ގާނޫނުތައް ވެސް ހަދަނީ ގާނޫނާ ހިލާފަށް: ރޮޒެއިނާ

ގާނޫނާ ހިލާފަށް އެމްޑީޕީން ކަންތައްތައް ކުރަމުންދާ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވާ އިރު ސަރުކާރުގެ ދަށުގައި އޮތް ރައްޔިތުންގެ މަޖިލީހުން ގާނޫނުތައް ހަދަމުން ދަނީ ގާނޫނުތަކާ ހިލާފަށް ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ރޭ ވިދާޅުވެއްޖެ އެވެ.


އިދިކޮޅު ކޯލިޝަނުން ލ. ގަމުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރޮޒެއިނާ ވިދާޅުވީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު ގޮނޑިކޮޅުގައި އިށީނދެވަޑައިގަތަސް އެމަނިކުފާނުގެ އިތުބާރު ނެތް ކަމަށް 45 މެމްބަރަކު ސޮއިކޮށްފައިވާ ކަމަށެވެ. އަދި މިހާރު ގާނޫނުތައް ފާސްކުރަމުން ދަނީ އެކަމަށް ބޭނުންވާ ވޯޓުގެ އަދަދު ވެސް ހަމަނުކޮށް ކަން ފާހަގަކުރެއްވި އެވެ.

"ގާނޫނާ ހިލާފަށް އެމްޑީޕީން އެތައް ކަމެއް ކުރަމުންދާ ކަމަށް ބުނަމުން ދާއިރު [ސަރުކާރު މެމްބަރުން] ގާނޫނުތައް ވެސް ހަދަމުން ދަނީ ގާނޫނާ ހިލާފަށް. ބައްލަވާލައްވައި ސިފައިން އެ ވަނީ މަޖިލިސް ހިސޯރުކޮށްފައި،" ރޮޒެއިނާ ވިދާޅުވި އެވެ.

އޭނާ ވަނީ ރައީސް ޔާމީނަށް ދިވެހި ރައްޔިތުންނަށް ހޯދައިދެވޭނީ ކޮން ރައްކާތެރިކަމެއްތޯ ވެސް ސުވާލު ކުރައްވައިފަ އެވެ. އެ ސުވާލު އޭނާ ކުރެއްވީ މިހާރު ހުޅުމާލޭގައި ހިންގަމުންދާ މާރާމާރީތަކަށް ނިސްބަތްކުރައްވަ އެވެ.

"ހުޅުމާލޭގައި [އިއްޔެ] ވެސް މީހެއްގެ ގަޔަށް ވަޅި ޖެހި ވާހަކަ. އަދި މިދިޔަ ހަފުތާގައި ހިންގި މާރާމާރީގައި ބޯ ފަޅައިގެން ދިޔަ ކުއްޖާ އަދި އޮތީ ޓްރީ ޓޮޕް ހޮސްޕިޓަލްގެ އައިސީޔޫގައި،" ރޮޒައިނާ ވިދާޅުވި އެވެ.

"މީނަ [ރައީސް ޔާމީން] މި ދައްކަނީ ބިރުވެރިކަމުގެ ވާހަކަ. މީނައަށް ކޮން ސަލާމަތެއްތޯ ރައްޔިތުންނަށް ހޯދައިދެވިގެން މި އުޅެނީ ބިރުވެރިކަމުގެ ވާހަކަ ދައްކާއިރުގައި."

ރޮޒައިނާ ވިދާޅުވީ އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އަކީ ކޮން ކަހަލަ ބޭފުޅެއްކަން އެނގިވަޑައިގަންނަވާތާ 10 އަހަރު ވެއްޖެ ކަމަށެވެ. އެއީ ވައުދެއްވެވަޑައިގެންފި ނަމަ އެކަމެއް ކޮށްދެއްވާނެ ބޭފުޅެއް ކަމަށް ވިދާޅުވި އެވެ. އެހެންވެ އޭނާ ގޮވާލެއްވީ އަންނަ މަހު އޮންނަ ރިޔާސީ އިންތިހާބުގައި ހުރިހާ އެންމެން ވެސް އިބޫއަށް ވޯޓު ލުމަށެވެ.