ކެންޑިޑޭޓުންނަށް ވަގުތު ދިނުމާ ބެހޭ އުސޫލު ބްރޯޑްކާސްޓިން ކޮމިޝަނުން އެކުލަވާލައިފި

އަންނަ މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ޓީވީތަކުން ވަގުތު ދިނުމާ ބެހޭ ހަމަތައް ބަޔާންކުރުމާއި އިދާރީ ފިޔަވަޅު އެޅުމާ ބެހޭ އުސޫލު އެކުލަވާލައި އެޓާނީ ޖެނެރަލް އޮފީހަށް ފޮނުވައިފި ކަމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ބުނެފި އެވެ.


އެ ކޮމިޝަނުން މިރޭ ބުނީ އެ އުސޫލު އެކުލަވާލާފައި ވަނީ މިދިޔަ މަހުގެ 10 ގައި، އެ އުސޫލުގެ ދެލިކޮޕީ އެކުލަވާލުމަށްފަހު، އާއްމުކޮށް ހިޔާލު ހޯދުމަށްފަހުގައި ކަމަށެވެ. އަދި އެ އުސޫލު އެކުލަވާލުމުގެ ކުރިން އިލެކްޝަންސް ކޮމިޝަނާއި ހިއުމަން ރައިޓްސް ކޮމިޝަނާ މަޝްވަރާކުރި ކަމަށް ވެސް ބުންޏެވެ.

އެ ކޮމިޝަނުން ބުނި ގޮތުގައި އުސޫލު އެކުލަވާލައިފައި ވަނީ ބްރޯޑްކާސްޓަރުންނާ ދެ ފަހަރެއްގެ މަތިން ބައްދަލުކޮށް ހިޔާލު ހޯދުމަށްފަހު، ބައެއް އިސްލާހުތަކާ އެކުގަ އެވެ.

އިންތިހާބުތަކާ ބެހޭ ގާނޫނަށް މަޖިލީހުން ގެނައި އިސްލާހުގެ ދަށުން، އިންތިހާބެއްގައި ބައިވެރިވާ ކެންޑިޑޭޓަކަށާއި އެ ކެންޑިޑޭޓުންގެ ސިޔާސީ ޕާޓީތަކަށް ތާއީދު ހޯދުމުގެ ގޮތުން އިޝްތިހާރާއި ޕްރޮގްރާމް ފޮނުވުމަށް ވަގުތު ދިނުމުގައި ލައިސަންސް ލިބިފައިވާ ބްރޯޑްކާސްޓަރުން އަމަލުކުރަންވީ ހަމަތައް ކަނޑައަޅާއިފައިވެ އެވެ.

އެ އުސޫލުގައިވާ ގޮތުން ކެނޑިޑޭޓުންނަށް ހާއްސަކޮށް ގެނެސްދޭން ޖެހޭނީ އެ ކެންޑިޑޭޓެއްގެ ފަރާތުން ނުވަަތަ ސިޔާސީ ޕާޓީއަކުން ތައްޔާރުކޮށް އޮން އެއާ ކުރާ ޕްރޮގްރާމުތަކާއި ކެންޑިޑޭޓުން ޕްރޮމޯޓު ކުރަން ފޮނުވާ އިސްތިހާރުތަކާއި ސިޔާސީ ޕާޓީތަކުން ބާއްވާ ރެލީތައް އަދި ނިއުސް ކޮންފަރެންސްތަކެވެ. އަދި ސިޔާސީ ބޭފުޅުން ބައިވެރިކޮށްގެން ބާއްވާ ސްޓޫޑިއޯ ޕްރޮގްރާމްތަކާއި ސިޔާސީ ބޭފުޅުންގެ އިންޓަވިއުތައް ގެނެސްދޭން ޖެހޭނެ ކަމަށް ވެސް ވެސް ބްރޯޑްކޮމް އިން ނެރުނު އުސޫލުގައިވެ އެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ރާއްޖޭގެ ހުރިހާ ޓީވީ ޗެނަލްތަކަކުން އެއް ހަމައެއްގައި ފުރުސަތު ދޭން ޖެހޭ ގޮތަށް ލާޒިމްކޮށް، އަދި ވަކި ކެންޑިޑޭޓަކަށް އިތުރަށް ވަގުތު ނުވިއްކޭ ގޮތަށް އިންތިހާބުތަކާ ބެހޭ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހު މަޖިލީހުން ފާސް ކުރުމާ ގުޅިގެން، ރައީސް އަބްދުﷲ ޔާމީން އެ ބިލު ތަސްދީގުކުރައްވައިފައި ވަނީ މިދިޔަ ޖުލައި ނުވަ ވަނަ ދުވަހު އެވެ.

އެ ގާނޫނު ތަސްދީގުކުރާތާ 30 ދުވަހުގެ ތެރޭގައި އެ އުސޫލް އާއްމުކުރަން ގާނޫނުން ލާޒިމްކޮށްފައިވެ އެވެ. އެހެންވެ މިމަހުގެ 8 ވަނަ ދުވަހުގެ ކުރިން އެ އުސޫލް އާއްމުކުރަން އާއްމު ކުރަން ޖެހޭ ކަމަށް ވެސް އެމްބީސީން ބުންޏެވެ.