17،000 މީހުންގެ ރީ-ރަޖިސްޓްރީ ފޯމް އިދިކޮޅުން ހުށަހަޅައިފި

އަންނަ މަހު ބާއްވާ ރިޔާސީ އިންތިޚާބުގައި، ރަށްވެހި ވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލުމަށް މިހާތަނަށް 24،000 މީހުން ރަޖިސްޓަރީ ކޮށްފައިވާއިރު އޭގެ ތެރެއިން 17،000 އަށް ވުރެ ގިނަ މީހުން ރަޖިސްޓްރީ ކޮށްފައި ވަނީ އިދިކޮޅު ކޯލިޝަން މެދުވެރިވެގެން ކަމަށް އެ ކޯލިޝަނުން މިރޭ ބުނެފި އެވެ.


އިދިކޮޅު ކޯލިޝަނުން މިރޭ ސޯލްޓް ކެފޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އަލީ ނިޔާޒު ވަނީ ޕީޕީއެމުން ފުރި ފޯމްތައް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައި ނުވާއިރު ގިނަ ބަޔަކަށް ވޯޓުލުމުގެ ފުރުސަތު ނުލިބޭނެ ގޮތަށް ޕީޕީއެމުން އަމަލުކުރާނެ ކަމަށް ތުހުމަތު ކުރައްވާފަ އެވެ.

އޭނާ ވިދާޅުވީ އެ ކޯލިޝަންގެ ހޮޓްލައިނަށް ގުޅައި، ހުށަހަޅާ 90 ޕަސެންޓް ޝަކުވާއަކީ ރީރަޖިސްޓްރީ ކުރުމަށް ޕީޕީއެމާ ހަވާލުކުރި ފޯމްތައް މިހާތަނަށް ރަޖިސްޓްރީވެފައި ނުވާ ކަމުގެ ޝަކުވާ ކަމަށެވެ.

"އެ [17،000] ފޯމަކީ އަޅުގަނޑުމެންގެ ފޯކަލް ޕޮއިންޓްތަކުން ހުށަހެޅި ފޯމް. މިއީ ސިވިލް ސާވިސް މުވައްޒަފުންގެ ނުވަތަ ކުންފުނިތަކުގެ މުވައްޒަފުންގެ ފޯމްތަކެއް ނޫން،" ނިޔާޒު ވިދާޅުވި އެވެ.

ރީ-ރެޖިސްޓްރީ ކުރުމުގައި ޕީޕީއެމުން މަކަރު ހަދަމުންދާ ކަމަށް ބުނެ އެމްޑީޕީން ވަނީ ފުލުހުންނަށް ވެސް މައްސަލަ ހުށަހަޅައިފަ އެވެ.

އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނީ ޕީޕީއެމްގެ ފަރާތުން ރީ-ރެޖިސްޓްރީ ކުރާ މީހުންގެ ފޯމުތައް އެ ޕާޓީ އޮފީހަށް ގެންދާ ކަމަށް ބެލެވޭ ގޮތަށް ރައީސް އަބްދުﷲ ޔާމީން އަދި ފަސްޓް ލޭޑީ ފާތިމަތު އިބްރާހިމް ވާހަކަފުޅު ދައްކަވަނިކޮށް ނަގާފައިވާ ވީޑިއޯއެއް އާންމުވެފައި ވަނިކޮށެވެ.

އަލީ ނިޔާޒު ވިދާޅުވީ ރީ ރަޖިސްޓްރީ ކުރަން ހުށަހެޅި ފޯމްތަކުގެ ތެރެއިން 2،000 އެއްހާ ފޯމް ހުށަހެޅި ކަމުގެ އޮރިޖިނަލް ސްލިޕް އިލެކްޝަންސްއިން ހަވާލުކޮށްފައި ނުވާ ކަމަށެވެ. އެކަން ހުށަހެޅުމުން މިހާތަނަށް ވެސް ސްލިޕް ލިބިފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ފޯމްތަކުގައި ޖަހާފައިވާ ފިންގާ ޕްރިންޓް ވެރިފައި ކުރުމަށް ފުލުހުންނަށް އިލެކްޝަންއިން ހަވާލުކޮށްފައިވާއިރު އޭގެ ތެރެއިން ގިނަ ފޯމްތަކެއް ފުލުހުން ރިޖެކްޓް ކޮށްފާނެ ކަމަށް ނިޔާޒު ތުހުމަތު ކުރެއްވި އެވެ.

