކަތްތެރިންނަށް ޚާއްސަ ޕެންޝަނެއް ދޭނެ ކަމަށް އޭނާ މިއަދު ވިދާޅުވެއްޖެ އެވެ.


ސެޕްޓެމްބަރު، 23 ގައި ބާއްވާ ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި ބ. އަތޮޅުގެ ނުވަ ރަށަކަށް އިބޫ ކުރައްވާ ދަތުރުގައި ކެންދު އަށް ވަޑައިގެން ވިދާޅުވީ، މަސައްކަތްތެރިންގެ ހައްގު ހިފެހެއްޓުމަކީ އޭނާ ވަރަށް ބޮޑު އިސްކަމެއް ދެއްވާނެ ކަމެއް ކަމަށެވެ.

"މަސައްކަތްތެރިންގެ ހައްގު ހިފެހެއްޓުމަކީ އަޅުގަނޑުމެން އެމްޑީޕީ ވެސް އަދި ގުޅިފައި މި އޮތް ކޯލިޝަން ވެސް ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރާނެ ކަމެއް،" އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ އަދި ކުރީގެ ރައީސް މައުމޫންގެ ފެކްޝަންގެ މެމްބަރުން ހިމެނޭ ކޯލިޝަނަށް އިޝާރާތް ކުރައްވައި އިބޫ ވިދާޅުވި އެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އިބޫ ވިދާޅުވީ، ދުވަސްވީ މަސައްކަތްތެރިންނަށް ޚާއްސަ ޕެންޝަނެއް ދިނުމަށް ނިންމަވާފައި ވަނީ މަސްވެރިންނާއި ދަނޑުވެރިންނާ މެދު ވިސްނުން ބަހައްޓަވައިގެން ކަމަށެވެ.

"މި ރަށުގެ ރައްޔިތުންނަކީ ރިސޯޓުތަކުގައި މަސައްކަތް ކުރާ މީހުން. އަދި މަސްވެރިކަން ވެސް ކުރާ ރައްޔިތުންތަކެއް އުޅޭ ރަށެއް. އަޅުގަނޑުމެންގެ މެނިފެސްޓޯ ގައި އޮންނާނެ ޒަމާންވީ މަސައްކަތްތެރީންނަށް ޕެންޝަނެއް ދޭ ވާހަކަ. އެއީ ޚާއްސަކޮށް މަސްވެރިކަން ކުރާ މީހުންނަށާއި ދަނޑުވެރިކަން ކުރާ މީހުންނަށް ވަކި އުމުރަކަށް ދިޔައީމަ ސަރުކާރުން ދޭ ޕެންޝަނެއްގެ ވާހަކަ،" އިބޫ ވިދާޅުވި އެވެ.

ކެންދޫގެ އިތުރުން ބ. ދަރަވަންދު އަށް ވެސް އިބޫ ވަނީ މިރޭ ވަޑައިގެންފަ އެވެ.

ދަރަވަންދޫ ގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ، އެ ރަށަކީ އިދިކޮޅު ކޯލިޝަންގެ ތަސައްވަރާ އެއްގޮތަށް، ޖަޒީރާ ގައުމެއްގެ ގޮތުގައި ރާއްޖެ ތަރައްގީ ކުރެވޭނެ ކަމުގެ ހެއްކެއް ކަމަށެވެ.

"އަޅުގަނޑުމެންގެ މެނިފެސްޓޯ އަކީ ޖަޒީރާ ވަންތަ ރާއްޖެ އެއް ތަރައްގީ ކުރުމުގެ ތަސައްވުރާ އެކީގައި ނެރުނު މެނިފެސްޓޯ އެއް. މި ރަށުން އަޅުގަނޑުމެންނަށް ފެނިގެން މި ދަނީ މި ރާއްޖެ އިން އަޅުގަނޑުމެން ފެންނަން ބޭނުންވާ ތަސައްވުރު. ކޮންމެހެން އެއް ތަނަކަށް ރާއްޖޭގެ ހުރިހާ ރައްޔިތުން އެއް ނުކުރި ނަމަވެސް ރާއްޖެ ތަރައްގީ ކުރެވިދާނެ ކަމުގެ ރީތި މިސާލެއް މި ރަށުން ފެނިގެން މި ދަނީ،" އިބޫ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ދަރަވަންދޫގައި ބޯ ފެނާއި ނަރުދާމާގެ ނިޒާމް ގާއިމްކޮށްފައި ނެތުމުން އެ ރަށުގައި ގެސްޓް ހައުސްގެ ވިޔަފާރި އިތުރަށް މި ވަގުތަށް ތަރައްގީ ކުރެވޭކަށް ނެތެވެ.

"މިއަދާ ހަމައަށް އައިއިރު މި ރަށުގައި 100 އަށް ވުރެ ގިނަ އެނދު ޓުއަރިސްޓުންނަށްޓަކައި އެބަހުރި. އެހެން ނަމަވެސް މި ރަށުގައި ނަރުދަމާ އާއި ބޯ ފެނުގެ ނިޒާމެއް ނެތުމުގެ ސަބަބުން އިތުރަށް އެ ކަންކަން ތަރައްގީ ކުރުމަށް މި ވަނީ ދަތިވެފައި،" އިބޫ ވިދާޅުވި އެވެ.

މި އަހަރުގެ ރިޔާސީ އިންތިޚާބުގައި 263،000 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބެ އެވެ.

މި އިންތިޚާބުގައި އިބޫގެ އިތުރުން ވާދަ ކުރައްވާނެ ކަމަށް މިހާތަނަށް އިއުލާން ކުރައްވާފައި ވަނީ ޕީޕީއެމްގެ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީނާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އަދި ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ކުރީގެ ނައިބު ރައީސް ޝުޖާއު ހުސެއިނެވެ.

ރިޔާސީ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލާފައިވާއިރު، އެކަމަށް ބޭނުންވާ އެޕްލިކޭޝަން ފޯމް މިހާތަނަށް ހުށަހެޅުއްވީ އިދިކޮޅު ކެންޑިޑޭޓް އިބޫ އެކަންޏެވެ. އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ 10 އަށް ހަމަވާއިރު، އިބޫގެ ކެންޑިޑެސީ އިލެކްޝަންސް ކޮމިޝަނުން ވަނީ މިދިޔަ ހޮނިހިރު ދުވަހު ގަބޫލު ކޮށްފަ އެވެ.