ބްރިޖް މަތީގައި ކައިވެނިކުރަން ފޯމް ދޫކުރަން ފަށަނީ

މާލެ އާއި ހުޅުލެއާ ދެމެދު އަޅާފައިވާ ބްރިޖް މަތީގައި ކައިވެނިކުރަން ބޭނުންވާ މީހުން އެކަމަށް އެދި ފޯމް ހުށަހެޅުމުގެ ފުރުސަތު އަންނަ އާދިއްތަ ދުވަހު ހުޅުވާލާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.


މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބްރިޖް މަތީގައި އަލަތު ކައިވެނިކުރަން ބޭނުންވާ ފަރާތްތަކަށް ފޯމް ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެ ކަމަށެވެ.

ފޯމް ދޫކޮށް އަދި ބަލައިގަންނާނީ ވެސް ހައުސިން މިނިސްޓްރީންނެވެ.

ބްރިޖް މަތީގައި އަލަތުކައިވެނި ކުރުމުގެ ފުރުސަތު ދެއްވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ވަނީ ވިދާޅުވެފަ އެވެ.

ޗައިނާ ސަރުކާރުގެ އެހީގައި އަޅާފައިވާ ބްރިޖްގެ މައިގަނޑު ހުރިހާ މަސައްކަތެއް ނިމި، މިހާރު ކުރިއަށް ދަނީ ތާރު އެޅުމާއި ލައިޓް ހަރުކުރުމުގެ ކަންކަމެވެ. އަދި މި މަހު ބްރިޖް ހުޅުވާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

ބްރިޖްގެ މަސައްކަތަށް 200 މިލިއަން ޑޮލަރު ޚަރަދުވެ އެވެ. އޭގެ ތެރެއިން ދެ ބައި ކުޅަ އެއް ބަޔަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީ އެވެ. އޭގެ އިތުރުން 70 މިލިއަން ޑޮލަރުގެ ލޯނެއް ވެސް ޗައިނާ އިން ދެ އެވެ. ދިވެހި ސަރުކާރުން ހަރަދުކުރާ ގޮތަށް އޮތީ 12 މިލިއަން ޑޮލަރެވެ.