ހުރިހާ ޕާޓީތަކުން ވެސް ފޯމު ހުށަހަޅައިފި، އަދަދު ބުނެވޭކަށް ނެތް: އިލެކްޝަންސް

އަންނަ މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށަކަށް ވޯޓުލާން ފުރާ ފޯމުތައް ހުރިހާ ޕާޓީތަކަކުން ވެސް އިލެކްޝަންސް ކޮމިޝަން (އީސީ)އަށް ހުށަހަޅަމުން އަންނަ ކަމަށް އެ ކޮމިޝަނުން މިއަދު ބުނެފި އެވެ.


މި އޯގަސްޓު، 11ގެ، ނިޔަލަށް ރީ-ރެޖިސްޓްރީ ކުރުމުގެ މުއްދަތު ހަމަވާއިރު ބުދަ ދުވަހާ ހަމައަށް އިލެކްޝަންސް ކޮމިޝަނަށް ލިބިފައި ވަނީ 27،000 ފޯމު ކަމަށް އީސީން ބުނެ އެވެ.

އިދިކޮޅު ކޯލިޝަނުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނެފައި ވަނީ އީސީއަށް ލިބިފައިވާ ފޯމުތަކުގެ ތެރެއިން 17،000 ފޯމް ހުށަހެޅީ ގުޅިފައިވާ ޕާޓީތަކުން ކަމަށެވެ. ވެރިކަން ހިންގާ ޕީޕީއެމުން މިހާތަނަށް ފޯމު ހުށަހަޅާފައިނުވާ ކަމަށް ވެސް ބުންޏެވެ.

އެކަމަކު ކޮމިޝަނުގެ މެންބަރު އަހުމަދު އަކްރަމް ވިދާޅުވީ "ހުރިހާ ސިޔާސީ ޕާޓީއަކުން" ވެސް ފޯމު ހުށަހަޅަމުން އަންނަ ކަމަށެވެ.

"އަޅުގަނޑުމެން ވަކިވަކި ޕާޓީތަކުން ހުށަހަޅާފައިވާ ފޯމުގެ އަދަދެއް ހާމައެއް ނުކުރަން. އެކަމަކު ހުރިހާ ޕާޓީއަކުން ވެސް އަންނަނީ ފޯމު ހުށަހަޅަމުން،" އަކްރަމް ވިދާޅުވި އެވެ.

އިދިކޮޅު ކޯލިޝަންގެ ފަރާތުން 17،000 ފޯމު ހުށަހަޅާފައިވާ ކަމަށް ބުނާއިރު މިއަދު އީސީގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެފައި ވަނީ އެމްޑީޕީން ހުށަހެޅި ފޯމުތަކުގެ އަދަދު 10،000 އަށް ވެސް ނާރާނެ ކަމަށެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އަލީ ނިޔާޒު "މިހާރު" އަށް ވިދާޅުވީ އިދިކޮޅު ކޯލިޝަނުން ހުށަހަޅާ ގިނަ ފޯމުތަކުގައި ޕާޓީތަކުގެ ތައްގަނޑު ޖަހާފައިނުވާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ފޯކަލް ޕޮއިންޓުތަކުން ހުށަހަޅާ ފޯމުތަކުގައި ޕާޓީގެ ތައްގަނޑެއް ނުހުންނާނެ. އެކަމަކު އަޅުގަނޑުމެން އަތުގައި އެބަހުރި ހުރިހާ ތަފްސީލުތަކެއް ހުށަހެޅި ފޯމުތަކުގެ،" ނިޔާޒު ވިދާޅުވި އެވެ.

ރީ-ރެޖިސްޓްރޭޝަނުގައި ޕީޕީއެމުން މަކަރުހަދާ ކަމަށް ބުނެ އެމްޑީޕީން ވަނީ އެ މައްސަލަ ފުލުހުންނަށް ހުށަހަޅައިފަ އެވެ. އިދިކޮޅު ކޯލިޝަނުން ރީ-ރެޖިސްޓްރޭޝަނަށް މަކަރު ހަދާ ކަމަށް ޕީޕީއެމުން ވެސް ތުހުމަތުކުރެ އެވެ.

ސެޕްޓެމްބަރު، 23ގައި، ބާއްވާ ރިޔާސީ އިންތިހާބުގައި 263،000 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބޭއިރު 60،000 އެއްހާ މީހުން ރަށްވެހިވެފައިވާ ރަށް ނޫން އެހެން ތަންތަނުގައި ވޯޓުލަށް ރަޖިސްޓްރީ ކުރާނެ ކަމަށް ބެލެވެ އެވެ.