މައުމޫން ރިފޯމް މޫވްމަންޓު (އެމްއާރުއެމް)ގައި އިސްކޮށް އުޅުއްވާ އައިމިނަތު ނާދިރާ ވިދާޅުވީ ރީ ރަޖިސްޓްރީ ކުރި މީހުންގެ ތެރެއިން ގިނަ ބަޔަކު އެދިފައިވާ ތަން ނޫން އެހެން ތަންތަނުގައި ވެސް ރަޖިސްޓްރީ ކޮށްފައިވާ ކަމަށެވެ.

އެގޮތުން މެލޭޝިއާގައި ވޯޓުލުމަށް އެދި ރަޖިސްޓްރީ ކުރި މީހަކު ސްރީ ލަންކާގެ ވޯޓު ފޮއްޓަކަށް ރަޖިސްޓްރީ ކޮށްފައިވުމާއި އައްޑޫ މީދޫގައި ދިރިއުޅޭ ނުކުޅެދުންތެރިކަން ހުންނަ މީހަކު ކ. ހުރަޔަށް ރަޖިސްޓްރީ ކޮށްފައިވާ ކަން ނާދިރާ ފާހަގަ ކުރެއްވި އެވެ.

"މިގޮތަށް ކަންވާތީ އަޅުގަނޑުމެން މި ގޮވާލަކީ އެ ބޭފުޅަކު އަމިއްލައަށް ދެ ފަހަރު ތިން ފަހަރު ވެސް ރަޖިސްޓްރީވެފައި ވަނީ ރަނގަޅު ފޮއްޓަށްތޯ ބައްލަވާށޭ. އަދި މައްސަލައެއް އުޅޭނަމަ ހުށަހަޅުއްވާށޭ،" ނާދިރާ ވިދާޅުވި އެވެ.

މިހާތަނަށް އިދިކޮޅު ކޯލިޝަނުން 17،000 އަށް ވުރެ ގިނަ ފޯމް އިލެކްޝަނަށް ހުށަހަޅާފައިވާއިރު އަމާޒަކީ ޖުމުލަ 65،000 އަށް ވުރެ ގިނަ ފޯމް ހުށަހެޅުން ކަމަށް ނާދިރާ ވިދާޅުވި އެވެ.

ރިޔާސީ އިންތިޚާބަށް، އަދާލަތު ޕާޓީގެ ކެމްޕޭން މެނޭޖަރަކަށް ހަމަޖައްސާފައިވާ އަހްމަދު ނޫމާން ވިދާޅުވި ގޮތުގައި، ގިނަ ބަޔެއްގެ ވޯޓު ލުމުގެ ހައްގު ނިކުޅައިގަންނަން އިލެކްޝަންސް އިން މަސައްކަތް ކުރާ ކަމަށެވެ. އަދި ކިތަންމެ އޮޅުވާލުމެއް އޮޅުވާލި ނަމަވެސް ރިޔާސީ އިންތިހާބު ބޮޑު ތަފާތަކުން އިދިކޮޅު ކޯލިޝަނުން ކާމިޔާބު ކުރާނެ ކަމަށް ނޫމާން ވިދާޅުވި އެވެ.

ރީ-ރެޖިސްޓަރީ ކުރުމުގެ ފަހު ތާރީޚަކީ މި މަހުގެ 12 ވަނަ ދުވަހެވެ.

މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވޯޓުލުމުގެ ހައްގު 263،000 މީހުންނަށް ލިބެ އެވެ. އަދި އިންތިޚާބުގައި ރާއްޖެ އާއި ބޭރުގެ ބައެއް ގައުމުތަކުގައި 490 އަށް ވުރެ ގިނަ ވޯޓު ފޮށި ބަހައްޓާނެ އެވެ.