ހައްދުފަހަނައެޅުމާއި ޓެރަރިޒަމާ ގުޅޭ ގޮތުން ރައީސްގެ ކަރުދާސް ކޮމިޓީން ފާސްކޮށްފި

ދީނީ ގޮތުން ހައްދުފަހަނައެޅުމާއި ޓެރަރިޒަމްގެ އަމަލުތައް ދެނެގަނެ، ހުއްޓުވުމާ ބެހޭ ގޮތުން ރައީސް އަބްދުﷲ ޔާމީން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ޓެރަރިޒަމާ ބެހޭ ސިޔާސަތު ވަގުތީ ކޮމެޓީން އިއްޔެ ފާސްކޮށްފި އެވެ.


ސަރުކާރުގެ ޓެރަރިޒަމާ ބެހޭ ސިޔާސަތާ މެދު މަޖިލީހުގެ މެމްބަރުން ދެކޭ ގޮތް ބެއްލެވުމަށް ރައީސް ފޮނުއްވި ކަރުދާސް ފާސްވީ ކޮމެޓީގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުންނެވެ.

ކޮމެޓީގެ މެމްބަރުން ބޮޑަށް ބާރުއެޅުއްވީ އެ ކަަރުދާހުގެ މައްޗަށް ގާނޫނީ އޮނިގަނޑެއް އެކުލަވާލުމަށެވެ.

ކޮމެޓީގައި ހިމެނިވަޑައިގަންނަވާ ގެމަނަފުށީ ދާއިރާގެ މެމްބަރު ޖަމީލު އުސްމާނު ވިދާޅުވީ ޓެރަރިޒަމްގެ އަމަލުތައް ހުއްޓުވުމަކީ މިއަދު ކޮންމެހެން ވެސް ކުރަން ޖެހިފައި އޮތް ކަމަށާއި އެ ކަން ހުއްޓުވަން އެއްބާރުލުން ދިނުމުގައި އެމްޑީޕީ މެމްބަރުން ވެސް ތައްޔާރަށް ތިއްބެވި ކަމަށެވެ.

ޓެރަރިޒަމް ހުއްޓުވަން އަޅާ ފިޔަވަޅުތަކަށް އެމްޑީޕީ މެމްބަރުން ވެސް ތާއީދުކުރެއްވި ކަމަށާއި މި ކަރުދާހާ މެދު އެއްވެސް މެމްބަރެއްގެ ހިޔާލުތަފާވެފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މި ކަރުދާސް ފާސްކުރީ އެއަށް އެއްވެސް ބަދަލެއް ގެނައުމެއް ނެތި އެވެ.

ދިވެހި ހަނގުރާމަވެރިއަކު ސީރިއާގައި: ގައުމީ ސަލާމަތާ ގުޅޭ ގާނޫނީ އޮނިގަނޑެއް ވީހާވެސް އަވަހަކަށް އެކުލަވާލަން މެމްބަރުން ތާއީދު ކުރައްވާ.

ޖަމީލު ވިދާޅުވި ގޮތުގައި ގައުމީ ސަލާމަތާ ގުޅޭ ގާނޫނީ އޮނިގަނޑެއް އެކުލަވާލުމަކީ މުހިންމު ކަމެއްގެ ގޮތުގައި ފާހަގަކޮށް، އެކަމާ ގުޅޭ ބިލެއް ވީހާވެސް އަވަހަކަށް މަޖިލީހަށް ފޮނުވަން މެމްބަރުން އެދިވަޑައިގެންނެވި އެވެ.

ސަރުކާރުގެ ސިޔާސަތު ހިމެނޭ ކަރުދާހުގައި ވަނީ ގާނޫނީ އޮނިގަނޑެއް އެކުލަވާލުމުގެ އިތުރުން ޓެެރަރިޒަމާ ދެކޮޅު ސިޔާސަތާއި އެކަންކަމާ ދެކޮޅަށް އަމަލުކުރާނެ ގޮތުގެ ޕްލޭނެއް އެކުލަވާލުމާއި، އެކި މުއައްސަސާތަކުން އެއްކޮށްފައިވާ ޖާސޫސީ މައުލޫމާތުތައް ދިރާސާކޮށް، ޓެރަރިޒަމާ ދެކޮޅަށް މިހާރަށް ވުރެ އަވަސް ފިޔަވަޅުތަކެއް އެޅުމާއި، ރިސޯޓުތަކާއި ޓޫރިސްޓް ހޮޓާތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް ޕްރޮގްރާމްތަކެއް ހިންގުމާއި، ބަނދަރުތަކާއި އެއާޕޯޓުތަކާއި އެ ނޫން ވެސް އިގްތިސާދީ މުހިއްމު ތަންތަނުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރަން ޕްރޮގްރާމަތަކެއް ރާވައި ހިންގުމާއި، ދީނީ ގޮތުން ހައްދުފަހަނައެޅުމާއި ޓެރަރިޒަމާ ދެކޮޅަށް ބޭރުގެ ފަރާތްތަކާ ގުޅިގެން ޕްރޮގްރާމްތަކެއް ހިންގުމާއި، ދީނީ ގޮތުން ހައްދުފަހަނައެޅުމާއި ޓެރަރިޒަމްގެ ސަބަބުން ކުރިމަތިވާ އިޖުތިމާއީ މައްސަލަތައް ހައްލުކުރުމާއި، ރާއްޖެ އަންނަ ބޭރު މީހުންގެ ފަރާތުން ކުރިމަތި ވެދާނެ ނުރައްކާތައް ދެނެގަތުމެވެ.

ސީރިއާ ފަދަ ގައުމުތަކުގައި ކުރާ ދާހިލީ ހަނގުރާމަތަކުގައި ދިވެހިން އަންނަނީ ބައިވެރިވަމުންނެވެ. އަދި އެ ހަނގުރާމަތަކުގައި އެތައް ދިވެހިންނެއް ވަނީ މަރު ވެސް ވެފަ އެވެ.

މި ކަންކަމާ ދެކޮޅަށް މި ފަހުން ސަރުކާރުން ވަނީ ގިނަ ފިޔަވަޅުތަކެއް އަޅަން ފަށާފަ އެވެ.

މި ކަރުދާސް މަޖިލީހަށް ހުށަހެޅުމުގެ އިތުުރުން، ކައުންޓަ ޓެރަރިޒަމް ސެންޓަރެއް ހަދައި ދީނީ ގޮތުން ހައްދުފަހަނައެޅުމާއި ޓެރަރިޒަމް ރާއްޖޭގައި ފެތުރިފައިވާ މިންވަރު ދެނެގަންނަން ދިރާސާއެއް ހަދަން ވެސް ވަނީ ފަށާފަ އެވެ.