މި އަހަރު ހައްޖުވާ ގިނަ ދިވެހިން މައްކާ އަށް ހިނގައްޖެ

މި އަހަރުގެ ހައްޖުގެ މަތިވެރި އަޅުކަމުގައި ރާއްޖޭން ބައިވެރިވާ ގިނަ ހައްޖުވެރިން މައްކާ އަށް ހިނގައްޖެ އެވެ.


މިއަހަރުގެ ހައްޖުގެ އަޅުކަމަށް އެންމެ ފުރަތަމަ ފުރީ، މޯލްޑިވްސް ހައްޖު މިޝަންގެ އެޑްވާންސް ޓީމާއި ޒައީ ގްރޫޕްގެ އެޑްވާންސް ޓީމެވެ. ޖުލައި 26 ގައި އެ ދެ ޓީމު ފުރި އިރު، ޖުލައި 28 ގައި އަލްހަރަމައިން ހަތަރު މީހުންނާއި ޒައީ ގުރޫޕުން 88 މީހުންނާއި މޯލްޑިވްސް ހައްޖު މިޝަންގެ އެކަކު އަދި ސިސިލްފަރުން ހަތަރު މީހުން ވަނީ ފުރައިފަ އެވެ.

އަދި ޖުލައި 31 ގައި ސިސިލްފަރުން 97 މީހުންނާއި އަލްހަރަމައިންގެ 97 މީހުން ފުރި އިރު، އޮގަސްޓް 3 ގައި ފުރީ ހައްޖު ކޯޕަރޭޝަންގެ އެޑްވާންސް ޓީމުގެ ހަ މީހެކެވެ. އެންމެ ފަހުން އިއްޔެ ފުރީ ތަޒްކިޔާ ޖަމާއަތުގެ 70 މީހުންނާއި ޒައީ ގްރޫޕުން ހަ މީހެކެވެ.

މިއަހަރު މީހުން ހައްޖަށް ގެންދިއުމަށް ހައްޖު ކޯޕަރޭޝަންގެ އިތުރުން ސަރުކާރުން ހުއްދަ ދީފައިވަނީ ހަތަރު ޖަމާއަތަކަށެވެ. އެއީ އަލްހަރަމައިން އާއި ސިސިލްފަރު އަދި ތަޒްކިޔާ ޕްރައިވެޓް ލިމިޓެޑާއި ޒައީ ގްރޫޕެވެ. މިއިން ކޮންމެ ޖަމާއަތަކަށް ހުއްދަ ދިނީ 100 މީހުން ހައްޖަށް ގެންދިއުމަށެވެ. މިއަހަރު ހައްޖަށް ގެންދިއުމަށްޓަކައި މީހެއްގެ އަތުން ނެގުމަށް ސަރުކާރުން ހުއްދަ ދިނީ 69،965ރ. އެވެ.

މިއަހަރު ރާއްޖޭން ޖުމްލަ 1010 މީހުން ހައްޖުގެ އަޅުކަމުގައި ބައިވެރިވާނެ އެވެ. އޭގެ ތެރެއިން ސިސިލްފަރު ޖަމާއަތަށް 97 މީހުން، އަލްހަރަމައިން ޖަމާއަތަށް 97 މީހުން، ތަޒްކިޔާ ޖަމާއަތަށް 101 މީހުން އަދި ޒައީ ޖަމާއަތުން 97 މީހުންނެވެ. އަދި މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި 595 މީހުން ހައްޖަށް ގެންދިއުމަށް ވަނީ ހުއްދަ ދީފަ އެވެ.

މި އަހަރުގެ ހައްޖު މިޝަންގައި ހިމެނެނީ ފަސް ބޭފުޅުންގެ ޓީމެކެވެ. މި އަހަރުގެ އަމީރުލް ހައްޖަކީ ކޮން ބޭފުޅެއް ކަން ސަރުކާރުން އަދި އިއުލާނެއް ނުކުރެ އެވެ.