ހައި ކޯޓުގެ ދެކުނު ގޮފީގެ މަސައްކަތް މެދުކެނޑުމަކަށް ފަހު ފަށަނީ

ހައި ކޯޓުގެ ދެކުނު ގޮފީގެ ޝަރީއަތްތައް ހުއްޓިފައި އޮންނަތާ ދުވަސްތަކެއް ފަހުން ފަނޑިޔާރުންގެ ވަފުދެއް ގޮސް އަންނަ އާދިއްތަ ދުވަހު އަލުން ފަށަން ހަމަޖައްސައިފި އެވެ.


އައްޑޫގައި ހުންނަ ދެކުނު ގޮފީގެ ޝަރީއަތްތައް މިދިޔަ އަހަރު މަޑުޖެހުނީ އެ ގޮތްޕަށް ފަނޑިޔާރުންގެ ދަތިކަން ކުރިމަތިވުމުންނާއި އޭރު ތިއްބެވި ފަނޑިޔާރުން ތިން މަހަށް މާލޭގައި މަސައްކަތް ކުރައްވަން ފެއްޓެވުމުންނެވެ. އެކަމަކު މިދިޔަ ފެބްރުއަރީ މަހު ސުޕްރީމް ކޯޓުން ވަނީ ގޮފިތަކުގައި ދާއިމީ ފަނޑިޔާރުން ތިބުމުގެ ބަދަލުގައި ފަނޑިޔާރުންގެ ޝަރުއީ ވަފުދުތަކުން ދަތުރުކޮށްގެން މައްސަލަ ނިންމާ ގޮތަށް ހަމަޖައްސައިފި އެވެ.

ދެކުނު ގޮފީގެ ޝަރީއަތްތައް ހިންގަން އަންނަ އާދިއްތަ ދުވަހުން ފެށިގެން ހަފުތާ ނިމެންދެން ހައި ކޯޓުގެ ފަނޑިޔާރުންގެ ވަފުދަކުން މަސައްކަތް ކުރާނެ ކަމަށް ހައި ކޯޓުން ބުންޏެވެ. އެކަމަކު އެ ވަފުދުގައި ހިމެނެނީ ކޮން ފަނޑިޔާރުންނެއް ކަމެއް އަދި ހާމައެއް ނުކުރެ އެވެ. މިއީ ޝަރުއީ ވަފުދުތައް ފޮނުވައިގެން ގޮފިތަކުގައި ހުރި މައްސަލަތައް ބަލާ ގޮތަށް ސުޕްރީމް ކޯޓުން ހަމަޖެއްސި ފަހުން މިގޮތަަށް ފޮނުވާ ފުރަތަމަ ވަފުދެވެ.

ހައި ކޯޓުން ބުނީ ދެކުނު ގޮފީގައި މިހާރު ރަޖިސްޓްރީކޮށްފައި ހުރި މައްސަތައް އެ ވަފުދުން ބަލާނެ ކަމަށެވެ. އަދި ހުއްޓިފައި ހުރި މައްސަލަތައް އަވަސްވެ، މައްސަލަތަކުގައި ހިމެނޭ ފަރާތްތަކުން ކުރަން ޖެހޭ ޚަރަދުތައް ކުޑަވާނެ ކަމަށް ވެސް ހައި ކޯޓުން ބުންޏެވެ.

ރާއްޖޭގެ ދެކުނާއި އުތުރުގައި ހައި ކޯޓުގެ ދެ ގޮފި އުފައްދަން ޖެހޭ ގޮތަށް ކޯޓުތަކުގެ ގާނޫނަށް 2014 ގައި އިސްލާހު ގެނައުމުން އެންމެ ބޮޑަށް ހައި ކޯޓަށް ދިމާވި މައްސަލައަކީ ފަނޑިޔާރުންގެ ދަތިކަމެވެ. އޭރު ނުވަ ފަނޑިޔާރުންގެ ބެންޗެއް ހައި ކޯޓުގައި އޮއްވާ ކޮންމެ ގޮތްޕަކަށް ތިން ފަނޑިޔާރުން ހަމަޖެއްސުމުން މާލޭގެ ހައި ކޯޓަށް ފަނޑިޔާރުންގެ ދަތިކަން ކުރިމަތިވި އެވެ. އަދި ބައެއް ފަހަރު ގޮފިތަކަށް ވެސް އެ މައްސަލަ ދިމާވި އެވެ. އެ މައްސަލަ ހައްލުކުރަން ހައި ކޯޓުގެ ފަނޑިޔާރުންގެ އަދަދު ވަނީ 11 އަށް އިތުރުކޮށްފަ އެވެ.