ހުޅުމާލޭގެ 75 ޕަސަންޓު ވޯޓު ރައީސް ޔާމީނަށް ލިބޭނެ: ބުންޔާމީން

އަންނަ މަހު ބާއްވާ މި އަހަރުގެ ރިޔާސީ އިންތިޚާބު ގައި ރައީސް އަބްދުﷲ ޔާމީނަށް ހުޅުމާލެ އިން 75 ޕަސަންޓު ވޯޓު ލިބޭނެ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ޗީފް އޮޕަރޭޓިން އޮފިސަރު (ސީއޯއޯ) އަހުމަދު ބުންޔާމީން ވިދާޅުވެއްޖެ އެވެ.


ހުޅުމާލެ އަކީ މި ފަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ގައި މާލެ އިން އެންމެ ބޮޑު ފޯރިއެއް ނަގާ އެއް އަވަށެވެ. ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ޕީޕީއެމްގެ ދިދަ ފަތި ދަމައި، ރައީސް ޔާމީންގެ ބިލްބޯޑުތައް ވަނީ ހަރުކޮށްފަ އެވެ. އަދި ގިނަ އަދަދެއްގެ ގެތަކުގައި މިހާރު ވަނީ ޕީޕީއެމްގެ ދިދަ ވެސް ހަރުކޮށްފަ އެވެ.

ރައީސް ޔާމީނަށް ތާއީދުކޮށް، ހުޅުމާލޭގައި އިއްޔެ ބޭއްވި ހިނގާލުން.

ރައީސް ޔާމީނަށް ހުޅުމާލެ އިން ޕީޕީއެމަށް އޮތް ތާއީދު ދައްކައިލުމަށް އިއްޔެ ބޭއްވި ހިނގާލުމަށް ފަހު، "މިހާރު" އާ ވާހަކަ ދައްކަވަމުން ބުންޔާމީން ވިދާޅުވީ، ޕީޕީއެމްގެ ހަރަކާތްތަކުގައި ހުރިހާ އުމުރުފުރައެއްގެ މީހުން ވެސް ބައިވެރިވަނީ ރައީސް ޔާމީނަށް އޮތް އިތުބާރާއި ލޯތްބެއްގެ ބޮޑު ކަމުން ކަމަށެވެ. އެއްވެސް މީހަކަށް ހަރަކާތްތަކުގައި ބައިވެރިވާން މަޖުބޫރު ކޮށްފައި ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކޮންމެ މީހަކު ވެސް އެ ކަމެއް ކުރަނީ ކުރާ ހިތުން. އެއްވެސް މީހަކަށް ފައިސާއެއް ދީގެން ކެމްޕެއިން ހަރަކާތްތަކުގެ ބައިވެރިކޮށްފައި ނުވާނެ. ހަރަކާތްތަކުގައި ބައިވެރި ވަނީ ވެސް މުޅިން ހުޅުމާލޭ ރައްޔިތުން. އެއްވެސް ގޮތަކަށް މާލެ އިން ނޫނީ އެހެން ރަށެއްގެ ބަޔަކު ނޫޅޭނެ،" ބުންޔާމީން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ހުޅުމާލޭގައި ދިރިއުޅޭ މީހުން ރައީސް ޔާމީނަށް ތާއީދު ކުރާ ސަބަބަކީ، އެމީހުންނަށް ސަރުކާރުން ފަހިކޮށް ދިން ފުރުސަތުތަކުގެ ސަބަބުންނެވެ. ހާއްސަކޮށް، ޒުވާނުންނަށް ވަޒީފާގެ އެތައް ފުރުސަތުތަކެއް ފަހިކޮށްދީފައިވާ ކަމަށް ވެސް ބުންޔާމީން ވިދާޅުވި އެވެ.

"އަޅުގަނޑު އެޗްޑީސީއާ ހަވާލުވި ފަހުން، އެ ކުންފުނިން [އެޗްޑީސީ] 200 ޒުވާނުންނަށް ވަޒީފާ ދިނިން. ކުރިއަށް އޮތް ތަނުގައި އިތުރު ވަޒީފާގެ 50 ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން،" ބުންޔާމީން ވިދާޅުވި އެވެ.

