ކައިވެނިކުރަން ދޭންވީ ބްރިޖެއް ނޫން، ދަރުބާރުގެ: އިދިކޮޅު

ކައިވެނި ކުރުމުގެ ފުރުސަތު ދޭންވީ މާލެ އާއި ހުޅުލޭ ގުޅާލާ ބްރިޖް މަތީގައި ނޫން ކަމަށާއި ދަރުބާރުގެ ފަދަ އިމާރާތްތައް ކަމަށް އިދިކޮޅު ކޯލިޝަނުން މިއަދު ބުނެފި އެވެ.


ރައީސް އަބްދުﷲ ޔާމީންގެ ވައުދެއް ކަމަށްވާ "ސިނަމާލެ" ބްރިޖް މަތީގައި ކައިވެނި ކުރުމުގެ ފުރުސަތު އިއްޔެ ސަރުކާރުން ވަނީ ހުޅުވާލައިފަ އެވެ. އެކަމަށް އިއްޔެ ހެނދުނު ފޯމު ދޫކުރި އިރު، ނިންމާފައިވަނީ ބްރިޖްމަތީގައި ކުރާ ކައިވެނީގެ ހުރިހާ ހަރަދެއް ސަރުކާރުން ކޮށްދޭ ގޮތަށެވެ. އެގޮތުން ހަމައެކަނި ކައިވެނީގެ ހެދުމާއި ޒީނަތްތެރިވުމަށް އެކަނި ވެސް ސަރުކާރުން 27،000 ރުފިޔާ ދެ އެވެ.

އެކަމަކު ފަހުން އެ ހަރަދުތައް ކަނޑާލައި، އެކަމަށް އާ ފޯމެއް ވަނީ ނެރެފަ އެވެ. މިހާރު ނިންމާފައިވާ ގޮތުން ސަރުކާރުން ހަމައެކަނި ކުރާނީ، ކައިވެނީގައި ބައިވެރިވާ މީހުންގެ ކެއުމާއި ފޮޓޯ ނެގުމާއި ތަން ޑިޒައިން ކުރުމުގެ ހަރަދެވެ.

އިދިކޮޅު ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ކޯލިޝަން ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ތަރުޖަމާން މާރިޔާ އަހުމަދު ދީދީ ވިދާޅުވީ 2016 ގައި ބޭއްވި ލޯކަލް ކައުންސިލް އިންތިހާބަށް ފަހު، ޕީޕީއެމުން ވަނީ ހަމައެކަނި އެ ޕާޓީގެ ކެމްޕޭންތަކަށް ދަރުބާރުގެ ނަގާފައި ކަމަށެވެ. އަދި އެތަނުގައި ކައިވެނި ހަފުލާތައް ބާއްވަން ފަސޭހައިން ހުއްދަ ނުލިބޭއިރު، އެ ފަދަ އެހެން އިމާރާތެއް ހޯދަން ވެސް ދަތި ކަމަށް ވިދާޅުވި އެވެ.

"އެހެންވެ، މި ދަންނަވަނީ ބްރިޖް މަތީގައި ކައިވެނިކުރާށޭ ނުބުނެ، ދަރުބާރުގެ އާއި އެހެން ތަންތަން އާއްމުންނަށް ލިބޭނެ އިންތިޒާމް ހަމަޖައްސައިދޭށޭ،" މާރިޔާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރައްޔިތުންގެ ފައިސާއިން ބޮޑު ހަރަދެއް ކޮށްގެން ބްރިޖް އަޅާފައިވަނީ ދަތުރުކުރުމުގެ ފަސޭހައަކަށެވެ. އެކަމަކު އޭގެ ބަދަލުގައި "ބްރިޖް ބަންދުކޮށްގެން، ދުވާލަކު ދެ ފަހަރު ކައިވެނި ޕާޓީތައް ބޭއްވުން" މާރިޔާ ސިފަކުރެއްވީ އެއްވެސް ރޭވުންތެރިކަމެއް ނެތް ކަމެއްގެ ގޮތުގަ އެވެ.

ސަރުކާރުން ބޮޑު ހަރަދެއްކޮށްގެން، ބްރިޖް މަތީގައި ކައިވެނިކުރުމުގެ އިންތިޒާމް ހަމަޖަައްސާފައިވާތީ އާންމުންގެ ގިނަ ބަޔަކު ވެސް އަންނަނީ ފާޑުކިޔަމުންނެވެ. އެ މީހުން ދެކޭ ގޮތުގައި ބްރިޖް މަތީގައި ކައިވެނިކުރުމަށް ވުރެ، އެ ފައިސާ ހަރަދު ކުރާނެ މާ އެކަށީގެންވާ ކަންކަން އެބަ ހުއްޓެވެ.