އިންތިހާބުތަކުގެ ޝަރުތުތައް އެއްގޮތް ކުރާ އިސްލާހު ބަލައިގެންފި

ގާނޫނުއަސާސީގައި ވަކި ޝަރުތުތަކެއް ކަނޑައަޅާފައިވާ އިންތިހާބުތައް ފިޔަވައި އެހެން އިންތިހާބުތަކަށް ކުރިމަތިލާ މީހުންގެ ކިބައިގައި ފުރިހަމަވާން ޖެހޭ ޝަރުތުތައް އެއް މިންގަނޑެއްގައި ކަނޑައަޅަން، އިންތިހާބުތަކާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހަށް މިއަދު ބަލައިގެންފި އެވެ.


ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހްމަދު އާމިރު ހުށަހެޅުއްވި އިސްލާހު، މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަލައިގަތީ ހާޒިރުވެ ތިއްބެވި 75 މެމްބަރުންގެ ތެރެއިން 54 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. މި ބިލް މަޖިލީހަށް ބަލައިގަތުމާ ދެކޮޅަށް ވޯޓު ދެއްވީ 15 މެންބަރުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު، މިއަދުގެ ޖަލްސާގެ ރިއާސަތު ބަލަހައްޓަވަނީ. --ފޮޓޯ މަޖިލިސް

މި ބިލް މަޖިލީހަށް ބަލައިގަތުމަށް ފާސްވުމާ ގުޅިގެން، ބިލް އިތުރަށް ދިރާސާ ކުރުމަށް ގައުމީ ސަލާމަތުގެ ކޮމިޓީ އަށް ފޮނުއްވި ކަމަށް ރިއާސަތުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު އިއުލާން ކުރެއްވި އެވެ.

މި ބިލް މަޖިލީހަށް ބަލައިގަތުމާ މެދު ކުރި ބަހުސްގައި ގިނަ މެމްބަރުން ވަނީ މި ބިލްގެ އުސޫލުތަކަށް ތާއީދު ކުރައްވައިފަ އެވެ. އެ މެމްބަރުން ވިދާޅުވީ ހުރިހާ އިންތިހާބުތަކަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތައް އެއް މިންގަނޑެއްގައި އޮތުން މުހިންމު ކަމަށެވެ.

އެ މެމްބަރުން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރު ކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ވުރެ، ލޯކަލް ކައުންސިލްތަކަށް ކުރިމަތިލާ މީހުންގެ ކިބައިގައި ފުރިހަމަވާން ޖެހޭ ޝަރުތުތައް ހަރުކަށިވުމަކީ ނުވަތަ މަތިވުމަކީ ގަބޫލު ކުރެވޭނެ އުސޫލެއް ނޫން ކަމަށެވެ.

ބައެއް މެމްބަރުން ވިދާޅުވި ގޮތުގައި މަގާމުތަކަށް ކުރިމަތިލާ މީހުން، އޭގެ ކުރީގައި ކޮށްފައި އޮންނަ ކުށެއްގެ ސަބަބުން އުމުރު ދުވަހަށް ކައުންސިލަކަށް ކުރިމަތި ނުލެވުމަކީ ރަނގަޅު ގޮތެއް ނޫނެވެ. ނަމަވެސް ލަމަރުކަޒީ ގާނޫނު އޮތީ އެ ގޮތަށް ކަމަށް ވާތީ، ކިތަންމެ ގާބިލު މީހަކަށް ވެސް، އޭނާގެ ހަޔާތުގައި އެންމެ ފަހަރަކު ކުރި ކުށަކުން އަދަބެއް ލިބުމުން، އުމުރު ދުވަހަށް ވެސް ކައުންސިލްތަކުގެ އިންތިހާބުތަކުގައި ވާދައެއް ނުކުރެވޭ ކަމަށް އެ މެމްބަރުން ވިދާޅުވި އެވެ.

މިބިލްގެ ބަހުސްގައި ބައިވެރިވި ބައެއް މެމްބަރުންނަށް، މި ބިލްގައި އޮތީ ކޮން އެއްޗެއްކަން އެނގިވަޑައިނުގެން މި އިސްލާހަކީ ގާނޫނުއަސާސީ އަށް ހުށަހަޅާފައި އޮތް އިސްލާހެއް ކަމަށް ބައްލަވައިގެން ވެސް ވާހަކަ ދެއްކެވި އެވެ. މި ބިލް ހުށަހެޅުއްވި އާމިރު ވެސް އެކަން ފާހަގަކުރެއްވި އެވެ.

މި އިސްލާހު ތަސްދީގުކޮށް އަމަލު ކުރަން ފެށުމުން، ލާމަރުކަޒީ ގާނޫނުގެ 15، 28، 44 ވަނަ މާއްދާ އާއި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނުގެ 12 ވަނަ މާއްދާ އުވިގެންދާނެ އެވެ. މީގެ އިތުރުން ގާނޫނުއާސާސީގެ 231 ވަނަ މާއްދާގެ (ނ) އަށް އިސްލާހު ގެނައުމުގެ ބިލް ވެސް ވަނީ މިއަދުގެ ޖަލްސާގައި މަޖިލީހަށް ބަލައިގެންފަ އެވެ. މި ބިލް ބަލައިގަތީ ހާޒިރުވެ ތިއްބެވި 75 މެންބަރުންގެ ތެރެއިން 55 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. މި ބިލް ބަލައިގަތުމާ ދެކޮޅަށް ވޯޓު ދެއްވީ 17 މެމްބަރުންނެވެ.

މާފަންނު ދެކުނު ދާއިރާގެ އަބްދުﷲ ރިފާއު ހުށަހެޅުއްވި މާލީ ސެކިއުރިޓީއާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ކޮމިޓީން ދިރާސާކުރި ގޮތަށް ވެސް މިއަދުގެ ޖަލްސާގައި ފާސްކުރި އެވެ. މި ބިލް ފާސްވީ ހާޒިރުވެ ތިއްބެވި 75 މެމްބަރުންގެ ތެރެއިން 64 މެންބަރުންގެ ވޯޓުންނެވެ.