ކެމްޕެއިނަށް އިބޫ ސިންގަޕޫރަށް

އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް، އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ކެމްޕެއިން ދަތުރެއްގައި މިއަދު ސިންގަޕޫރަށް ފުރާވަޑައިގެންފި އެވެ.


ސޯލްޓް ކެފޭގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އިބޫގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ ވިދާޅުވީ އެ ދަތުރަކީ މެލޭޝިޔާ އާއި ސިންގަޕޫރުގައި ދިރިއުޅޭ މީހުންގެ ތެރެއިން އިދިކޮޅު ކޯލިޝަންގެ ކެމްޕެއިންގައި އިސްކޮށް އުޅޭ މީހުންނާ ބައްދަލު ކުރައްވަން ކުރައްވާ ދަތުރެއް ކަމަށެވެ.

"މި ދަތުރުފުޅުގައި ކެންޑިޑޭޓް ވަޑައިގަންނަވާނީ ސިންގަޕޫރަށް އެކަނި. ސިންގަޕޫރުގައި މެލޭޝިއާގެ ކެމްޕެއިން ޓީމާ ވެސް ބައްދަލު ކުރައްވާނެ،" މާރިޔާ ވިދާޅުވި އެވެ.

އެއީ ކިހާ ދުވަހެއްގެ ދަތުރެއް ކަމެއް މާރިޔާ ނުދެއްވަ އެވެ.

ސިންގަޕޫރާއި މެލޭޝިޔާގައި ގިނަ އަދަދެއްގެ ދިވެހިން އުޅޭ އިރު، އެ ދެ ގައުމުގައި ވެސް ރިޔާސީ އިންތިހާބުގެ ވޯޓު ފޮށި ބެހެއްޓުމަށް އިލެކްޝަނުން ވަނީ ނިންމައިފަ އެވެ.

ކެންޑިޑޭޓްކަން ލިބުމާ އެކު އިބޫ ފުރަތަމަ ކުރެއްވި ކެމްޕެއިން ދަތުރުފުޅުގައި ވަޑައިގަތީ އައްޑު އާއި ފުވައްމަލަކަށެވެ.

މިދިޔަ ހަފުތާގައި ކެމްޕެއިން ކުރެއްވުމަށް ބ. އަތޮޅުގައި އުޅުއްވުމަށް ފަހު އިބޫ އާއި ކޯލިޝަންގެ ޓީމު މާލެ އައީ އިއްޔެ އެވެ.

ކެމްޕެއިން ދަތުރެއްގައި އިބޫ ރާއްޖޭން ބޭރަށް ވަޑައިގެންނެވި އިރު އެ ކޯލިޝަންގެ ރަނިން މޭޓް ފައިސަލް ނަސީމް އަންނަނީ އދ. އަތޮޅުގައި ކެމްޕެއިން ކުރައްވަމުންނެވެ.