ހުޅުމާލޭގައި އިއްޔެ ބޭއްވި ހިނގާލުމުގައި ބުންޔާމީން (ވ) ބައިވެރިވެވަޑައިގަންނަވަނީ.

ބުންޔާމީން ވިދާޅުވީ ހުޅުމާލޭގައި ދިރިއުޅޭ މީހުންގެ ތެރެއިން 85 ޕަސަންޓަކީ އެކި ރަށްރަށުގައި ކުރިން އުޅެފައި ތިބި މީހުން ކަމަށެވެ. އޭގެ ތެރެއިން ގިނަ މީހުން އުޅެނީ ހުޅުމާލެ އިން ތަންތަން ކުއްޔަށް ހިފައިގެން ކަމަށް ވެސް ބުންޔާމީން ވިދާޅުވި އެވެ.

ބުންޔާމީން ވިދާޅުވި ގޮތުގައި ގިނަ ގެތަކަށް ޒިޔާރަތް ކުރިއިރު، އެ މީހުންގެ ޝަކުވާ އަކަށް ވެފައި ވަނީ ކުލި ދެއްކުމަށް ދަތިތަކެއް ހުރުމާއި އާސަންދައިގެ ހިދުމަތް ލަސްވުން ފަދަ ކަން ކަމެވެ. އޭނާ ވިދާޅުވީ، އާސަންދަގެ ޚިދުމަތް ލިބުން ލަސްވާ މައްސަލަ ހައްލު ކުރުމަށްޓަކައި، އެ ކަމުގައި ރައީސް ޔާމީންގެ ކެމްޕެއިން އޮފީހުން ވެސް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށެވެ. އެއީ ހުޅުމާލޭ ގައި އުޅޭ މީހުންނަށް ލުއި ފަސޭހަކޮށް ދިނުމުގެ ގޮތުން ކުރާ ކަމެއް ކަމަށް ވިދާޅުވި އެވެ.

"ހުޅުމާލޭ ގައި އުޅޭ ގިނަ މީހުންނާ ބައްދަލުވިއިރު، ގިނަ މީހުން އުޅެނީ ވަރަށް ހާލުގައި. ވަރަށް ކުލި ބޮޑު އެ މީހުން ދައްކަން ޖެހޭ. މިސާލަކަށް 18،000ރ. ދީގެން އުޅޭ މީހުންނަށް ދެކޮޅެއް ނުޖެހޭ. މިތަނުގައި އުޅޭ ގިނަ މީހުން ވެސް ބޭނުންވަނީ ބޯހިޔާވަހިކަން،" ބުންޔާމީން ވިދާޅުވި އެވެ.

ހުޅުމާލޭގައި ދިރިއުޅޭ ޕީޕީއެމްގެ ސަޕޯޓަރުން އިއްޔެ ނުކުމެ، ވަނީ ރައީސް ޔާމީންގެ ރިޔާސީ ލޯގޯގެ ބައްޓަމަން އެތުރި ކެމްޕޭންގެ ފޯރި ދައްކާލައިފި އެވެ. މިއީ މި ފަހަރުގެ ކެމްޕޭންގައި ފެނުނު ތަފާތު މަންޒަރެކެވެ. އެ ހަރަކާތުގައި 1،500 އަށް ވުރެ ގިނަ މީހުން ބައިވެރިވި ކަމަށް ޕީޕީއެމުން ބުންޏެވެ.

އަންނަ މަހުގެ 23 ގައި އޮންނަ ރިޔާސީ އިންތިހާބަށް ޕީޕީއެމުން ފަށާފައިވާ ކެމްޕޭންގެ ފޯރި ގަދަކޮށް، މާލޭގެ މަގުތަކުގައި އެ ޕާޓީގެ ދިދަފަތިތައް ވަނީ ދަމަން ފަށައިފަ އެވެ. އިންތިހާބުގެ ވޯޓުލުމަށް ދޮޅު މަހަށްވެ، އެއް ބަޔަކު އަނެއް ބަޔަކަށް ބަހުުގެ ހަމަލާތަކާއި ބޮޑެތި ތުހުމަތުތައް ވެސް ދަނީ އަޅުވަމުންނެވެ.